ވިމް ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް

ވިމް އެވޯޑްސް: އަހަރުގެ އަންހެނާގެ މަގާމު މަރިޔަމް ވަހީދާ އަށް

ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް، (ވިމް) އިން އަންހެނުންގެ ގައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ، "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2019" ގެ "ވުމަން އޮފް ދަ އިޔަރ" (އަހަރުގެ އަންހެނާ) ގެ މަގާމަށް، ހ. ދުނި، މަރިޔަމް ވަހީދާ ހޮވިއްޖެ އެވެ.

އަހަރުގެ އަންހެނާގެ އެވޯޑަކީ ވިމް އެވޯޑުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

އަހަރުގެ އަންހެނާގެ މަގާމަށް ހޮވުމާ ގުޅިގެން، ވިމް އިން ދޭ ހަނދާނީ ލިޔުމާއި ފިލާ މަރިޔަމް ވަހީދާއަށް ހަވާލުކޮށްދެއްވީ، ވިމް އެވޯޑްސް ދިނުމަށް ފެކަލްޓީ އޮފް ހެލްތު ސައިންސް ގެ އޮޑިޓޯރިއަމް ގައި ރޭ ބޭއްވި ހަފުލާގައި، އެވޯޑުގެ ޖަޖުންނާއި ރާއްޖޭގެ ގޮފީގެ ރައީސާ މިންހާ ފާއިޒް ރަޝާދާއި ވިމް ގެ ޗެއާޕާސަން އެވެ.

މަރިޔަމް ވަހީދާ ވަނީ ދިވެހި ދައުލަތުގެ އެކި މަގާމުތަކުގައި 42 އަހަރު ދުވަހު ޚިދުމަތް ކުރައްވައިފަ އެވެ.

ގާލް ގައިޑުގެ ކުރީގެ ކޮމިޝަނަރެއްގެ ގޮތުގައި މަރިޔަމް ވަހީދާ ވަނީ އެ ދާއިރާއިން އަންހެނުންނަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ. ނޫސްވެރިކަމުގެ ދާއިރާއަށް ބަލާ އިރު، އިޖުތިމާއީ އެކި ދާއިރާތަކުން ދުވަހު ނޫސް ހަވީރަށް އެތައް އަހަރެއް ވާންދެން ލިޔުއްވާފައިވެ އެވެ. އަންހެނުންނާއި ސިއްހަތުގެ ދާއިރާއިން 100 އެޕިސޯޑުގެ ޓީވީ ޕްރޮގްރާމެއް ވެސް މަރިޔަމް ވަހީދާ ވަނީ ހުށަހަޅުއްވައިފަ އެވެ.

އުމުރުން 67 އަހަރުގެ، ފަސް ކުދީންގެ މަންމަ، މަރިޔަމް ވަހީދާ ގެންދަވަނީ ގައުމީ ފެންވަރުގައި ބާއްވާ ގިނަ ދުވުން ތަކުގައި މިހާރު ވެސް ބައިވެރިވެވަޑައިގަންނަވަމުންނެވެ. ފުލް މެރެތަން އެއް ފުރިހަމަ ކުރައްވައި، މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭނާ ވަނީ ގައުމީ ރެކޯޑެއް ވެސް ހައްދަވައިފަ އެވެ.

ވިމް އެވޯޑްސް މި އަހަރު އެކި ކެޓެގަރީތަކުން 29 ކަނބަލަކަށާއި ދެ ކުންފުންޏަކަށް ވަނީ ދީފަ އެވެ. މިއީ މި އެވޯޑު ދޭ ދެވަނަ އަހަރެވެ.

ވިމް އެވޯޑްސް ގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.