މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ

މޫސުން ގޯސްވެ، މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރާ ޖަލްސާ ފަސްކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

މިރޭ ބާއްވަން ނިންމި މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާ މޫސުން ގޯސްވުމާ ގުޅިގެން ފަސްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ، މިރޭ ދިއްގަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަސްވެރިކަމުގެ ސިޔާސަތު އިފްތިތާހުކުރުމުގެ ޖަލްސާ މ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އަދި އެ ރަސްމިއްޔާތު ފަހުން ބޭއްވޭނެ ތާރީޚް ވީހާވެސް އަވަހަކަށް އިއުލާންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

''ނަފާވާ މަސްކަނޑު'' ގެ ނަމުގައި އިފްތިތާހުކުރުމަށް ނިންމި ޖަލްސާގައި، ސަރުކާރުން އެކުލަވާލާފައިވާ މަސްވެރިކަމުގެ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވަން ކުރީން ހަމަޖައްސާފައިވަނީ މިރޭ 9:00 ގައި ދިއްގަރުގައެވެ.

މަސްވެރިކަމުގެ ނަފާ ދިވެހީންނަށް ހޯދައިދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ރައީސް ސޯލިހު ވަނީ މަސްވެރިކަމުގެ ސިޔާސަތު ކަނޑައެޅުމުގައި މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ގދ. ތިނަދޫގައި ހުސްވި ހަފުތާގައި ބޭއްވި ހޮޅުއަށީގައި ބައިވެރިވަޑައިގެންފައި ވެއެވެ.