ދައުލަތުގެ ބަންޑާރަ ނައިބުގެ މަގާމާއި އިބްރާހީމް ރިފްއަތު ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ދައުލަތުގެ މުއައްސަސާތަކަށް 502 މައްސަލައެއްގައި ގާނޫނީ ލަފާ ދީފައިވާ ކަަމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ތަފާސް ހިސާބު ތަކުން ދައްކައިފިއެވެ.
އެ އޮފީހުން އާންމު ކުރި ތަފާސް ހިސާބު ތަކުން ދައްކާގޮތުގައި ދައުލަތުގެ މުއައްސަސާތަކަށް އެންމެ މަދުން ގާނޫނީ ލަފާ އަރުވާފައިވަނީ މުއާހަދާތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން މުއާހަދާ ތަކާއި ގުޅޭ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދީފައިވަނީ ފަސް ކަމަކާ ގުޅޭގޮތުންނެވެ. އޭޖީ އޮފީހުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބިލު ތަސްދީގު ކުރުމާއި ގުޅޭގޮތުން 16 ކަމެއްގައި އޭޖީ އިން ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދީފައިވެއެވެ. އަދި އުސޫލުތަކާއި ގުޅޭގޮތުން 35 ކަމަކަށް އޭޖީ އިން ގާނޫނީ ލަފާ ދީފައިވެއެވެ.
ގަވައިދު ތަކާއި ގުޅޭގޮތުން އޭޖީ އިން 67 ކަމެއްގައި ދައުލަތުގެ މުއައްސަސާތަކަށް ގާނޫނީ ލަފާ ދީފައިވާއިރު، އެއްބަސްވުންތަކާއި ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކަށް ގަނޫނީ ލަފާ ދީފައިވަނީ 170 ކަމެއްގައެވެ. މީގެ އިތުރުން އެހެނިހެން ކަންކަމާއި ގުޅޭގޮތުން އޭޖީއިން 209 ކަމެއްގައި ދައުލަތުގެ އެކި މުއައްސަސާއަށް ގާނޫނީ ލަފާ ދީފައި ވެއެވެ.
ރިފްއަތު މަގާމާ ހަވާލުވެވަޑައިގެންފައި ވަނީ 2018 ވަނަ އަހަރު ނޮވެމްބަރ17 ގައެވެ.