ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދޯނިފަހަރުގައި ބިދޭސީން ގެންގުޅުމުގެ މައްސަލައިގައި ދެކޮޅަށް ޚިޔާލު ލިބޭ، އިތުރު މަޝްވަރާކުރާން ޖެހޭ: ރައީސް

މަސްވެރިކަން ކުުރާ އޮޑިދޯނި ފަހަރުގައި ބިދޭސީން ގެންގުޅުމުގެ މައްސަލައިގައި، ސަރުކާރުން ވެސް ދިރާސާތަކެއް ކުރަމުން އަންނަ ކަމަށާއި އެ މައްސަލައިގައި ދެކޮޅަށް ވެސް ޚިޔާލު ލިބިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެކި ކަންކަމުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ސަރުކާރުން ކުރިޔަށް ގެންދަވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ތިންވަނަ ބައްދަލުވުމުގެ ތެރެއިން މަސްވެރިކަމާބެހޭގޮތުން ގދ. ތިނަދޫ ގައި ރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އޮޑިދޯނި ފަހަރުގައި ބޭރު މީހުން ނުގެންގުޅެވޭ ގޮތަށް ހަދަން ބައެއް ފަރާތްތަކުން ހުށަހަޅާއިރު، އަނެއްބައި އޮޑިވެރީންގެ ފަރާތުން ހުށަހަޅަނީ އެއީ ބޭނުންތެރި ކަމެއްގެ ގޮތުގައި ކަމަށެވެ.

"ބައެއް އޮޑިވެރީން ބުނެފަ އެބަހުރި ދޯނިފަހަރުގަ ބޭރުމީހުން ގެންގުޅެން، ބޭނުންކުރާން އެބަ ޖެހޭ ކަމަށް. އެއީ އޮޑިދޯނިފަހަރު ސާފުކުރުމާއި އެފަދަ ކަންކަމަށް. އެހެންވީމަ ދެކޮޅަށް ވެސް މިހާތަނަށް އައި އިރު ހިޔާލުތައް ލިބިފަ އެބަ ހުރި." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދޯނި ފަހަރުގައި ބޭރު މީހުން ގެންގުޅޭތީ އެ ޝަކުވާ ވެސް އަންނަ ކަމަށާއި އެހެންކަމުން މިއީ ބަހުސްކޮށްލަން ރަނގަޅު ކަމެއް ކަމަށެވެ. އެ ގޮތުން މި ކަމުގައި އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ ބަލަން އިތުރަށް މަޝްވަރާކޮށް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ޝަކުވާއަށް ސަރުކާރުން ގޮތެއް ނިންމުމުގެ ކުރީން މަސްވެރީންގެ ފަރާތުން އިތުރު މަޝްވަރާ އާއި ކަންކަން އެނގެން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ރޭގެ ޖަޒީރާ ހޮޅުއަށީގައި ހިޔާލުފާޅުކުރުމުގެ ފުރުސަތުގެ ތެރޭގައި ވެސް، އެކަކު ވަނީ ދޯނިފަހަރުގައި ބިދޭސީން ގެންގުޅޭ މައްސަލަ ފާހަގަކޮށް އެކަން ހުއްޓުވުމަށް އެދިފަ އެވެ. އެހެން ނަމަވެސް އޭގެ ފަހުން ހިޔާލުފާޅުކުރި އެހެން މީހަކު ބުނީ ދޯނި ފަހަރުގައި ބިދޭސީން ގެންގުޅެވޭނެ ފުރުސަތު އޮތުމަކީ މިހާރު މި މަސައްކަތް ފުޅާވެފައިވާ މިންވަރަށް ބަލާ އިރު ބޭނުންތެރި ކަމެއް ކަމަށެވެ.