މިންހާ ފާއިޒް

ގާނޫނު އަސާސީ އާއި ޕޮލިސީތަކުން ކަށަވަރުކޮށްދީފައި ހުއްޓަސް، އަންހެނުންނަށް ހަމަހަމަ ފުރުސަތެއް ނުލިބޭ: މިންނު

ރާއްޖޭގެ ގާނޫނު އަސާސީ އާއި ގައުމީ ފެންވަރުގައި ހަދާފައި ހުރި އެކި ޕޮލިސީތަކުން އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުކޮށްދީފައި އޮތް ނަމަވެސް، އެ ފުރުސަތުތައް އަންހެނުންނަށް ނުލިބޭ ކަމަށް ވިމެން އިން މެނޭޖެމެންޓް މޯލްޑިވްސް (ވިމް) ގެ ރާއްޖޭގެ ގޮފީގެ ރައީސާ، މިންހާ ފާއިޒް ރަޝާދު ވިދާޅުވެއްޖެ އެވެ.

މިންނު މިހެން ވިދާޅުވީ، ރާއްޖޭގެ އަންހެނުން ބާރުވެރިކުރުވައި، އެ ކަނބަލުން ގައުމީ ފެންވަރުގައި ކުރައްވަމުން ގެންދަވާ ޚިދުމަތުގެ އަގު ވަޒަންކޮށް، ހިތްވަރުދިނުމުގެ ގޮތުން ވިމް އިން ދެމުން އަންނަ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019" ގެ ހަފުލާ ފެއްޓުމުގެ ގޮތުން، ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) ގައި ރޭ އޮތް ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

މިންނު ވިދާޅުވީ އަންހެނުން ބާރުވެރިކޮށް، މިންތީގެ ހަމަހަމަކަން ގައުމަށް ގެންނާން އެދޭ ނަމަ، ކަންކަމުގައި ގޮތް ނިންމާ ހިސާބުގައްޔާއި ލީޑަޝިޕު ފެންވަރުގައި އަންހެނުންނަށް ލިބޭ ނުވަތަ ދޭން ޖެހޭ ފުރުސަތުތައް އިތުރުކުރާން ޖެހޭ ކަމަށާއި އެކަން މުޖުތަމައުގެ އެންމެން ގަބޫލުކޮށް ބަލައިގަންނާން ޖެހޭ ކަމަށެވެ. އަދި ހައްގު މަގާމާއި ހައްގު ފުރުސަތުތައް ހޯދުމަށް ހުރިހާ ކަނބަލުން ވެސް ހިތްވަރު އެލުވައިނުލައި މަސައްކަތްކުރުން މުހިންމު ކަމަަށް މިންނު ފާހަގަކުރެއްވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ތާރީޚަށް ބަލާ އިރު، ދިވެހި ކަނބަލުންނަނީ ފިރިހެނުންނާ އެއް ސަފެއްގައި ކަންކަމުގައި ފައިތިލަ ސާބިތުކުރަމުން އައިސްފައިވާ ބައެއް ކަމަށެވެ. އެ ގޮތުން ފިރިހެނުން މަސްބާނައިގެން އައުމުން އެމަސް ކައްކައި، އެއިން އާމްދަނީގެ ހޯދުމުގެ އެހެން ކަންކަން ކުރަނީ އަންހެނުން ކަމަށާއި އޭގެ ބޭރުން ވެސް ރޯނު ވެށުމާއި ކުނާ ވިޔުން ފަދަ ކަންކަމުގައި އަންހެނުންގެ ޝާމިލުވުން ބޮޑުކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ތައުލީމު ހާސިލުކުރާ ނިސްބަތުން ބަލާ އިރު، އަންހެނުންނަކީ ވެސް ތައުލީމީ ބަޔެއްކަން ފާހަގަކުރައްވައި މިންނު ވިދާޅުވީ، މިހާރުގެ ކެބިނެޓުގައި އަންހެން ވަޒީރުން ތިއްބެވި ނިސްބަތަކީ ލިބިފައިވާ ކުރިއެރުމެއް ކަމަށް ގަބޫލުކުރާން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް އެޔާ އިދިކޮޅަށް، ނިމިގެން ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ގައުމީ ފެންވަރެއްގައި އަންހެނުންގެ އަޑު އިއްވުމަށް އެޅިގެން ދިޔަ ހުރަހެއް ކަމަށާއި އެއީ ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށް ވެސް މިންނު ވިދާޅުވި އެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ފަސް އަންހެން މެންބަރުން ތިއްބެވި ނަމަވެސް 19 ވަނަ މަޖިލީހުގައި މެންބަރުންގެ އަދަދު އަދަދު އެތައް ތަނަކުން އިތުރު ވެގެން ދިޔަ އިރު، ހޮވިވަޑައިގެންނެވީ ހަތަރު އަންހެން މެންބަރުންކަން މިންނު ފާހަގަކުރެއްވި އެވެ.

"އެއީ ނާއުއްމީދީ ކަމެއް. މަޖިލީހުގައި އަންހެން މެންބަރުން މަދުވުމަކީ ރައްޔިތުން ތަމްސީލު ކުރުމުގައި އަންހެނުންގެ އަޑު އަދި މަސްލަހަތު ކުޑަވާނެ ކަމެއްކަމަށް ގަބޫލުކުރެވޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ ހޮވިވަޑައިގެން ތިއްބެވި ހަތަރު މެންބަރުންގެ އަޑު މަޑު ނުވާނެ ކަމަށް." މިންނު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސަގާފީ އަދި ދީނީ ގަބޫލުކުރުންތަކުގެ ނަމުގައި ވެސް، ގައުމީ ފެންވަރުގައި އަންހެނުންނަށް ލިބޭން ހުންނަ ފުރުސަތުތައް ހަނިވެގެންދާ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަ ކުރުން ފަދަ ކަންކަމުން ކުރިމަތިކުރުވާ ގޮންޖެހުންތައް ވެސް ކުޑަ ނޫން ކަމަށެވެ.

"ސިޔާސަތުތައް ބިނާކުރާ ފަރާތްތަކުން އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް އިތުރަށް ޔަގީންކޮށް ކަށަވަރުކުރާން ޖެހޭ. އަޅުގަނޑުމެން އަންހެނުން ޖެހޭނީ ފުރުސަތުތައް ހޯދަން ގަދަ އަޅައި މަސައްކަތް ކުރަން. މި ބަދަލު ގެނެވޭނީ ހިތްވަރާ އެކު މަސައްކަތް ކޮށްގެން." މިންނު ވިދާޅުވި އެވެ.

ވިމް އެވޯޑްސް މި އަހަރު އެކި ކެޓެގަރީތަކުން 29 ކަނބަލަކަށް އަދި ދެ ކުންފުންޏަކަށް ވަނީ ދީފަ އެވެ. މިއީ މި އެވޯޑު ދޭ ދެވަނަ އަހަރެވެ.

ވިމް އެވޯޑްސް ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.