އިއްޔެ ކުރިއަށް ދިޔަ ބާ ކައުންސިލް އިންތިހާބު ކާމިޔާބު ކުރެއްވި ގާނޫނީ ވަކީލު މައުމޫން ހަމީދަށް އިންތިހާބުގައި ނާކާމިޔާބާއި ކުރިމަތިވެވަޑައިގެންނެވި ކުރީގެ އެޓާނީ ޖެނެރަލް އަދި ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
މައުމޫން ހަމީދަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައި ސުއޫދު ވިދާޅުވީ ކުރިއަށް އޮތްތާނގައި ރާއްޖޭގެ ގާނޫނީ ދާއިރާ ރާއްޖޭގެ ގާނޫނީ ވަކީލުން އެދޭ ފަދައިން ކުރިއަރުވަން މައުމޫން ހަމީދު މަސައްކަތް ކުރެއްވުމަށް އެދޭ ކަމަށެވެ.
އިއްޔެ ކުރިއަށްދިޔަ ބާ ކައުންސިލްގެ އިންތިހާބުގައި ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވެފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ތިންވަނަ ބަންޑާރަ ނައިބު އަބުދުﷲ މުއިއްޒު އެވެ. ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިހާބުވެފައި ވަނީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހައްމަދު މުއިއްޒު، އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު، ސިވިލް ކޯޓުގެކުރީގެ ގާޒީ އައިޝާ ސުޖޫން އާއި މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު އަސީލް ހަސަން އެވެ.