ފުރާނަދަންދެން

ފުރާނަދަންދެން - 25

3

ދެފަރާތަށް ބޯ ހޫރާލަމުން ތެދުވެ ޖޯލީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ދެއަތުން ދެލޯ ކައިރި ފޮހެލަމުން އޭނާ ދިމާ ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. ކުރިމަތިން އަންނަމުން ދިޔަ ޒުވާނާ ފެނި އޭނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެއީ ހަމަ އެހިނގުމެވެ. އޭނާގެ ހިތް މޮޔަކޮށްލި ސޫރައެވެ. އެ ޒުވާނާ ކައިރިވަމުން ދިޔަ ވަރަކަށް އޭނާ މަސައްކަތްކުރީ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލާށެވެ. ނަމަވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"ނާހިދް...." އޭނާގެ ދެ ތުންފަތް ދޭތެރެއިން ވައި އަޑުން ނިކުމެގެން ދިޔައެވެ. އެ އަޑު އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާނާއަށް ރަނގަޅަށް އިވުނެވެ.

"ސޮރީ.....؟؟" އަޒްކާ ކުރިމަތީގައި ހުއްޓުނު ޒުވާނާ ބުނެލިއެވެ. އަޒްކާ އިސްޖަހާލިއެވެ. އޭނާ އެތަނުން ދާން ބޭނުންވިއެވެ.

"މިތަނުގަ ކީއްކުރަނީ..." ޖޯލީގައި އަލުން އިށީންނަމުން އަޒްކާ އަހައިލިއެވެ. ނަމަވެސް އޭނާ ޒުވާނާ މޫނަށް ބަލައިނުލައެވެ.

"އިނގޭ މިގަޑީގަ ތި ސޫރަ އަހަރެންނަށް ފެންނާނީ މިތަނުންކަން. އެހެންވެ ހަމަ ބަލާލާހިތުން މިއައީ...." އަޒްކާއާއި ޖެހިގެން އެއްޖޯލި ދޫކޮށް އިށީންނަމުން ޒުވާނާ ބުނެލިއެވެ. އަޒްކާ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

"ކިހިނެއްވީ...؟ އިނގޭ އަޒް ލޯބިވަނީ ނާހިދް ދެކެކަން. ނާހިދަކީ އަހަރެންގެ ގާތް ރައްޓެއްސެއް. މެޑިސިންގ ކިޔެވިއިރު އަހަރެމެންނަކީ އެއް ބެޗެއް...." ޒުވާނާ ބުނެލިއެވެ.

"ބޭނުމެއްނޫން ނާހިދްގެ ވާހަކަދައްކަން" އަޒްކާ މޫނު އަނބުރާލައިގެން އިނދެ ބުނެލިއެވެ.

"އަހަރެން ފެނުނީމަ އަޒްއަށް އަހަރެންނަށް ބެލެނީ ކީއްވެތަ...؟ ބުނެބަލަ ކީއްވެތަ...؟" ޒުވާނާ އަހައިލިއެވެ.

"ޑޯންޓް ގެޓް މީ ރޯންގް. ބެލެނީ ނިރާޝް ނާހިދާއި ވައްތަރުވީމަ. އަހަރެން ގަސްދުގައެއްނޫން... ސޮރީ..." އަޒްކާ އެތަނުން ދާން ހިނގައިގަތެވެ. އޭނާ އެއްވެސް ފިރިހެނަކާއި އެކަހެރިވެގެން ވާހަކަދައްކަން ބޭނުންނުވާތިއެވެ.

"މަޑުކޮށްލަފާނަންތަ...؟" ނިރާޝް އެދުނެވެ. އަޒްކާ މަޑުޖެހުނެވެ.

"ހެހެހެ... ބެޗް ތެރޭގައިވެސް ކުދިން ވަރަށް ކިޔާނެ އަހަރެމެންނަކީ ޓްވިންސް ހޭ. އެކަހަލަ ކަމެއް ވެދާނެ... އެވާހަކައެއް ނޫން. އަޒް ކީއްވެތަ އަހަރެން ވާހަކަދައްކަން ފެށީމަ އަވަހަށް އެތަނަކުން ދަނީ" ނިރާޝް މަޑުމައިތިރި އަޑަކުން ވާހަކަދެއްކިއެވެ.

"އަހަރެންނަށް ނޭނގޭ ނިރާޝް އަހަރެންނާ ވާހަކަދައްކަނީ ކޮން މަގްސަދެއްގައި ކަމެއް. އަހަރެން ބޭނުމެއްނޫން އަހަރެންނާއި ނިރާޝް އޭ ކިޔައިގެން ރަށުތެރޭގައި އެއްވެސް ވާހަކައެއް ފެތުރޭކަށް" އަޒްކާ ވާހަކަދެއްކިއެވެ.

"އަހަރެންވެސް ބޭނުމެއްނުވޭ. އަޒްއެކޭ އެއްގޮތަށް އަހަރެންނަކީވެސް މިރަށަށް ބީރައްޓިއްސެއް... އަހަރެން އަޒްއާއި ވާހަކަދައްކަނީ... އަހަރެންނަށް....އަޒް.... ކަމުދާތީ.... ގުޅުމެއް އުފައްދަން ބޭނުންވާތީ...." ނިރާޝް ވާހަކަދެއްކިއެވެ. އޭނާގެ ހިތުގެ ހާލު އަޒްކާގެ ކުރިމަތީގައި ހާމަކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

"ޕްލީޒް.... ނިރާޝް.... ތި ވިސްނުން ދޫކޮށްލާ... އަހަރެން އެއްވެސް ޝައުޤެއްނެތް..." އަޒްކާ ކުރިއަށް ހިނގައިގަތެވެ. އޭނާ ފަސްއެނބުރި ބެލުމެއްނެތި ގޯޅި އަޅައިލިއެވެ.

"އަޒް....! އަހަރެންނަށް ނޭނގޭ އަޒްގެ ލައިފްގަ ހިނގާފައި ހުރީ ކޮންކަހަލަ ކަންތައްތަކެއް ކަމަށް. އަހަރެންނަށް އިނގެނީ ވަރަށް ސްޓްރަގަލް ކޮށްފަ ހުރިކަން. އަހަރެންނަށް އަޒް ކަމުދިޔައީ މިއަދަކު ނޫން. މިރަށުން އެންމެ ފުރަތަމަ އަޒް ފެނުނު ދުވަހު. އަހަރެން އަޒްއަށް ފަރުވާ ދިނީ ބަލިމީހަކަށް ވީމައެއްނޫން. އަޒްއަކީ އަހަރެންގެ ދިރިއުޅުމުގެ އެއްބައިކަން އަހަރެންނަށް ޤަބޫލުކުރެވޭތީ... އަޒްއަށް އަހަރެންނަށް އެދެވެތީ..." ނިރާޝް އަލުން ޖޯލީގައި އިށީނެވެ. އޭނާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔުމުން އެއް އިނގިލިން ފޮހެލާފައި ބަލައިލިއެވެ. އެއީ އޭނާގެ ލޮލުން ފޭބި ކަރުނަކަން ޤަބޫލުނުކުރެވިފައެވެ. އެހެނީ އޭނާއަކީ އެއްވެސް އިރެއްގައި ކަރުނަ އަޅާ ރޮއެ މީހެއްނޫނެވެ.

*****************

ދުވަހެއް ދުވަހަކަށް ހިތުގައި އުފެދެމުންދިޔަ ޝަކުވާތައް ގިނަވެ ނައިޝީއަށް މާބޮޑަށް އެކަނިވެރިކަން އިހުސާސްވާން ފެށިއެވެ. ހިތުގައި އަޅާ ކެކުޅުންތައް ނާހިދާއި ހިއްސާކުރެވެން ވެސް ނެތެވެ. ހިތަށް ލުޔެއް ހޯދުމަށްޓަކައި އޭނާ އެކުވެރި އީވްއަށް ހުރިހާ ވާހަކައެއް ކިޔާދޭން ނިންމިއެވެ. އޭނާ ރޭގަނޑު ގެއިން ނިކުމެގެން ދިޔައީ ނާހިދު ކައިރީގައި ބުނެވެސްނުލައެވެ. އޭނާ ބުނަން ބޭނުން ނުވީއެވެ. ހިތުގައި ޖެހިފައިވިލެއް ބޮޑުކަމުންނެވެ. ހިތުގައި ޝަކުވާތައް ގިނަކަމުންނެވެ.

އީވްއާއި ބައްދަލުކުރުމަށް ނައިޝީ ދިޔައީ އިމްރާން ދިރިއުޅޭ ގެއަށެވެ. އޭނާ ސަލާން ގޮވާލި ވަގުތު ސަލާން ބަލައިގަތީ ސިޓިންގްރޫމް ސޯފާގައި އިން ރާއިދެވެ.

"އީވް....އީވް..." ނައިޝީ ދޮރު މައްޗަށް އަރާފައި ގޮވައިލިއެވެ. އެގެއިން ނައިޝީއަށް ފެނިފައިނުވާ ކުއްޖަކު ފެނުމުން އެތެރެއަށް ވަންނަން ޖެހިލުންވިއެވެ.

"ފަހަރި ދޯ... މަޑުކޮށްލައްޗެ... އާދޭ އިށީންނަން..." ހިނިތުންވުމަކާއެކު ރާއިދު ބުނެލިއެވެ. ނައިޝީ ވަދެ އިށީނުމުން ރާއިދު އީވްގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވީ އިމްރާނެވެ.

"ފަހަރި ހޯދަން އެބައިން ކުއްޖަކު އައިސް" ޖަވާބުދިނުމަށްފަހު ލެޕްޓޮޕް ހިފައިގެން ރާއިދު ވަނީ ކޮޓަރިއަށެވެ. އިމްރާން ދޮރު ލައްޕާލުމަށްފަހު އެހަބަރު އީވްއަށް ދިނެވެ. ދެމަފިރިން އެކުގައި ބޭރަށް ނިކުތްއިރު ނައިޝީ ހުރީ ސިޓިންގްރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

"ނައިޝީ..." އިމްރާނަށް ނައިޝީއަށް ގޮވައިލެވުނެވެ. އޭނާގެ ކަރުނުން ފުރިފައިވި ދެލޮލާއި އިމްރާނާއި ބައްދަލުވުމުން އަވަހަށް އިސްޖަހައިލިއެވެ. އޭނާ އިމްރާނާއި ކުރިމަތިލާން ބޭނުންނުވިއެވެ. އެކަން އީވްއަށް އިނގުނީ ނައިޝީ އިސް އުފުލާ ނުލުމުންނެވެ.

"އިންމަ ދޭ... އަވަހަށް އަންނައްޗެ އިނގޭ.. އެހެންނޫނީ ބޭސްކާ ގަޑި ކަޓާނެ" ނައިޝީ ކައިރިއަށް ގޮސް އަތުގައި ހިފައިލަމުން އީވް ބުނެލިއެވެ. ނައިޝީ ވަކި ޖަވާބެއް ނުދޭތީ އޭނާއަށް އިތުރަށް އެއްވެސް ވާހަކައެއް ދައްކަން ނުކެރުނެވެ. އޭނާއަށް އިނގޭ އެއްޗަކީ ކޮންމެވެސް ކަމަކާއި ނައިޝީ ހިތުގައިޖެހި ދެރަވެފައި ހުރިކަމެވެ. އޭނާ ގެއިން ނިކުމެ ނާހިދްގެ ފޯނަށް ގުޅިއެވެ. ވަގުތުން ބައްދަލުކުރަން އެދުނެވެ.

"ވަޓްސް ގޮއިން އޮން އިޝީ...!!" ނައިޝީ ގޮވައިގެން ކޮޓަރިއަށް ވަދެ އެނދުގައި ބައިންދަމުން އީވް އަހައިލިއެވެ.

"އެއްވެސްކަމެއް ރަނގަޅެއްނޫން އިންމަ... އަހަރެމެން ދެމީހުންގެ މެދުގައި ވަރަށް ބޮޑު ފާރެއް ލެވިއްޖެ..." ނާހިދް ވާހަކަދެއްކީ ކެފޭއެއްގައި އޭނާގެ ކުރިމަތީގައި އިން އިމްރާނާއެވެ.

"އާނ... އީވް...! އަހަރެންނަށް ނޭނގޭ އަހަރެން ހަދާނެ އެއްވެސް ގޮތެއް. ވަރަށް ލޯބިވޭ އަދިވެސް ނާހިދް ދެކެ... އަހަރެން ބުނިން ކިތަންމެ ދިގު މުއްދަތެއް ނެގިޔަސް އިންތިޒާރުކުރާނަމޭ... އެކަމަކު....." ނައިޝީ ވާހަކަދައްކަމުން ދިޔައެވެ.

"ކޮން އެކަމަކުއެއް.... ކުރިން ބުނިހެން ދެންވެސް ބުނަން ޖެހޭނީ.... ނާހިދް އަދިވެސް ބޭނުންވަނީ ހުދު ގަނޑެއްގައި ހުދު ކުލައިން ކުރަހަންތަ...؟ ބުއްދި ގޯސްވެފައި ތިބޭ މީހުންގެ އަމަލުތައްވެސް ހުންނާނީ އެކަހަލަ ގޮތަކަށް ވިއްޔާ.... އަޒްކާ އަމިއްލައަށް ކަރުގައި ބޭވަފާތެރިކަމުގެ މާފަތި އަޅުވައިގެން ނާހިދްގެ ހަޔާތުން ދިޔައީ ދުރަށް. އެކަމުގެ ސަބަބުން ނާހިދްގެ ހިތުގައި އުފެދުނީ ލޭގެ ކޯރެއް. އެ ކޯރުގައި އިތުރަށް ރަތް ކުލައިން ތިދަނީ އަޒްކާގެ ނަން ފަވަމުން.... އަހަރެން ކުށްވެރިކުރާނީ އަހަރެންގެ އެކުވެރިޔާ..." އިމްރާންގެ ވާހަކަދެއްކުމުގެ ރާގުގައި ވަނީ ސީރިޔަސްކަމެވެ. އޭނާގެ ކުރިމަތީގައި ނާހިދް އިސްޖަހާލައިގެން އިނެވެ. ކުރިމަތީގައި ހުރި ކޮފީތަށީގައި އަތް ޖައްސާވެސް ނުލައެވެ.

"އިޝީ...! އެހާ އަވަހަށް ގިވްއަޕް ނުކުރޭ.. ތިކައިވެނި ރޫޅާނުލާ... ކެތްތެރިންނަށް ހުރީ އުފާވެރި ހަބަރުތައް. އަހަރެން ބުނާގޮތެއް ހަދާބަލަ އަޅެ އެއްފަހަރު..." ނައިޝީގެ ދެލޯ ކައިރި ފޮހެލަމުން އީވް ލޯތްބާއެކު ބުނެލިއެވެ.

"ކައިވެނި ރޫޅާލާން ބޭނުމެއްނޫން.... ނައިޝީއާއި ގާތްވާން ބޭނުމެއްނޫން... ދެން ކޮންގޮތެއް ނާހިދް ބޭނުންވަނީ..." ހިތްހަމަނުޖެހިފައި އިމްރާން ވާހަކަދެއްކިއެވެ.

"އަހަރެން ޓްރައި ކުރާނަން... އަދި އީވް ތިބުނިގޮތަށް ނަމާދުކޮށްފަ ދުޢާވެސް ކުރާނަން" ނައިޝީ ބުނެލިއެވެ.

"ގުޑް... މިހާރު އެބަވިސްނޭ... އަޅެ އަހަރެން ބުނީތީވެސް އެންމެފަހަރު ތިދެމީހުން އެފަދަ ގުޅުމަކަށް ދޭބަލަ... މަށަށް ހަމަ ޔަޤީން ދެވަނަ ވިސްނުމަކަށްވެސް އަދި ތިންވަނަ ވިސްނުމަކަށްވެސް ދާން ނުޖެހޭނެކަން..." އިމްރާން ވާހަކަދެއްކިއެވެ.

********************

ހަފްތާއެއް ފަހެވެ. ހަވީރުގެ ވަގުތެވެ. ހޮސްޕިޓަލުގައި ބުރަކޮށް އުޅުމަށްފަހު ނައިޝީ ގެއަށްދާން ނިކުތީ ނާހިދު މެންދުރުފަހު ޑިޔުޓީއަށް ވުމުން ނާހިދަށް ނުގުޅައެވެ. ކާރަކުން ގެއަށް އައުމުގެ ބަދަލުގައި އޭނާ ބޭނުންވީ ހިނގާލާފައި ގެއަށް ދާށެވެ. މަގުގެ އެއްފަރާތުން އައިސް ގޯޅިއަކަށް އަޅާލަން އުޅުނު ވަގުތު އޭނާއައި ދާދި އެއްވަރަށް މީހަކު ހިނގާފައި އަންނަހެން ހީވުމުން ބަލައިލިއެވެ. ހެވިފައި ހުރި މާހިލް ހީލަމުން އެއްލޯ މަރާލުމާއެކު ހުރި ހިސާބުގައި ނައިޝީއަށް ހުއްޓެވުނެވެ.

"ކަލޭ ކޮންކަމެއް ބޭނުންވެގެން ތިއުޅެނީ" ނައިޝީ ހިތްހަމަނުޖެހިފައި އަހައިލިއެވެ. މި ދަނޑިވަޅުގައި މާހިލް ފެނުމުން އޭނާ އިތުރަށް ފޫހިވިއެވެ.

"އެކުވެރިކަން. ނަތިންގ އެލްސް..." ހީލަމުން މާހިލް ބުނެލިއެވެ. ނައިޝީ ބަހެއް ނުބުނެ މާހިލަށް ބަލަހައްޓައިގެން ހުއްޓެވެ.

"ޝަރުތެއްގެ މަތިން..." ހިނދުކޮޅެއްގެ ތެރޭގައި ސިކުނޑި ތެރޭގައި ކަމެއް ރާވާލުމަށްފަހު ނައިޝީ ބުނެލިއެވެ.

"ކޮން ޝަރުތެއް...." މާހިލް ބުނެލިއެވެ.

"މާހިލްގެ އެކުވެރިކަން އަހަރެން ޤަބޫލުކޮށްފާނަން. އެކަމަކު އަހަރެން ފޮލޯކުރަމުން ދެން ތިގޮތަށް އައިސްގެން ނުވާނެ..." ނައިޝީ ކުރިއަށް ހިނގައިގަތެވެ. މާހިލްވެސް އޭނާއާއި އެއްވަރަށް ހިނގަމުން ދިޔައެވެ.

"އެއީ....؟؟ އަހަރެންނަށް ދުރުގައެއް ނުހުރެވޭނެ. ތެދަށް ބުނަންޏާ އަހަރެންނަށް ވަރަށް ކަމުދާ ކުއްޖެއްތީ..." ވަގުތުން ނައިޝީ ހުއްޓުނެވެ.

"އެހެންވީމަ ބޭނުންވެގެން ތިއުޅެނީ އެކުވެރިކަމެއް ނޫނެއްނު" ނައިޝީ ބުނެލިއެވެ.

"ކޮންމެ ގުޅުމެއްގެވެސް އެންމެ ފުރަތަމަ ސްޓެޕަކީ ފްރެންޑްޝިޕް. އެހެންނޫނަސް މިވަގުތު ޔޫ ގެ ހާލަތު މަށަށް އިނގޭ" މާހިލް ބުނެލިއެވެ.

"ވަޓް ޔޫ މީން....؟؟" ނައިޝީ ބުނެލިއެވެ.

"ހެހެހެ...ވަރަށް އެނގިގެން މިބުނަނީ... އެ ނާހިދަށް އެހެން މީހަކުދެކެ ލޯބިވެވިދާނެހެން އަހަރެންނަށް ހިއެއްނުވޭ. އޭނަ އުޅެނީ އަޒްކާއާއި ރައްޓެހިވެގެން. އަޒްކާ ހުންނަނީ އެހެން ތަނެއްގައި ފޮރުވާފަ" މާހިލް ހިތުހުރި ގޮތަކަށް ވާހަކަތައް ހަދަމުން ދިޔައެވެ.

"އަހަރެންނަށް އިނގޭ އަޒްކާއާއި ނާހިދްގެ ގުޅުން. އެކަމަކު މިހާރު އެގުޅުމެއްނެތް. އޭނަ މެރީކުރީ އަޒްކާމަތިން ހަނދާން ނައްތާލާފަ. މިހާރު ނާހިދަކީ ހަމައެކަނި އަހަރެންގެ މީހެއް. އެހެންނޫނަސް މީހަކު އަދި އައިސް ތިހެން ބުންޏަސް އަހަރެން އިތުބާރުކުރާނީ އަހަރެންގެ ފިރިމީހާއަށް" ނައިޝީ ބުނެލިއެވެ.

"އެހެންވިއްޔާ ބުނެބަލަ. ނާހިދްގެ ފަރާތުން ތިކުއްޖާއަށް...."

"އަހަރެންގެ ނަމަކީ ނައިޝީ. ތިކުއްޖާއެއް ނޫން.... އެކުވެރިވާން ބޭނުންވިއިރު އަހަރެންގެ ނަމެއްވެސް ނޭނގޭ..." ނައިޝީ ބުނެލިއެވެ.

"ނުބުނަމެއްނު ކުރިން.... އޯކޭ.. އެހެންވިއްޔާ ބުނެބަލަ ނާހިދްގެ ފަރާތުން ފިރިއެއްގެ ލޯބި ލިބޭތަ....؟" މާހިލްގެ ދުލުން ބޭރުވި ޖުމްލައާއެކު ނައިޝީއަށް އަނެއްކާވެސް ހުއްޓެވުނެވެ.

"މާހިލަށް އެއްވެސް ކަމެއް ނޭނގޭނެ. އަހަރެމެންގެ ލައިފް ވަރަށް އެންޖޯއީކޮށް ކުރިއަށްދަނީ..." ނައިޝީ އެއްބަސްވާން ބޭނުމެއްނުވިއެވެ.

އޯކޭ... ލެޓްސް ޗެލެންޖް... މިރޭ.................." މާހިލް އޭނާ ކުރަން އުޅުނު ކަންތަކާއި ދައްކަން ބޭނުންވި ވާހަކަތައް ވަރަށް ފުރިހަމައަށް ނައިޝީއަށް ކިޔައިދިނެވެ. މާހިލް ދިޔަ ދިމާލަށް ބަލަން ނައިޝީ ހުރީ ހައިރާންކަމުން ފުރިގެންވީ ބެލުމަކުންނެވެ.

މަޑުމަޑުން ކުރިއަށް ހިނގާފައި ދިޔަ ނައިޝީގެ ސިކުނޑި ތެރޭގައި އެތައް ކަންތައްތަކެއް އެނބުރެމުން ދިޔައެވެ. މާހިލްގެ ވާހަތަކުގައި ހަޤީޤަތެއް ވާކަމުގައި އޭނާގެ ހިތް ބުނަން ފަށައިފިއެވެ. އަހަރެއް ވީއިރު ނާހިދަށް ބަދަލެއް ނައީ އޭނާ ސިއްރުން އަޒްކާއާއި ގުޅުން ކުރިއަށް ގެންދާތީ ކަމުގައި އޭނާގެ ހިތް ބުނަން ފަށައިފިއެވެ. އޭނާ ދެން ކަންތައް ކުރަންވީ ގޮތަކާއި މެދު ވިސްނަން ފެށިއެވެ. އެކަން ސާބިތުކުރަން އޭނާ މާހިލް ބުނި ކަންތައްކުރަން ނިންމިއެވެ.

********************

މެންދުރުފަހުގެ ޑިޔުޓީ ނިންމާފައި ގެއަށް ނާހިދަށް އާދެވުނީ އެގާރަގަޑި ބައިވެ ބާރަޖަހަން ގާތްވެފައި ވަނިކޮށެވެ. ވަރުބަލިކަމެއް އޭނާގެ މޫނުމަތިން ފާޅުވާން ހުރިއިރު އޭނާގެ ފުރަތަމަ މިސްރާބަކަށްވީ ބަދިގެއެވެ. ކަރުތެރެ ތެންމާލުމަށްޓަކައި އޭނާ ފުރިޖުން ނެގީ ފިނި ފެންފުޅިއެކެވެ. ފެން ބޮއެ ނިމިގެ އޭނާ ސިޑިން އަރައިގެން ދިޔައިރު ގޭތެރެއިން ދިރޭ އެއްވެސް ފުރާނައެއްގެ ނޭވައެއްގެ އަޑުވެސް ނީވެއެވެ.

ކޮޓަރި ދޮރު ހުޅުވާލުމާއެކު އޭނާއަށް ހުއްޓެވުނެވެ. މުޅި ކޮޓަރި ތެރޭގައިވަނީ 'އަންފޮގިވަބަލް ވުމަން' ސެންޓްގެ ހިތްގައިމު ވަހުން އެއްވަސް ވެފައެވެ. އެނދާއި ކޮޓަރި ދޮރާއި ދެމެދުގައި ބޮޑު ހިތެއްގެ ބައްޓަމަށް އުއްބައްތިތައް ތަރުތީބުކޮށް އަތުރާލާފައި ވާއިރު ހިތް ތެރޭގައި ފިނިފެންމަލަކާއެކު ހިމަކޮށް ދިގުކޮށް ހުރި ދެ ބިއްލޫރިތައްޓަށް ރަތް ކުލައިގެ ބުއިމެއް އަޅާފައި ހުއްޓެވެ. ނާހިދް ހުރީ ހަށިގަނޑަށް ހަރަކާތެއް ގެންނަން ހަނދާން ނެތިފައެވެ. ފަނޑު ރަތާއި އޮރެންޖް އައްޔަކުން ކޮޓަރިތެރެ އަލިވެގެން ދިޔުމާއެކު އޭނާއަށް ފެނުނީ ފަހާނާއިން ނިކުމެގެން އައި ނައިޝީއެވެ. ނައިޝީގެ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު އޭނާ ހުރީ ހަށިގަނޑުގެ ކަކުލުން މަތި އެއްކޮށް ތުވާލިން ނިވައިކޮށްގެންނެވެ. ފެންނަން ހުރީ ހަމައެކަނި މޫނާއި ދެއަތްތިލައާއި ދެފައިގެ ކަކުލުން ތިރި އެކަންޏެވެ. ނައިޝީ މަޑުމަޑުން ހިނގާފައި އައިސް ނާހިދް ކުރިމަތީގައި ހުއްޓުނެވެ.

"އިޝް....އިޝީ...މިއީ...." ނާހިދުގެ ތުންފަތުގައި ޝަހާދަތް އިނގިލި ހުރަސްކޮށްލުމަށްފަހު އެއްވެސް ބަހެއް ނުކިޔަން އިޝާރާތުން ނައިޝީ އެންގިއެވެ. އޭނާ ނާހިދްގެ އަތުގައި ހިފާލައިގެން ކުރިއަށް ހިނގައިގަތެވެ. ޗާބީ ދީފައިވާ ބުދެއްހެން ނާހިދް ހުއްޓެވެ. ނާހިދްގެ ނަޒަރު ސީދާވެފައި ވަނީ ނައިޝީގެ މޫނަށެވެ. އޭނާ ނާހިދް ގޮވައިގެން މަޑުކޮށްލީ ހިތުގެ ބައްޓަމަށް ޖަރީކޮށްފައިވާ އުއްބައްތިތަކުގެ އެތެރޭގައެވެ. ނާހިދްގެ ދެކޮނޑުގައި ހިފާ މަޑުމަޑުން ތިރީގައި ބޭންދިއެވެ. ނައިޝީއާއި އެތައް ސުވާލެއް ކުރަން ބޭނުންވެފައި ހުރިއިރު އޭނާގެ ދުލުގައި ތަޅެއް ލެވިފައިވި ކަހަލައެވެ. ނައިޝީ ނެގީ ފިނިފެންލަމެވެ. އޭނާ ފިނިފެންމާ ނޭފަތާއި ގާތްކޮށް ވަސްބަލާލުމަށްފަހު ނާހިދަށް ދިއްކޮށްލިއެވެ. އަދި ތައްޓަށް އަޅާފައިވާ ރަތްކުލައިގެ ބުއިމެއް ނަގާފައި ނާހިދްގެ އަނގައިގައި ޖައްސާލިއެވެ. އެއަށްފަހު ނާހިދް ތުންޖެހި ތަނުގައި ތުންޖަހާފައި ބާކީ ހުރި އެތިފޮދު އޭނާ ބޯލިއެވެ. އެއަށްފަހު ނާހިދްގެ އަތުގައި ހިފާލައިގެން އެނދާއި ދިމާލަށް ގޮސް އެނދުގައި ނާހިދް ބޭންދިއެވެ. ނައިޝީ މަޑުމަޑުން ނާހިދާއި ދުރަށް ޖެހެމުން ގޮސް އެއްފަރާތުގައި ހުރި ކޮމްޕިއުޓަރުން ލުއިލުއި މިޔުޒިކެއް ޕްލޭ ކޮށްލިއެވެ. އެރީތި ހަށިގަނޑު ނާހިދްގެ ކުރިމަތީގައި ކަޝްފުވެގެން ދިޔުމާއެކު ނާހިދަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ރޮބަޓެއްހެން އޭނާއަށް ނައިޝީއާއި ދިމާލަށް ފިޔަވަޅު އެޅެން ފެށިއެވެ.

"އިޝީ...!" މިއީ ރަނގަޅު ގޮތެއް....." ނާހިދް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވިއެވެ. ނާހިދްގެ ކަނދުރާގައި ދެއަތް އަޅުވާލައި ދެފައިގެ ފުންނާބު ކުޑަކޮށް އުފުލާލުމަށްފަހު ނާހިދްގެ މޫނާއި މޫނު ގާތް ކޮށްލިއެވެ. ނައިޝީގެ އެ ޖެހިލުން ކުޑަކަން ފެނުނު ހިނދު ނާހިދުގެ ތުރުތުރު އަޅަމުން ދިޔަ ދެތުންފަތް ނައިޝީއާއި އިތުރަށް ގާތްކޮށްލެވުނެވެ. ކޮންމެވެސް ސަބަބަކާހުރެ ނާހިދް ފަހަތަށް ޖެހެން އުޅުނެވެ. ނަމަވެސް ނައިޝީ ޖެހުނީ ނާހިދާއި ގާތަށެވެ.

ފިރިމީހާގެ ލޯތްބަށް ފެންބޮވައިގަނެފައިވާ ނައިޝީ ކުރި އުންމީދުތަކުގައި ޙަޤީޤީ ކުލަ ނުޖެހެނީސް ނާހިދް އެނދުން ތެދުވިއެވެ. އޭނާ އެދެނީ އަޒްކާއަށްކަން އެވަގުތު އެނގުނީ ނާހިދްގެ ދުލުން ފުލުފުލުގައި ބޭރުވަމުން ދިޔަ އަޒްކާގެ ނަމުންނެވެ. ނައިޝީ ދިން ބުއިމެއްގެ ސަބަބުން ނާހިދްގެ ހަމަ ހޭ ނެތްކަމުގައި ވިޔަސް ނާހިދްގެ ދުލުން އޭނާ ނޫން އެހެން އަންހެން ކުއްޖަކަށް ގޮވަން ފެށުމުން ނައިޝީގެ ހިތްވަރު އެލޭގޮތްވިއެވެ. އޭނާ ފާހާނާއަށް ވަތްއިރު އެނދުގައި ނާހިދަށް އޮތީ ނިދިފައެވެ.

ފެންވަރައިގެން ނިކުމެ ލޯގަނޑު ކައިރީގައި ހުރެ ތައްޔާރުވަމުން ދިޔައީ ބޭރަށް ދިޔުމަށެވެ. ލައިޓްގެ ހުދުކުލައިގެ އަލި އެޅިފައިވާ ކޮޓަރި ތެރޭގައިވާ އުއްބައްތިތައް ހުރީ ނިވާލެވިފައެވެ. އެނދުގައި ނިދިފައި އޮތް ނާހިދަށް އޭނާ ބަލައިލި ވަގުތު އެދެލޮލުގައި ވިދަމުން ދިޔަ ކަރުނަތައް ތިރިއަށް އޮހިގަތެވެ. އަތުގައި އޮތް ފުނާ މޭގައި ލައްކޮށްލަމުން އޭނާ އިސްޖަހައިލިއެވެ. ހިތް ފުރެންދެން ރޯން ބޭނުންވިއެވެ. ލޯބިވާ ފިރިމީހާގެ ހިތާއި އެހާ ގާތަށް އާދެވިފައިވެސް ލޯބި ކާމިޔާބެއް ނުވިއެވެ. ލޯބީގެ ފޮނިރަހަ ދުލާއި ހަމައަށް އަޔަސް ކަރުބުޑުގައި ލައްވާލީ ހިތި ރަހައެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟

ހިތްހަމަޖެހެންދެން ރޯލުމަށްފަހު އޭނާ އަލުން ތައްޔާރުވާން ފެށިއެވެ. އެހެން ފަހަރުތަކާއި ޚިލާފަށް އޭނާ ލައިގެން ހުރީ ކުރު ހެދުމެކެވެ. މީހަކަށް އޭނާ ބުނި ވައުދެއް ފުއްދަން ކޮންމެހެންވެސް ޖެހެއެވެ. ކުރި ބެޓުން އޭނާ ބަލިވީއެވެ. ގަޑިން ކިތަންމެ ދަންވެފައި ހުއްޓަސް އޭނާއަށް ފަރުވާލެއް ނެތެވެ. އޭނާ ގެއިން ބޭރަށް އެ ނިކުންނަނީ ވާނެ ގޮތެއް ވިޔަސް ހެޔޮ ކަމަށެވެ. އަތް ދަބަސް ހިފައިގެން ނިކުންނަމުން ފަހު ފަހަރަށް އޭނާ ނާހިދަށް ބަލައިލިއެވެ. ނާހިދް އޮތީ ގަދަ ނިދީގައެވެ.

ގޭ ދޮރު މައްޗަށް ހުއްޓުމަށްފަހު އޭނާ ޓެކްސީއަކަށް ގުޅިއެވެ. މާގިނަ ވަގުތު އިންތިޒާރު ކުރަން ނުޖެހުނެވެ. ގޭ ކައިރިއަށް އައިސް މަޑުކޮށްލި ދަނބު ކުލައިގެ ޓެކްސީއަށް އޭނާ އެރިއެވެ. އެތެރޭގައި ހަމަޖެހިލުމަށްފަހު ދަބަހުގައި އޮތް ފޯނު ނަގާފައި ނަންބަރަކަށް ގުޅައިލިއެވެ. ދިހަ މިނިޓްގެ ކުރު ދަތުރަކަށްފަހު ޓެކްސީ ގެއެއްގެ ދޮރު މައްޗަށް މަޑުކޮށްލިއެވެ. ޑްރައިވަރަށް ފައިސާ ދިނުމަށްފަހު އޭނާ ޓެކްސީ އިން ފައިބާފައި އެގޭ ކައިރީގައި މަޑުކޮށްލިއެވެ. ފޯނުގައި ނަންބަރެއް ޖަހާލާފައި ކަންފަތުގައި ޖެހިއެވެ. އިރުކޮޅެއް ނުވަނީސް އެގޭ ދޮރު ހުޅުވިއްޖެއެވެ. އެތެރެއިން ދިއްކޮށްލި އަތް ތިލައިގެ ތެރެއަށް ނައިޝީ އަތްތިލަ ލައްވާލިއެވެ. އެއަށްފަހު ގޭތެރެއަށް ވަނެވެ. ޒުވާނާއަށް ނުބަލަން ނައިޝީ މަސައްކަތް ކުރާތަން ފެނުމުން ޒުވާނާ ނުލަފާ ޒާތަކަށް ހީލިއެވެ. ނައިޝީގެ އުނަގަނޑުގައި އަތް އަޅުވާލަމުން އެންމެ ކައިރިން ހުރި ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.

ކޮޓަރީ ދޮރުގެ ލޮކް އެޅުވިގެން ދިޔަ އަޑާއެކު ނައިޝީ ފަހަތް ބަލައިލިއެވެ. އޭނާއަށް ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާއޭ ހިތަށް އެރިއެވެ. ދެވަނަ ސިކުންތުގައި އެތަނުން ނިކުންނަން ހިތަށް އެރިއެވެ. އެހެންނަމަވެސް ނާހިދްގެ ދުލުން އަޒްކާގެ ނަން ބޭރުވި އަޑު ކަންފަތުގައި ޖެހުނުހެން ހީވުމާއެކު ނައިޝީގެ ހިޔާލު ބަދަލުވިއެވެ. ލޯބި ޙައްޤު ވާންވީ ހަމައެކަނި އަޒްކާއަށް ހެއްޔެވެ؟ އޭނާ އެނދުގައި އިށީނުމަށްފަހު މޫނުގައި ދެއަތް އަޅާލަމުން ރޯން ފެށިއެވެ.

"ސްޓޮޕް ކްރައިންގް ބޭބީ ގާރލް..." ދާދި ގާތުން އިވުނު މާހިލްގެ އަޑާއެކު ނައިޝީ މޫނުމަތިން އަތް ނެގިއެވެ. އޭނާ ބަލައިލިއިރު ކައިރީގައި މާހިލް އިނެވެ. މާހިލްގެ ދެލޮލުން އޭނާއަށްޓަކައި ހަމްދަރުދީ ފެނުނުހެން ހީވިއެވެ.

"މާހިލް ބުނީ ރަނގަޅަށް. ކޮންމެސް ނުބައެއް އެބައުޅޭ.. ނާހިދް އަދިވެސް ލޯބިވަނީ އަޒްކާ ދެކެ. އޭނަ އަހަރެން ކައިރިވީމަ ވެސް އަޒްކާއަށް ގޮވީ. އަހަރެން މާހިލް ދިން ބޭސްއަޅާފައި ޑްރިންކް ދިނީމަވެސް. އޭނަވެސް އޮތީ އެފަދަ ބީހުމަކަށް ބޭނުންވެފަ. އެކަމަކު އޭނާގެ ސިކުނޑީގައި އޭނާއާއި އެކު އުޅުނީ އަޒްކާ..." ނައިޝީއަށް ރޮވެމުން ދިޔައިރު މާހިލްގެ ތުންފަތަށް އަރަމުން ދިޔަ މަކަރުވެރި ހިނިތުންވުން ނުފެނެއެވެ.

"އޯވް.... ސްޓޮޕް ކްރައިންގް.... މި ރީތި ދެލޮލުން ކަރުނަ ވިދަތަން ފެނުނީމަ އަހަރެންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އެފެކްޓް ކޮށްފި. މި ތުންފަތުގައިވި ހިނިތުންވުން ފިލާފަވީތަން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ވަރަށް އެބަޖެހޭ.." ނައިޝީގެ ދެލޯ ކައިރި ފޮހެދެމުން މާހިލް ވާހަކަދެއްކިއެވެ. ނައިޝީއަށް މާހިލްގެ ވާހަތަކާއި ގަޔާ ވެވެމުން ދިޔައެވެ. އެހެނީ ފިރިމީހާގެ ފަރާތުން އޭނާއަށް ނުލިބުނު ލޯބި މާހިލްގެ ފަރާތުން އޭނާއަށް ލިބިދާނެބާއޭ ހިތަށް އަރާވަރުންނެވެ.

"މާހިލް ޙަޤީޤަތުގައިވެސް އަހަރެން ދެކެ ލައިކް ވަނީތަ...؟ ނޫނީ ނާހިދް ބުނިހެން އަމިއްލަ އެދުމެއް އޮވެގެންތަ ތިއުޅެނީ..." މާހިލްގެ އަތުގައި ހިފައިލަމުން ނައިޝީ ބުނެލިއެވެ.

"ކް...ކީކޭ...؟؟ ނާހިދް ކީކޭ ބުނީ...؟" މާހިލް އަހައިލިއެވެ. ކުރިމަތީގައި ހުރި ރީތި އަންހެންކުއްޖާއާއި ދުރުގައި އޭނާއަށް ހުރެވެނީއެއްވެސް ނޫނެވެ. އެ ނިޔަނެތި ފިނިފެންމަލެއް ފަދަ އަންހެން ކުއްޖާއަކީ އަދި ތާޒާ މަލެއްކަން އޭނާ ޔަޤީނާއި ގާތަށް ކަށަވަރެވެ. އެމަލުގެ ކަރުގަނޑުގައި އެންމެ ފުރަތަމަ ބީހޭ މާބުރަކަށް ވުމީ އެމާ ފުރަތަމަ ފެނުނު ދުވަހުވެސް އޭނާ އެދުނު އެދުމެކެވެ.

"ހެހެހެ.... އަޅާނުލާ... އިނގޭތަ... އަޒްކާއާއި ދެމީހުން އުޅުނީ ވަރަށް ނުބައިކޮށް. އަޒްކާ އުޅުނީ އަހަރެންނާއި ރައްޓެހިވެގެން. އުޅެނިކޮށް މި ނާހިދް ވަނީ... އެންމެފަހުން މި ނާހިދްގެ ދަރިއަކަށް އަޒްކާ ޕްރެގްވީމަ ގެއިން ނެރެގެން ގެންގޮސް އެހެން ތަނެއްގައި ބަހައްޓާފައި ހުންނަނީ... އޭނަ ހީކުރީ މަށަށް އެއްވެސް އެއްޗެއް ނޭނގޭނެ ކަމަށް. ބޭރު ތެރެއިން އެ ލޯބި ލިބެންޏާ ގޭތެރެއިން ހޯދުމުގެ ބޭނުމަކީ ކޮބާ...؟ މި ޅަ ސިކުނޑިން ވިސްނާލަބަލަ..." ނައިޝީގެ ބޮލުގައި އަތް ޖައްސާލަމުން މާހިލް ވާހަކަދެއްކިއެވެ. މާހިލްގެ ވާހަކަތައް ނައިޝީއަށް ޤަބޫލުކުރެވުނެވެ. އެހެނަސް.....

"އެކަމު ނާހިދްގެ ބެސްޓް ފްރެންޑް ފޯނުން އަހަރެންނަށް ޗެޓް ލޮގެއް ފެނުނު. އަޒްކާ ވީތަނެއް ނޭނގޭ ކަމަށާއި ހޯދަން ބޭނުންވާ ވާހަކަ" ނައިޝީ ހަނދާން ކޮށްލަމުން ބުނެލިއެވެ.

"ތިބުނާ ބެސްޓް ފްރެންޑަށްވެސް މިކަންތައް އޮތީ ސިއްރުވެފައި...." މާހިލް ބުނެލިއެވެ.

"ކިހިނެއް މިހުރިހާ ކަމެއް މާހިލްއަށް އިނގެނީ..." ނައިޝީ ކޮށްލި ސުވާލުން މާހިލް ހުއްޓުން އެރިއެވެ.

"ހެހެހެ... ދެން މިޖެހުނީ މި ސިއްރުވެސް ހާމަކުރަންތާ... އަހަރެންނަކީ ސިއްރު ފުލުހެއް. މަސައްކަތްކުރަނީ ފުލުހުންގެ އިންޓެލިޖެންސްގަ. ޖާސޫސް ކުރުމަކީ އަހަރެން އެންމެ މޮޅަށް ކުރާ ކަންތައް. މިގޮތަށް އަހަރެން ހުރީމަ ހުރިހާ މީހުންނަށްވެސް ހީވެފައި އޮންނާނީ އަހަރެންނަކީ ޕާޓޭއެކޭ... ޑްރަގް ޑީލަރެކޭ... އެހެންނު... އިޝީއަށް ވެސް އެހެން ހީވިއެއްނު....." މާހިލް ވާހަކަދައްކަމުން ދިޔައެވެ.

"ޔޫ ޑޯންޓް ބްލީވް މީ.....ރައިޓް...؟ އޯކޭ... ހިނގާ...." ނައިޝީ ފާޑަކަށް ބަލަން ހުންނަން ފެށުމުން މާހިލް ނައިޝީގެ އަތުގައި ހިފަމުން ބުނެލިއެވެ. ހެދި ދޮގު ފަޅާއަރާފާނެތީ އޭނާގެ ހިތުގައި އެ ބިރުވެސް އޮތެވެ.

"ކޮންތާކަށް...؟" ނައިޝީ އަހައިލިއެވެ.

"އިޝީއަށް އަހަރެންނަށް ޓްރަސްޓް ނުކުރެވެއެއްނު. ޖެހިގެން އޮތް ކޮޓަރީގަ އަހަރެންގެ ބައްޕަ އެބައޮތް. ބައްޕަ ކައިރީގައި އިޝީ އަހާނީ... އޭރުން ޤަބޫލުކުރެވޭނެއްނު..." މާހިލް ބުނެލިއެވެ. ވަގުތުން ނައިޝީ ދެކޮޅު ހެދިއެވެ. މާހިލް އެއް ތުންފަތުން ހީލިއެވެ.

"ބަޓް ސްޓިލް އައި ލަވް ހިމް.... އެކަމަކު.... ބޭކާރު ކަމެއް ދޯ..." ކުޑަކުއްޖެއް ފަދައިން ކަރުނައިގެ ތެރެއިން ހީލަމުން ނައިޝީ ބުނެލިއެވެ.

"ތެދެއް ބުނަންތަ...؟ އަހަރެން އިޝީއާއި ވަރަށް ލައިކްވޭ... އަޒްކާއަށް އަހަންނަށް ބިޓްރޭ ވުމުން އަހަރެން ހުރީ ވަރަށް ބޯ ސަކަރާތްވެފަ. އެހެން އުޅެނިކޮށް އަހަރެންނަށް މަގުމަތިން ފެނުނީ ޕަރީއެއް. ވަރަށް ލޯބި ކުއްޖެއް. މީހަކު މޮޔަވާނެހާ ފުރިހަމަކަމެއް ދެއްވާފައިވާ ކުއްޖެއް. އެކަހަލަ އަޒްކާއަކާއި އަޅާ ކިޔަހާވެސްނުވޭ.... އެކުއްޖާ ހީލުމުން ހީވަނީ މާބަގީޗާއެއްގައި އެކި ކުލަކުލައިގެ މާތަކެއް ފޮޅެމުންދާހެން. އެކަމަކު ރޯއިރު ހީވަނީ ގަދަ ތޫފާނީ ރެއެއްގައި އެއްކަލަ ބަގީޗާގައި ފޮޅިފަ ހުރި މާތަށް ގަދަ ވައިގަ ޖެހި ޗިސްވަމުން ތިރިއަށް ވެއްޓި ވެލިތަކުގެ ތެރޭގައި މޮޑެވިގެންދާހެން..." މާހިލްގެ ޖާދޫވީ ބަސްތަކުގައި ރަނގަޅަށް ނައިޝީ ބަނދެވުނެވެ. މާހިލްގެ ހަށިގަނޑުގައި އޭނާއަށް އޮޅުލައިގަނެވުނެވެ. މާހިލްގެ ތުންފަތްމަތިން ފެންނަމުން ދަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

(ނުނިމޭ)