ޚަބަރު

ހާލުގައި ޖެހުމުގެ ސަބަބުން ލަންކާގެ ހަތް އުޅަނދަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހުމުގެ ސަބަބުން އަވަށްޓެރި ސްރީލަންކާގެ ހަތް އުޅަނދަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި އެބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވަނީ އެ ބޯޓުތަކުން އެހީތެރިކަމަށް އެދުމުން އެކަމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިންނެވެ. މި ހަތް ބޯޓުން އެހީތެރިކަމަށް އެދިފައިވަނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް ކޮޅިގަނޑެއްގައި ޖެހުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ މި ހަތް އުޅަނދަށް ދީފައިވީނަމަވެސް މި ހަތް އުޅަނދު ރާއްޖޭގައި ބަނދަރު ނުކުރާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މޫސުންގޯސްވެ ވިއްސާރަވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ އިތުރު 20 މަސްބޯޓަކުން ރާއްޖޭގެ އެހީތެރިކަން ހޯދުމަށް، ރާއްޖެ އައުމަށް ލައްކާ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.