ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދެއްކުމަށް ސުޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލަން އެކުންފުނިން އެދިއްޖެއެވެ.
ދީބާޖާއަށް 348.10 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ފެރީ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ވަނީ ބާތިލުކޮށްފައެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ފަރާތުން ބަދަލު ދޭންޖެހޭ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމަށް އޮންނަ ސެޓްލްމަންޓް ކޮމެޓީއަށް ހުށަހަޅައިގެން އެ މައްސަލާގައި ހައްލެއް ހޯދައިދިނުމަށް ދީބާޖާ އިން އެޓާނީ ޖެނެރަލްގެ ކިބައިން އެދިފައިވާ ކަމަށެވެ.
އަދި އެ މައްސަލައިގައި ހައްލު ހޯދުމަށް އެދި ދީބާޖާ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ގަރާރެއް ފާސްކޮށް އޭޖީ އޮފީހަށް ހުށަހަޅައިފައި ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ދީބާޖާ އިންވެސްޓްމަންޓުން އޭޖީ އޮފީހަށް ހުށަހެޅި ގަރާރުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދާއި ޑިރެކްޓަރު ޝަހީން މުހައްމަދާއި ޑިރެކްޓަރު އަހުމަދު ޖަނާހާއި ޑިރެކްޓަރު އަބްދުﷲ ޖާވިދާއި ޑިރެކްޓަރު މުހައްމަދު ހުސައިންފުޅުގެ އިތުރުން ޑިރެކްޓަރު އިބްރާހީމް މުއިއްޒު ސޮއިކުރައްވާފައިވާ ކަމަށް ވެސް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.