ޖޭއެސްސީގެ މެންބަރުކަމަށް ހޮވިވަޑައިގަންނަވާ ވަކީލުންނަށް ވަކާލާތުކުރަން އޮންނަ ފުރުސަތު ހިފެހެއްޓުމަކީ ގާނޫނުއާސާސީ އާއި ގާނޫނުން އެމީހަކަށް ލިބިދޭ ހައްގެއް ގައިދު ކުރެވޭ ހާލަތެއް ނޫން ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީއަށް ހޮވިވަޑައިގަންނަވާ ވަކީލުން، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ތިއްބެވިހާ ދުވަހަކު ވަކާލާތު ނުކުރެވޭގޮތަށް ކަނޑައަޅާފައި އޮތުމުން، ބާ ކައުންސިލްގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭޖީ ވިދާޅުވީ، ޖޭއެސްސީއަށް ހޮވިވަޑައިގަންނަވާ ވަކީލުން ކަނޑައެޅޭ މުއްދަތަކަށް ވަކީލުކަން ނުކުރެވޭގޮތަށް ސަރުކާރުން ހުށަހަަޅައިގެން ކަނޑައެޅީ ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހުގައި ކަމަށެވެެ.
ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ވަކީލުންނަށް ވަކާލާނު ނުކުރެވޭ ގޮތަށް އޮތުމުން، ބާ ކައުންސިލްގެ ނާއިބު ރައީސް އަބުދުﷲ މުއިއްޒު އާއި އެ ކައުންސިލްގެ އެކެޒެކެޓިވް ކޮމިޓީގެ މެންބަރު އަހުމަދު މުއިއްޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން އޭޖީ ވިދާޅުވީ، ޖޭއެސްސީގެ މެންބަރަކަށް ބޭފުޅަކު ވަޑަިއގަންނަވަނީ އެބޭފުޅެއްގެ އަމިއްލަ އިހުތިޔާރުގައި ވަކާލާތު ކުރެއްވޭކަން ނުވަތަ ނުކުރެއްވޭކަން އެނގިވަޑައިގަންނަވާ ހާލަތުގައި ކަމަށެވެ.
"ޖޭއެސްސީގެ މެންބަރަކަށް ބޭފުޅަކު ވަޑަިއގަންނަވަނީ އެބޭފުޅެއްގެ އަމިއްލަ އިހުތިޔާރުގައި ވަކާލާތު ކުރެއްވޭކަން ނުވަތަ ނުކުރެއްވޭކަން އެނގިވަޑައިގަންނަވާ ހާލަތުގައި މޭކް ކުރައްވާ ޗޮއިސްއެއް އެއީ،" އޭޖީ ވިދާޅުވިއެވެ.
ރިފްއަތު އިތުރަށް ވިދާާޅުވީ، ގާނޫނުގައި އެކަން މަނާކުރަނީ، ޖޭއެސްސީގެ ނަޒާހަތްތެރިކަން ނަގަހައްޓައި މަސްލަހަތު ފުށުއެރުމެއް ނުބޭއްވޭނެގޮތަށް ކަންކަން އިްނތިޒާމް ކުރަން ކަމަށެވެ.
"އެހެންވީމަ ވަކާލާތު ކުރުމަކީ އެބޭފުޅާގެ ފަންނު ކަމުގައިވާނަމަ އެބޭފުޅާ ވަޑައިގަންނަވާކަށް ނުޖެހޭ ކޮންމެހެން ޖުޑީޝަލް ސާވިސްގެ މެންބަރުކަން ކުރައްވާކަށް، ހަމަ ކޯޓުތަކަށް ވަޑަިއގަންނަވަންވީ، އެހެންނަމަވެސް ޖޭއެސްސީ އަށް ވަޑައިގަންނަވަނީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބައްލަވައި، ގާނޫނީ އިމުގެ ތެރެއިން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވަން ކަމުގަ ވަނީވިއްޔާ އެބަޖެހޭ ކޮންމެވެސް އެއް ހިސާބަކުން އެއްކަމެއް އިހުތިޔާރު ކުރައްވަން،" އޭޖީ ވިދާޅުވިއެވެ.
އޭޖީ ވިދާޅުވީ ވަކީލަކަށް ވުމަކީ ހަމައެކަނި ވަކީލުކަން ކުރަން އޮތް ފުރުސަތެއް ނޫން ކަމަށާއި، ގާނޫނީ އިތުރު އެތައް މަސައްކަތްތަކެއް ކުރެވޭ ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ގާނޫނީ ލަފާދިނުމާއި ގާނޫނީ ލިޔެ ކިއުންތައް ތައްޔާރު ކުރުމުގެ އިތުރުންވެސް ވަރަށް ބައިވަރު ކަންތައްތަކެއް ކުރެވޭނެ ކަމަށް ވިދާާޅުވިއެވެ.
"އެހެންވީމާ ވަހާލާތުކުރަން އެއޮންނަ ފުރުސަތު ކަނޑައެޅިފައިވާ މުއްދަތަކަށް ހިފެހެއްޓުމަކީ ގާނޫނުއަސާސީއާ، ނޫންނަމަ އެހެންވެސް ގާނޫނަކުން އެމީހަކަށް ލިބިދޭ ހައްގެއް، ގައިދު ކުރެވޭނެ ހާލަތެއް ނޫން،" ރިފްއަތު ވިދާޅުވިއެވެ.