އެމްޕީއެލް

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން މުދާ ކްލިއާކުރާ ގަޑިތައް ބަދަލުކޮށްފި

މާލޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް މިނިސްޓްރީން ބަދަލު ގެނައުމާއި ގުޅިގެން އެމްޕީއެލްއިން މުދާ ކުލިއާ ކުރާ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެމްޕީއެލްއިން މިއަދުކުރި އިއުލާނެއްގައި ބުނެފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން މާލޭގެ މަގުތަކުގައި މުދާ އުފުލާ ވަގުތުތަކަށް ބަދަލު ގެނައުމުން މިއަދުން ފެށިގެން ކަނޑުމަގުން މުދާ ބޭރުކުރެވޭ މުދަލުގެ ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ރޭގަނޑު 10:30 އަށް ކަމަށެވެ.

މީގެއިތުރުން އެއްގަމުން ބޭރުކުރާ ކުރާ މުދަލުގެ ކޮންޓައިނާ އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯގެ ޑެލިވަރީ އޯޑަރު ނޯޓުކުރާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 11:15 އަށް، އަދި މެންދުރު ފަހު 1:00 އިން 2:00 އަށެވެ. އަދި ހަވީރު 4:00 އިން ރޭގަނޑު 7:00 އަށް، އަދި ރޭގަނޑު 8:00 އިން 10:00 އަށާއި ރޭގަނޑު 11:30 އިން މެންދަމު 12:00 އަށް ކަމަށްވެސް އެމްޕީއެލްގެ އިއުލާންގައިވެއެވެ.

ކޮންޓެއިނަރުގައި ހުންނަ މުދާ ބަރުކުރުމަށް ލޮރީ ނުވަތަ ޕިކަޕް އެސަރަހައްދަށް ވައްދަން ފަށާނީ ހެނދުނު 8:15 އިން 10:00 އަށް ކަމަށާއި، އަދި މެންދުރު ފަހު 1:15 އިން ފެށިގެން މަސައްކަތް ނިމެންދެން އަދި އެރޭ މެންދަމު 3:30 އާއި ހަމައަށް ކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

މީގެއިތުރުން ކޮންޓެއިނާތަކާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަކޮށް ބަރުކުރެވޭ ލޮރީތަކަށް މަގުމައްޗަށް ނުކުމެވޭނީ ހެނދުނު 9:00 އިން ފެށިގެން ހެނދުނު 11:30 އަށެވެ. އަދި މެންދުރު ފަހު 1:30 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށެވެ.

މީގެއިތުރުން ހުކުރު ދުވަހު މުދާ ދޫކުރާއިރު، ކަނޑުމަގުން ބޭރުކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރު ނޯޓު ކުރެވޭނީ މެންދުރުފަހު 3:45 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ. ކޮންޓެއިނަރާއި ޖެނެރަލް ކާގޯގެ މުދަލުގެ ޑެލިވެރީ އޯޑަރު ނޯޓް ކުރެވޭނީ ހަވީރު މެންދުރުފަހު 3:45 އިން ފެށިގެން ރޭގަނޑު 10:00 އަށެވެ.

ދޯނިފަހަރަށް ބަރުކުރާ މުދާ ބަރުކުރުމުގެ މަސައްކަތް މެންދުރުފަހު 3:45 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 7:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ލޮރީ ނުވަތަ ޕިކަޕް އެސަރަހައްދަށް ވައްދަން ފަށާނީ، މެންދުރުފަހު 3:45 އެކެވެ. ކޮންޓެއިނަރައިޒް އާއި ޖެނެރަލް ކާގޯ އަދި ޕެރިޝަބަލް ކާގޯ، ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ މެންދުރުފަހު 3:45 އިން ފެށިގެން މެންދަމު 03:30 އަށެވެ.