މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 21

އަބްދުﷲ ފާރޫގް ހަސަން

ކުޅިވަރާއި އާދަކާދަ

ކާވެނި

އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންކަމުގައި ހިމެނޭ މަލިކުމީހުންގެ ތެރޭގައި ކާވެންޏަކީ ވަރަށް ޚާއްޞަ އާދަކާދަތަކެއް އެކަމުގައި އެކުލެވިފައި އޮންނަ ކަމެކެވެ.

މަލިކުގައި ތަންކޮޅެއްކުރިން ކާވެނިކޮށް އުޅެނީ ޢާއިލީގޮތުން ބަލައިގެން ދެބެންގެދެދަރި ހިސާބުންނެވެ. އޭގެ އެންމެބޮޑު ބޭނުމަކީ ޢާއިލީ މުދައު ބޭރުފަރާތަކަށް ދިޔަނުދިނުމެވެ. ދެވަނަ ސަބަބަކީ ނަސްލީގޮތުން މީހުން ބެހިފައިވާގޮތުގައި އޮންނަ ތަފާތެވެ. ނަމަވެސް މިހާރު ކާވެނި ކުރުމުގައި މިދެންނެވި ޢާއިލީ ގުޅުމަށް ބެލުމެއް ނޯވެއެވެ. އެކަމަކު މަނިކުފާނުން (ރާއްޖޭގައި ނަމަ ބޭފުޅުން) ރާވެރީންގެ ފަންތީން ކާވެންޏެއް ނުކުރެއެވެ. މިއީ ހަމައެކަނި މަލިކުގައި މިކަން އޮންނަގޮތެއް ނޫނެވެ. މާލެއާއި ރާއްޖެތެރޭގައިވެސް އިހުގައި މިކަން އޮތްގޮތެވެ.

މަލިކުގައި ޢާއިލާއެއްގެ އަންހެންކުއްޖަކު ނުވަތަ ފިރިހެންކުއްޖަކު ބޮޑުވެއްޖެނަމަ އޭނާއާ ކައިވެނީގެގޮތުން ގުޅުވާނެ ބައިވެރިޔަކު ހޯދުމަކީ އޭނާގެ މައިންބަފައިންގެ ކަމެކެވެ. ކާވެނިކުރަން ބޭނުންވާ ކުއްޖާގެ މައިންބަފައިން މަޝްވަރާކޮށްގެން އަނެއްޖިންސުގެ ކުއްޖަކު އިންތިޚާބުކޮށް އެކުއްޖާގެ މައިންބަފައިންނާ ވާހަކަ ދައްކައި އެއްބަސްވުމަކަށް އައުމަށްފަހު ދެފަރާތުގެ ޢާއިލާއިން އެމީހުންގެ ކަނޑައެޅުން ކާވެނިކުރާ ދެކުދީންނަށް އަންގައެވެ. އެދެކުދީން ޤަބޫލުވެއްޖެނަމަ އެހިސާބުން ކާވެނީގެ މައްސަލަ ކުރިއަށް ގެންދަނީއެވެ. ޤަބޫލު ނުވެއްޖެނަމަ އެހެންފަރާތެއް ހޯދައި އިސްވެދެންނެވި ގޮތަށް ކުރިޔަށް ދަނީއެވެ. މިހާރަކަށްއައިސް ލޯބީގެ މައްޗަށް ބިނާކޮށް ކުރެވޭ ކާވެނިވެސް މަދެއް ނޫނެވެ. ނަމަވެސް އެފަދަ ކާވެނިތަކުގައިވެސް އާދަކާދައިގެގޮތުން ހިފަހައްޓާ އުޞޫލުތަކުގައި އެއްވެސް ތަފާތެއް ނުހުރެއެވެ. ތަފާތަކީ ހަމައެކަނި ކާވެނިވާ ދެމީހުންގެ މެދުގައި ކުރީއްސުރެ ދެނެފަރިތަކަމެއް އޮތުމެވެ. ދެކުއްޖެއްގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދޭ އިރަށް އެއީ މައިންބަފައިން ނުރުހޭ ކަމެއްކަމުގައި ވާނަމަ އެކަމެއް ހުއްޓުވައެވެ. ކޮންމެގޮތެއްގައިވެސް ކާވެނީގެ ކުރީގައި މިނިވަން ބައްދަލުވުންތަކެއް ނޯވެއެވެ.

ކާވެނިކުރާ ދެކުދީންނާއި ދެފަރާތުގެ ޢާއިލާ އެއްބަސްވުމަކަށް އައުމަށްފަހު ފިރިހެންކުއްޖާގެ ފަރާތުން އަންހެންކުއްޖާގެ ގެއަށް އިންނަން އަހަން ދިޔުން އޮވެއެވެ. އިންނަން އަހަން ދާނީ ފިރިހެންކުއްޖާގެ މަންމައާއި، ދެފަރާތުގެ ބޮޑުދައިތައިންނާއި، އޭނާގެ އެއްބަނޑު ނުވަތަ އެއްބަފާ އަންހެނުންނެވެ. މިދާދިޔުމުގައި "ފޭލި މަލާފަތެއް" ގެންދެއެވެ. އޭގައި ހުންނާނީ އަންހެނެއްގެ އަތްފައިގެ ގަހަނައާއި އުނުފޭރާމެވެ.

އިންނަން އަހާ ދުވަހުގެ ރަސްމިއްޔާތަށް އަންހެންކުއްޖާގެވެސް ދެފަރާތުގެ ބޮޑުދައިތައިން ޙާޟިރުވެއެވެ. އެދުވަހު އޮންނަނީ ކާވެނީގެ މުނާސަބާގައި ފިރިހެންކުއްޖާގެ ފަރާތުން ދޭ އެއްޗެހި ދޭނެ ދުވަހެއް ހަމަޖެއްސުމާއި، ކާވެނިކުރާނެ ދުވަހެއް ކަނޑައެޅުމާއި، ކާވެނީގެ ދަޢުވަތު ދޭނޭ މީހުންގެ ނަންތައް އެކަށައެޅުމެވެ.

އިންނަން އަހާ ދުވަހު އެރަސްމިއްޔާތުގައި ބައިވެރިވާ މީހުންނަށް ސައިތައްޔާރު ކުރެއެވެ. އެކަމަށް ބޭނުން ހުރިހާ ޚަރަދެއް ފިރިހެންކުއްޖާގެ ގެއިން އަންހެންކުއްޖާގެ ގެއަށް ފޮނުވާނެއެވެ.

ރާއްޖޭގެ އެހެނިހެން ރަށްރަށުގައި މިކަން އޮންނަ ގޮތާމެދު ވިސްނާއިރު ހއ.ދިއްދޫގައިވެސް ކާވެނިބަތުގެ ކުރީގައި ސައެއް ހަދައެވެ. އެސައި ހެދުމަށް ބޭނުންވާ ހުރިހާ އެއްޗެއް ފިރިހެންކުއްޖާގެ ގެއިން އަންހެންކުއްޖާގެ ގެއަށް ފޮނުވުމުން ސައިހަދަނީ އަންހެންކުއްޖާގެ ގޭގައެވެ.

އިންނަން އަހާ ދުވަހު އެރަސްމިއްޔާތަށް ފަހު އޮންނަނީ، "ސަހީ" ކުރުމެވެ. އާދެ، ކާވެނީގެ "އިޤްރާރު" ގައި ސޮއިކުރުމެވެ. ސޮއިކުރަން ދަނީ ކަތީބު ގާތަށެވެ. ކަތީބުގެއަށް ދަނީ ފިރިހެންކުއްޖާއާއި އޭނާގެ ބައްޕަ ނުވަތަ ބައްޕަ ފަރާތުގެ ބޮޑުބޭބެއާއި ދައްތަ އިނދެގެން އުޅޭ ބޭބެއާއެވެ. އަންހެންކުއްޖާގެ ފަރާތުން ދަނީ މަންމަ ނުވަތަ އައްޕައްޗި (ބައްޕަ ފަރާތުގެ ބޮޑުދައިތަ) އާއި ބަފާފުށުގެ ބޮޑުބޭބެގެ އަންހެނުންނެވެ.

ކަތީބު ފުރަތަމަ ސުވާލުކޮށް، މަޢުލޫމާތު ހޯދައި ސޮއިކުރުވަނީ އަންހެންކުއްޖާގެ ފަރާތުންނެވެ. އޭގެފަހުން ފިރިހެންކުއްޖާއާ ސުވާލުކޮށް މަޢުލޫމާތު ހޯދައި އަންހެންކުއްޖާ ރަންކީ ޢަދަދު އަންގައި ފިރިހެންކުއްޖާ ލައްވައި ސޮއި ކުރުވައެވެ. ކާވެނީގެ ޙިކުމަތާއި، ދީނީގޮތުން އެކަން އޮންނަގޮތާމެދު ވާހަކަދައްކައި، ނަސޭހަތްދެއެވެ. މަލިކުގައި އިހުޒަމާނުގައި ރަންކިޔަނީ:

މަނިކުފާނަކަށް: -/100
ތަކުރުފާނަކަށް: -/50
ތަކުރަކަށް: -/25
ކަލޯއަކަށް: -/10 އަށެވެ.

މަލިކުގައި މިހާރު ރަންކިޔުމުގައި މިއުޞޫލަށް ތަބާވުމެއް ނޯވެއެވެ. ޢާންމުކޮށް މިހާރު ރަންކިޔަނީ -/250ރ. އާއި 4,000/-ރ. އާ ދެމެދުގެ ޢަދަދުތަކަށެވެ. ތިރީގައި މިވަނީ ދެމަފިރީން ސަހީކުރާ (ސޮއިކުރާ) އެއްބަސްވުމެވެ.


ރަޖްނަމްބަރު: ތާރީޚު: ރަން:
ފިރިޔާ، ބަފޯގެނަމާއިއެކު:
ޢުމުރު: ވަނަ ކާވިނި: އާޕަހުގައި އަނެކަކައި
އަނބި، ބަފޯގެ ނަމާއިއެކު:
ޢުމުރު: ވަނަ ކާވިނި: އާޕަހުގައި އަނެކަކައި

1. ފިރިޔާއަކީ އަނބިމީހާއަށާއި، ދަރީންނަށް ގޯތީގެ އިސްވެރިޔާ ކަމުގައި ވާނެއެވެ.

2. ދީނާއި ޚިލާފުވާކަމެއް މެނުވީ ފިރިޔާ ކުރާ އެހެނިހެން ހުރިހާ ޖާއިޒު އަމުރަކަށް އަނބިމީހާ ތަބާވާނެއެވެ.

3. ދެމަފިރީން ހެޔޮކަންތަކުގައި އެކެއް އަނެކަކަށް މަދަދުވެރިވާނެތެވެ.

4. ދެމަފިރީން އާޕަހުގައި އެއްހާލެއްގައިވެސް އެކެއް އަނެކަކަށް ޚިޔާނަތްތެރިއެއް ނުވާނެތެވެ.

5. ދެމަފިރީން އެކެއް އަނެކެއްގެ ކިބާގައި ހުރި ޠަބަޢީ އުނިކަން ކެތްތެރިކަމާއިގެން ބަރުދާސްކުރާނެތެވެ.

6. ދެމަފިރީން އެކެއް އަނެކެއްގެ ކިބާގައި ހުރި ސިއްރީ ޢައިބުތަކެއް އެހެނިހެން ހިލޭ މީހުންގާތު ކިޔައި ހަދައިޔެއް ނޫޅޭނެތެވެ.

7. އެކެއް އަނެކެއްގެ އަބުރާއި ޢިއްޒަތަކީ ތިމާގެ އަމިއްލަކަމުގައި ހިތައިގެން އެއަށް ސަމާލުވެ އުޅޭނެތެވެ.

8. އަނބިމީހާގެ މަޙްރަމުން ފިޔަވައި ނާމަޙްރަމުންގެ ތެރެއިން ފިރިޔާ ރުހިނުވާ އެކަކައިވެސް އަނބިމީހާ އެއްވެސް ގުޅުމެއް ނުބަހައްޓާނެއެވެ. އަދި ނުމެ ފިރިޔާ އެފަދަ އަނބިމީހާ ނުރުހޭ އަންހެނެކައި އެއްވެސް ގުޅުމެއް ބަހައްޓާނެ މެއެވެ.

9. މާތްކަލާނގެ ދެއްވި ދަރީންނަކީ އެއީ އެންމެބޮޑު ނިޢުމަތްކަމުގައި ބަލައިގެން އެދަރީންގެ ދެދުނިޔެ ބާއްޖަވެރިކުރުމަށް ދެމަފިރީން ބައިވެރިވެގެން މަސައްކަތް ކުރާނެތެވެ.
10. ދެގޯތި މައިންބަފައިންގެ ނުރުހުން ޠަލާޤުގެ ނުވަތަ ޚުލްޢުގެ ސަބަބެއްކަމުގައި ވެގެން ނުވާނެއެވެ.

11. ދެމަފިރީންގެ ދެމެދުގައި އުފެދޭ ހުރިހައި އަރައިރުންތަކަށް ފައިޞަލާ ކުރެވޭނީ ޝަރުޢީގޮތުން އެކަންޏެވެ. އެއަރައިރުންތައް ހިފައިގެން އެކަކުވެސް ދުނިޔަވީ ކޯޓަކަށް ނުދާނެއެވެ.

12. ދެމަފިރީންގެ ދެމެދުގައި ކޮންމެވެސް ގޮތަކުން ނަމަވިޔަސް އަރައިރުމެއް ހިނގައިފިނަމަ ޚަޠީބުގެ މެދުވެރިކަމައިގެން ދެފަރާތުންހުރި މީހުންވެގެން އާޕަހުގައި ޞުލްޙަވެރިވޭތޯ ނުބަލައި އެކަކުވެސް ތަލާޤު ދިނުމަށް ނުވަތަ ޚުލްޢު ލިބުނުމަށް ނުއެދޭނެއެވެ.

13. ދެމަފިރީންގެ ތެރެއިން އެކަކަށްވެސް ޚަޠީބުގެ މެދުވެރިކަމާއިގެން މެނުވީ ޠަލާޤުގެ ނުވަތަ ޚުލްޢުގެ ނުވަތަ ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤު ދިނުމުގެ ނުވަތަ ކާވެނި ފަސްޚުކުރުމުގެ ހުއްދައެއް ނޯންނާނެއެވެ. ޚަޠީބުގެ ޙުކުމާއި ނުލައި އަމިއްލަ ނަފްސަށް ޠަލާޤެއް ނުދެވޭނެއެވެ.

14. ޠަލާޤު ދޭންޖެހިއްޖެނަމަ ފިރިޔާ ދޭނީ ޖިމާޢުކޮށްފައިނުވާ ޠުހުރެއްގައި ރުޖްޢީ ޠަލާޤެކެވެ. އަދި އެއީ ފިރިޔާއަށް ކަމެއް ނެތިގެން ދެވޭ ޠަލާޤަކީނަމަ ޚަޠީބު ހަމަޖެއްސި ގޮތަކަށް ދޭންޖެހޭ ހުރިހައި ކަރަދެއް ދީ އަވަދިވެއްޖައުމަށް ފަހުގައެވެ.

15. ޠަލާޤަށްފަހު އޭގެ ޢިއްދާގައި ދޭންޖެހޭ ކަރަދުގެ ހިސާބު ކުރެވޭނީ އާދާގައި ފިރިޔާ މަސްމަހަށް ދެމުންއައި ކަރަދެއްގެ ގޮތްމަތިންނެވެ.

16. ރަށުން ފޭގައިހުރި ފިރިޔަކު ރަށުން ފުރައިގެން ހަމަސްދުވަސް ނުވަނީސް ޠަލާޤުނާމާއެއް ނުފޮނުވާނެއެވެ. އެއަށްފަހު ފޮނުވާ ޠަލާޤުނާމާގައި ޠަލާޤުގެ ސަބަބުތައް ދައްކައި މަދުވެގެން ދީންދާރު ދެމީހަކު ހެކިވާނެއެވެ. އަދި ޠަލާޤުނާމާ ރަށަށް އާނާނީ އެ ހެކިވެރީންގެ ތެރެއިން ކޮންމެ އެކެއްގެ އަތުގައި ޚަޠީބުގެ ނަމުގައެވެ. ނަމަވެސް ޠަލާޤުނާމާ ފޮނުވާންޖެހުނީ އަނބިމީހާގެ ކިބައިން އެންމޭނަށްމެ ފައުޅުވެގެންވާ، ނުހަނުވެސް ފާފަވެރި ލަދުޙަޔާތްނެތް ކަމެއްގެ ސަބަބުން ކަމުގައިވިއްޔާ ޚަޠީބު ނަމުގައި އޭނާ އެޠަލާޤުނާމާގައި ހެކިން ފިޔަވައި ނަންގަނެވިދިޔަ ޝަރުޠުތައް ހުރުން ބޭނުމެއް ނޫނެވެ.

17. ތެލިގިރާބުން ދެވޭ އެއްވެސް ޠަލާޤެއް ޤަބޫލެއް ނުކުރެވޭނެއެވެ.

18. ފިރިޔާ ރަށުން ބޭރުގައި ދެއަހަރަށް ވުރެ ގިނަދުވަސް އަނބިމީހާޔައި ގުޅުމެއް ނުބަހައްޓައި ހުރެއްޖެނަމަ އަނބިމީހާއަށް ޙުލްޢު އަތުލުމުގެ ނުވަތަ އަމިއްލަ ނަފްސަށް ޠަލާޤު ދިނުމުގެ ހުއްދަވާނެއެވެ.

19. ހަތަރުއަހަރު ވާންދެން ފިރިޔާގެ އެއްވެސް ހިލަމެއް ނުވެއްޖެނަމަ އަނބިމީހާއަށް ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤުދީ ވަރިވުން ހުއްދަވާނެއެވެ. މިހެން ވަރިވެއްޖެ އަންހެނަކު އެހެން ފިރިހެނަކާއި އިނުމަށްފަހު ހިލަމެއް ލިބިއްޖެ ފިރިހެނާއަށް އެއަންހެނާއަކީ ތިމާގެ އަނބިކަމުގެ ދާވާކުރުން ހުއްދަވެގެން ނުވާނެއެވެ.

20. ފިރިޔާއަށް ތަނަވަސްކަން ލިބިވާ ހާލުގައިވެސް އަނބިމީހާގެ ކަރަދެއް ނުބަލައި ހަމަސްދުވަސް ވާނދެން ހުރެއްޖެނަމަ އަނބިމީހާއަށް ވަރިވާން ހުއްދަވެގެންވާނެއެވެ.

21. އާޕަހުގައި އުޅެވެންނެތްކަން ސާބިތުވެއްޖައުމަށް ފަހުވެސް ފިރިޔާ ޠަލާޤުދީ ވަރިވާން ތައްޔާރުނުވަނީ ވިއްޔާ ތިމާގެ އަމިއްލަ ނަފްސަށް ޠަލާޤުދީ ވަރިވުން އަނބިމީހާއަށް ހުއްދަވާނެއެވެ.

22. ދެމަފިރީންގެ ތެރެއިން ކޮންމެވެސް އެކަކަށް، ދެމަފިރި ގުޅުންތައް ނުބެހެއްޓޭނެ ވަރުގެ އައިބެއް ނުވަތަ ބައްޔެއް އޮތީވިއްޔާ ނުވަތަ ޖެހިއްޖެއްޔާ އަނެކަކަށް ކާވެނި ފަސްޚުކުރުމުގެ އިޚްތިޔާރު އޮންނާނެއެވެ.

23. އަމުދުންވެސް އެކީ އުޅެވޭކަށެއް ނެތްކަން ކަށަވަރުވެއްޖައުމުން ދެމަފިރީން ވަރިވެއްޖައުމަށް ފަހުވެސް ދެގޯތިދެމެދުގައި ޖެއްސުމެއް ވާނޭވަރުގެ އެއްވެސްގޮތެއް އެކަކުވެސް ނުހަދާނެއެވެ.

24. ދެމަފިރީން ވަރިވެއްޖައުމަށްފަހުވެސް މާތްކަލާނގެ ދެއްވި ދަރީން ގެންގުޅި ބޮޑުކުރާނީ ދެގޯތިމީހުން އެކެއް އަނެކެއްގެ ލަފަޔާއި ލައިގެންނެވެ.

25. ވަރިވެއްޖައުމަށްފަހުވެސް ދަރީންގެ ބަފޯ ނުވަތަ ބަފޯގެ ފަރާތުން ހުރި ވަލޮތް (ވަލީ) ވެރިޔަކު، ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކަށް ދަރީންނަށްދޭ އެއްޗެއް ދަރީންގެ އަމޯ ފަރާތުން ހުރި މީހަކު ޤަބޫލުކުރާނެއެވެ.

26. ދަރީންގެބަފޯ ނުވަތަ އެބަފޯގެ ފަރާތުން ހުރި ވަލޮތްވެރިޔަކު ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކަށް ދަރީންގެ ޖާއިޒު ވެގެންވާ ބޭނުންތައް ފުއްދައިދޭހައި ހިނދު އެ ޙާޖަތްތައް ފުއްދައިދޭ މީހަކާއި ދަރީން ދުރުކޮށް ބެހެއްޓުން ދަރީންގެ އަމޯއަށް ނުވަތަ އަމޯ ފަރާތުންހުރި ދަރީން ބަލަހައްޓާ މީހަކަށް ހުއްދަވެގެން ނުވެއެވެ.

27. ދަރީންގެ ބަފޯ ނުވަތަ ބަފޯ ފަރާތުން ހުރި ވަލޮތްވެރިއަކު ދަރީންގެ ޖާއިޒުވެގެންވާ ޙާޖަތްތައް ތިމާއަށް ކުޅަދާނަވެގެންވާ މިންވަރަކަށް ފުއްދައިނުދެނީވިއްޔާ އެމީހަކަށް އެއްޙާލެއްގައިވެސް ދަރީންގެ އެއްވެސް ކަމަކާ ވަލޮތްވެރިއެއްގެ ގޮތުން ބެހުން ހުއްދަވެގެން ނުވާނެއެވެ.

28. ދެމަފިރީން ވަރިވެއްޖައުމަށް ފަހުވެސް ފިރިހެންދަރީން މަސައްކަތުގައި ހިފާ އުމުރަށް ފޮޗާނދެން، އަންހެންދަރީން ފިރިޔަކާއި އިނުމަށް ދާނދެން އެދަރީންގެ ޖާއިޒު ބޭނުންތައް، ތިމާއަށް ވެވޭން އޮތް މިންވަރަކަށް ފުއްދައިދިނުމަކީ، އެ ދަރީންގެ ބަފޯގެ ނުވަތަ ބަފޯފަރާތުންހުރި ވަލޮތްވެރިއެއްގެ ޒިންމާއެކެވެ.

29. ދެމަފިރީންގެ އާޕަހުގައި އެކުވެރިވެ އުޅޭ ދުވަސްވަރުގައްޔާއި، ވަރިވާން ޖެހިއްޖެނަމަ އެޔާއިގުޅޭ ކަންތަކުގައި މާތްކަލާނގެއާއި އެކަލާނގެ ރަސޫލާ صلّى اللّـه عليه وسلّم ދެއްކެވި މަޢުރޫފުތަކާއި މަރިޔާދުތަކަށް ޢަމަލުކުރާނެއެވެ.

30. ދެމަފިރީންގެ ދެމެދުގައި ހިނގައިފި އަރައިރުމެއް ޢާލިމުންގެ ލަފަޔާއިލައިގެން ޚަޠީބު ކުރި ފައިޞަލާއެއް ދެމަފިރީންނަށް ޤަބޫލުވާނެއެވެ.

(ނުނިމޭ)