ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޮރިޝަސްގެ ވަގުތީ ރައީސްއާ، ރައީސް އިިބު ސޯލިހު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި

މޮރިޝަސްގެ ވަގުތީ ރައީސް ހިޒް އެކްސެލެންސީ ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

މޮރިޝަސް ސަރުކާރުގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މޮރިޝަސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެގައުމުގެ ވަގުތީ ރައީސާއެކު މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުމާއި އަދި ކުރިމަގުގައި މި ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަކީ ދެގައުމަށްވެސް ވަރަށް އެއްގޮތް ގޮންޖެހުންތަކަކަށް ވާތީ އެފަދަ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިއްޔެ އެމަނިކުފާނުގެ ދެ ކަނބަލުންނާއި ދިވެހި ޑެލިގޭޝަނަށް މޮރިޝަސްއިން ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ވަގުތީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން އިއްޔެ ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުނީތީ އުފާކުރައްވާކަން ހާމަކުރައްވައި މުބާރާތުގެ ކުރިޔަށް ހުރި ކުޅިވަރުތައް ވެސް ބައްލަވައިލެއްވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ފާޅުކުރެއްވިއެވެ.