އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

އައިއޯއައިޖީ 2023 ގައި ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފި

މަރިޔަމް ޝަހުދާ

ރާއްޖޭގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީ 2023ގައި ބޭއްވުމަށް ރަސްމީކޮށް ބިޑު ހުށަހަޅައިފި އެވެ.

މިއަދު ހެނދުނު މޮރިޝަސްގައި ކުރިއަށް ދިޔަ ބިޑް ހުށަހެޅުމުގެ ހަފުލާގައި 2023ގައި އައިއޯއައިިޖީ ރާއްޖޭގައި ބޭއްވުމަށް ހުށަހަޅަން ޖެހޭ ރަސްމީ ބިޑު ހުށަހަޅާފައި ވަނީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އަހްމަދު މަހުލޫފް އެވެ. 2023 ގައި އައިއޯއައިޖީ ބޭއްވުމަށް ރާއްޖޭގެ އިތުރުން ބިޑް ހުށަހެޅީ މަޑަގަސްކަރަ އަދި ކޮމޮރޮސް އިންނެވެ.

ރާއްޖޭގެ ފަރާތުން ބިޑް ހުށަހަޅުއްވަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ ރާއްޖެއިން އެންމެ ފުރަތަމަ ބައިވެރިވި ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތަކީ އައިއޯއައިޖީ ކަމަށެވެ. އަދި ރާއްޖެއިން ބައިނަލްއަގްވާމީ ފުޓްބޯޅައިގައި ޖެހި ފުރަތަމަ ގޯލް ޖެހީ ވެސް އައިއޯއައިޖީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މުބާރާތަކީ ދިވެހިންގެ ހިތްތަކާއި ގުޅިލާމެހިފައިވާ މުބާރާތެއް ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އައިއޯއައިޖީގައި ރާއްޖެއިން ބައިވެރިވުމަށް ކަނޑު ހުރަސްކުރާތާ 40 އަހަރުވީ ކަމަށެވެ. އަދި އެންމެ ފަހަރަކުވެސް މުބާރާތުގައި ބައިވެރިނުވެ ދޫކޮށްލާފައި ނުވާކަމަށް ވިދާޅުވިއެވެ. މިކަން ފާހަގަ ކުރައްވައި މިނިސްޓަރު މަހުލޫފު ވިދާޅުވީ މިއީ ރާއްޖޭގައި މި މުބާރާތް ބާއްވަން ފުރުސަތު ދޭންވީ ފަހަރު ކަަމަށެވެ.