މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 20

އަބްދުﷲ ފާރޫގް ހަސަން

ބޮލިހިލުމާއި ރޯނުވެށުން

ރޯނުވެށުމާއި ބޮލިހިލުމާއި ރުއްއެރުމަކީ މަލިކުމީހުން އިހުޒަމާނުގައި ދިރިއުޅުމަށްޓަކައި ކޮށްއުޅުނު މަސައްކަތްތަކުގެ ތެރެއިން މިހާރު ނުމިއި ނުދިރިހުރި މަސައްކަތްތަކެވެ.

އިންޑިޔާކަނޑުގެ ވިޔަފާރީގެ ތާރީޚަށް ބަލާއިރު ދިވެހިރާއްޖޭގެ ބޮއްޔާއި، ރޯނާއި، ހަކުރާއި، ދިލަޖެއްސިމަހާއި، ރާއްޖޭގައި ވިޔާ ކަސަބުގެ ކިނާރީއާއި، ފަށުއިފޭރާމާއި، މާވަހަރަކީ އެތެރެވަރީގައި ވަރަށް އަގުހުރި ބާވަތްތަކެކެވެ. މީލާދީން ސާދަވަނަ ސައްތައިގެ ފަހުކޮޅުން ފެށިގެން ޔޫރަޕުގެ ވިޔަފާރިވެރީން އެތެރެވަރިއަށް އައުމަށްފަހު އެމީހުންވެސް އެންމެބޮޑަށް ބޭނުންވި ވިޔަފާރިމުދަލުގެ ތެރޭގައި ދިވެހިރާއްޖޭގެ މިދެންނެވި އުފެއްދުންތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އަތޮޅެއްގެ ގޮތުންނާއި އަޅުގަނޑުމެންގެ ދުރު ކާފައިންގެ ދަރީންގެ ޙައިޘިއްޔަތުން މަލިކުގައިވެސް އޭރު މިދެންނެވި ހުރިހާ ބާވަތްތަކެއް އުފައްދަމުން ގެންދިޔައެވެ. މަހާއި، ކުފުރާއާއި، ބޮއްޔާއި، ރޯނާއި، ހަކުރާއި، ކިނާރީއާއި، ފަށުއިފޭރާން ހިފައިގެން އިންޑިޔާގެ ބަނދަރުތަކަށާއި ސިލޯނުގެ ބަނދަރުތަކަށް ދަތުރުކުރި ދިވެހި އޮޑިފަހަރުގެ ތެރޭގައި މަލިކު އޮޑިފަހަރުވެސް އޭރު ހިމެނުނެވެ.

ނަމަވެސް އެތެރެވަރިޔާއި ދުނިޔޭގެ ވިޔަފާރިއަށް އައި އިންޤިލާބާ ވިދިގެން ދިވެހިރާއްޖޭގެ ރޯނުވެށުމާއި، ބޮލިހިލުމާއި، ރުއްއެރުމާއި، ފޭރާން ވިޔުމަށް އައި ހީނަރުކަން މަލިކުއަތޮޅުގެ މިދެންނެވި މަސައްކަތްތަކަށްވެސް ވަނީ އައިސްފައެވެ. ކުރިންވެސް ދެންނެވިފަދައިން ރާއްޖެއެކޭ އެއްފަދައިން މިހާރު މަލިކުގައިވެސް ފޭރާންވިޔުމެއް ނެތެވެ. ރާއްޖޭގެ މީހުންވެސް ޓޫރިސްޓުންނަށް ވިއްކުމަށް ރީތިބޮލި ހޮވައިއުޅޭގޮތަށް މަލިކު މީހުންވެސް ބޮޑުބޮލިނަގައެވެ. ރާވެރިކަމާއި ރޯނުވެށުމުގައި ހިސާބެއްގެ ނޭވާފަށެއް އަދިވެސް އެބަހުއްޓެވެ.

މަލިކުމީހުންވެސް ރޯނުވަށާއިރު ފުރަތަމަ ކުރާ ކަމަކީ ބޮނބިފާކުރުމެވެ. އެކަމަށްޓަކައި ކޮނެފައިހުންނަ ވަޅުވަޅަށް އެމީހުން ކިޔަނީ އޮޅެވެ. "އޮޅަށް" ބޮނބިފާކުރަން އެޅުމަށް އެމީހުން ކިޔަނީ ބޮނބިތެމުމެވެ. އެމީހުން މިމަސައްކަތްކުރަނީ ހަމަ އަޅުގަނޑުމެންވެސް ކުރާ ގޮތަށެވެ. ބޮނބިތެޅުމާއި، ތަޅައި ނިމިގެންވެސް މޫދުންދޮވެ ކުނޑިފިލުވުމާއި، އަވީލައި ހިއްކުމާއި، ބޮނބި ފިނދުމާއި، ލީލިއެޅުމާއި، ރޯނުވެށުމުގައި ރާއްޖެއާއި މަލިކާ ތަފާތެއް ނެތެވެ. މަލިކުގައި ރޯނުފޯއްޔެއްގައި އޮންނަނީ އެކާވީސް އުޅިއެވެ. ބާރަފޯލި އެއްކޮށްފައި އެއްފޯލިރޯނު އޭގެ ބޭރުން ހުރަހަށް ބާރަށް އޮޅާލީމާ އެއޮތީ ރޯނުބޮނޑިޔަކަށް ވެފައެވެ. ފަންސަވީސް ބޮނޑި ރޯނު އެއްކޮށް ބަނދެފައި އޮންނައިރު އެއީ ބަންޑެއްޔެކެވެ.

އިހުގައި ރާއްޖޭގައިވެސް ވިޔަފާރިކުރާ ތަންތަނަށް ނުވަތަ އެނޫންވެސް ތަކެތި ގަންނަން ރޯނުހިފައިގެން ގޮސް އުޅުނު ފަދައިން މަލިކުގައިވެސް ރޯނުހިފައިގެން ވިޔަފާރިކަމުގޮސް އުޅުނެވެ. އާދެ، މުދަލަށް މުދާ ބަދަލުކުރުމުގެ ވިޔަފާރީގެ އުޞޫލުންނެވެ.

ރާއެރިކަން

މަލިކާއި ރާއްޖޭގައި ރާވެރިކަންކޮށް އުޅެނީވެސް އެއްގޮތަކަށެވެ. މަލިކުމީހުން ރުއްއެރުމަށް ކިޔަނީ އަރަން ދިއުމެވެ. ދެތާނގެ މީހުން ރާވެރިކަން ކުރާގޮތް، އަޅުގަނޑު ފަރުވާތެރިކަމާއެކު ބެލިބެލުމުން އަޅުގަނޑަށް ފާހަގަކުރެވުނު ހަމައެކަނި ތަފާތަކީ މަލިކުގެ ރާވެރީން ރުކުގައި ކާލިބަނދެފައި ނުހުންނަކަމެވެ. އެމީހުން ރުކަށްއަރަނީ، އަތަށާއި ފަޔަށް ޅާނބު ލައްވައިގެންނެވެ. އަޅުގަނޑު މަލިކުން ދިޔާހަކުރެއް ނުދެކެމެވެ. ފެނުނީ ކަރުހަކުރެވެ. ރާކެއްކުމާއި ހަކުރުހެދުންވެސް އަޅުގަނޑުމެންނާ އެއްގޮތެވެ.

ސްމޯލް ސްކޭލް އިންޑަސްޓްރީ

މަލިކުމީހުން ދިރިއުޅުމަށްޓަކައި ކޮށްއުޅޭ މަސައްކަތްތަކުގެ ތެރޭގައި މިޒަމާނުގައި އިޤްތިޞާދީ ބަހުރުވައިގައި "ސްމޯލްސްކޭލް ކޮޓެޖް އިންޑަސްޓްރީޒް" ގެ ގޮތުގައި ފާހަގަކުރާ މަސައްކަތްތައްވެސް ހިމެނެއެވެ. ތިރީގައިމިވަނީ، މަލިކުގައި ހުރި މިދެންނެވި ބާވަތުގެ އިންޑަސްޓްރީތަކެވެ.

ކޯޕަރޭޓިވް ސޮސައިޓީ

މަލިކު މީހުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކުމާއި، އެމީހުން އުފައްދާތަކެތި (ކުފުރާ، ހިކިމަސް ފަދަ ތަކެތި) ގަތުމަށް ކޯޕަރޭޓިވް ސަޕްލައި އެންޑް މާކެޓިންގ ސޮސައިޓީއެއް މަލިކުގައި އުފެދިފައި އޮވެއެވެ. މިއީ ސަރުކާރުގެ އެހީއާއެކު ރަށު އެންމެން ޙިއްޞާވެގެން އުފައްދާފައިވާ ތަނެކެވެ.

ސޮސައިޓީން ޢާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ސާފުތެޔޮ، ސައިފަތް، ޕާމްއޮއިލް، ހިމެނެއެވެ. މީގެ އިތުރުންވެސް ޢާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ސޮސައިޓީން ވިއްކައެވެ. މިސޮސައިޓީގެ ތިންގޮފި މަލިކުގައި ހުރެއެވެ. މައިގޮތްޕަށް މަލިކުމީހުން ކިޔަނީ ބަނބުކެޔޮގަސްދޮށު ސޮސައިޓީއެވެ.

ކޯޕަރޭޓިވް ސޮސައިޓީ ހިންގަނީ ރަށު މީހުން ޢައްޔަންކުރާ ހަ ޑިރެކްޓަރުންގެ މައްޗަށް އެކުލެވޭ ބޯޑެއްގެ މަޝްވަރާގެ މަތިންނެވެ. މިބޯޑުގައި ސަރުކާރުން ޢައްޔަންކުރާ ދެ ރެޕްރެޒެންޓެޓިވުންވެސް ހިމެނެއެވެ. 1990 ސެޕްޓެމްބަރުގައި މިމަގާމުގައި ތިއްބެވީ މަލިކުގެ ޑެޕިއުޓީ ކަލެކްޓަރ މުރާދޫގަނޑުވަރު ޙަސަންމަނިކުފާނާއި، ޕޯޓްއެސިސްޓެންޓް ކަލިފަދާތަގޭ މުޙަންމަދެވެ.

ޢަމަލީގޮތުން ސޮސައިޓީ ހިންގަނީ ސޮސައިޓީގެ ސެކްރެޓެރީއެވެ. 1990 ސެޕްޓެމްބަރުގައި އެމަގާމުގައި ހުންނެވީ ގޮއިދުގޯތި ޢަލިމަނިކުފާނެއެވެ.
ފުޑް ކޯޕަރޭޝަން އޮފް އިންޑިޔާއިން މަލިކު ރައްޔިތުންނަށް ދޫކުރާ ރޭޝަންކާޑު (ރައްޔިތުންނަށް ހެޔޮއަގުގައި ވަކި ޢަދަދަކަށް ދޫކުރާ ކާޑު) ވިއްކަނީވެސް ސޮސައިޓީންނެވެ. އިންޑިޔާގެ އެހެނިހެން ސަރަޙައްދުތަކަށްވުރެ މަލިކަށް ދޫކުރާ ރޭޝަން އިތުރެވެ. އަގުވެސް ހެވެވެ. މިސާލަކަށް އަވަށްޓެރި ކޮއްޗޭ މީހަކަށް މަހަކު 450 ގްރާމް ހަކުރު ލިބޭއިރު މަލިކުމީހަކަށް އެއްހާސްގްރާމް ހަކުރު ލިބެއެވެ. (މިނިކޮއި އެޓް އަ ގްލާންސް 1980، ޞަފްޙާ 8)

ޚަޒާނާއާއި ބޭންކު

މަލިކުގައި ސަރުކާރުގެ ޚަޒާނާގެ ގޮތްޕެއް ހުރެއެވެ. އެތާނގެ ނަމަކީ ސަބްޓްރެޒަރީއެވެ. އެތާނގެ މަސައްކަތަކީ ސަރުކާރުގެ މުސާރަވެރީންގެ މުސާރައިގެ ކަންތައް ހަމަޖެއްސުމާއި ސަރުކާރުގެ ފައިސާ ބެލެހެއްޓުމެވެ. ސަބްޓްރެޒަރީ އޮފިސަރެއްގެ މަގާމުގައި 1990 ސެޕްޓެމްބަރުގައި ހުރީ ލަކްޝަދީބުގެ އަގައްތީގެ ބޭކަލެކެވެ. މިސްޓަރ ޢަބްދުއްރަޙްމާނެވެ.

މަލިކުގައި ބޭންކެއްވެސް ހުރެއެވެ. އެއީ ސިންޑިކޭޓް ބޭންކުގެ ގޮތްޕެކެވެ. އެ ބޭންކުގެ ހެޑްއޮފީސް ހުންނަނީ އިންޑިޔާގެ ކަރުނާޓަކާގެ މަނިއްޕާލުގައެވެ. ސިންޑިކޭޓް ބޭންކުގެ މަލިކުގޮފީގެ މެނޭޖަރަކަށް 1990 ސެޕްޓެމްބަރުގައި ހުންނެވީ މިސްޓަރ ކުންޏިކޮޔާއެވެ. މިބޭންކުގެ ގޮފިތައް އިންޑިޔާ ފިޔަވައި އެހެން ޤައުމުތަކުގައިވެސް ހުރެއެވެ.

(ނުނިމޭ)