ރައީސް އޮފީސް

މިނިވަން ދުވަހާއި ބޮޑު އީދު ޗުއްޓީ ދިގުވާ ގޮތަށް ބަންދު ދުވަސް އިތުރުކޮށްދޭން ނިންމައިފި

މިއަހަރުގެ މިނިވަން ދުވަހާއި އަޟްހާ އީދު ޗުއްޓީ އިތުރުވާ ގޮތަށް ސަރުކާރުން ބަންދު ދުވަސްތަކުގެ ގޮތުގައި ދެ ދުވަސް ކަނޑައަޅައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ސަރުކާރުގެ ގިނައަދަދެއްގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާތީ، 28 ޖުލައި 2019 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފައިވާ ކަމަށެވެ.

މީގެއިތުރުން އަޟުހާ އީދާ ގުޅިގެން ޗުއްޓީއަށާއި، އެނޫންވެސް އެހެނިހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭ ގޮތް ހަމަޖައްސަވައި ދެއްވުމަށްޓަކައި، 15 އޮގަސްޓު 2019 ވާ ބުރާސްފަތި ދުވަހަކީ ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިދެއްވާފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެހެންކަމުން ޖުލައި މަހުގެ 28 ވަނަ ދުވަހާއި އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދެދުވަސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިވަނީ ހަމަޖައްސަވައިފައެވެ.