ދެކުނުގެ ތިން ރަށެއްގައި ހުއްޓިފައިވާ އައިސްޕްލާންޓްތައް އޮޕަރޭޓު ކުރުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދޫގައި ރޭ ބޭއްވި ''ޖަޒީރާ ހޮޅުއަށި'' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، މިމަހުގެ ފަހުކޮޅު އޮޕަރޭޓު ކުރަން ނިންމާފައިވަނީ ގދ. ފަރެސްމާތޮޑާއާއި ގދ. ގައްދޫއާއި އަދި ގއ. ދެއްވަދޫގެ އައިސް ޕްލާންޓްގެ އޮޕަރޭޝަންތައް ކަމަށެވެ.
އަދި މިވަގުތު ރާއްޖޭގެ 15 ރަށެއްގައި އައިސް ޕްލާންޓްތައް އޮޕަރޭޓްކުރަމުންދާކަން ފާހަގަކުރައްވައި އަމްރު ވިދާޅުވީ އެތަންތަނުގެ ކެޕޭސިޓީއަކީ 605 ޓަނު ކަމަށެވެ.
އަމްރު ވިދާޅުވީ މިހާރު ތަރައްގީކޮށްފައި ހުރި އައިސް ޕްލާންޓްތަކުގެ މަސައްކަތްތައް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިފްކޯއިން ކުރާނެކަމަށެވެ.
އަދި ގިނަ ރަށްރަށުގެ މަސް ދޯނިފަހަރު އައިސް ގަތުމަށް ލަފާފުރާ ތިނަދޫގެ އައިސްޕްލާންޓްގެ ކެޕޭސިޓީ ބޮޑުކުރުމަށް މަސައްކަތްކުރާނެކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމުގެ ނަމުގައި ބޭއްވި ''ޖަޒީރާ ހޮޅުއަށި'' ޕްރޮގްރާމްގައި މަސްވެރިން ވަނީ އެމީހުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ހިޔާލު ހުށަހަޅައިފައެވެ.
އެގޮތުން މިހާރު އައިސް ޕްލާންޓް ބަހައްޓާފައި ހުރި ތަންތަނަށް ދިޔުމުން ޕްލާންޓް ހަލާކުވެފަ ހުރި ކަމަށާއި އައިސް ހުސްވެފައި ހުރި ކަމަށް ބުނަމުންދާތީ މަސްވެރިންނަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ފާހަގަކުރި އެވެ.
އަދި އައިސް ނުލިބުމުގެ ސަބަބުން، ބާނާ މަސް އުކާލަންޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި އެއް ދުވަހުން އަނެއް ދުވަހަށް މަސް ބާނާ އޮޑި ދޯނިފަހަރު ތަރައްގީވަމުން އަންނަ އިރު، މަސްވެރިންނަށް ލިބޭ ހިދުމަތްތައް ކުރިއަރާފައި ނުވާކަމަށް މަސްވެރިން ބުނެއެވެ.