ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު ގެންނަން އަދުރޭ ތާއީދުކޮށްފި

ބާ ކައުންސިލްގެ ރައީސްކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ގެންނަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ތާއީދުކޮށްފިއެވެ.

މާދަމާ އޮންނަ ބާ ކައުންސިލްގެ އިންތިހާބުގައި މައުމޫން ހަމީދަށް ތާއީދުކުރައްވާކަން އަދުރޭ ހާމަކުރެއްވީ އޭނާ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އަދުރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބާ ކައުންސިލްގެ ރައީސް ކަމަށް އެންމެ ގާބިލު ބޭފުޅަކީ މައުމޫން ހަމީދު ކަމަށެވެ.

ބާ ކައުންސިލްގެ ރައީސްކަމަށް މައުމޫން ހަމީދު ގެންނަން އަދުރޭގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވެސް ވަނީ ތާއީދުކޮށްފައެވެ. ޝިޔާމް ކުރެއްވި ޓުވިޓުގައި ވިދާޅުވީ ބާ ކައުންސިލްގެ ތާރީހީ އިންތިހާބުގައި އެ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ މައުމޫން ހަމީދަށް ކާމިޔާބީއަށް އެދޭ ކަމަށެވެ.

ބާ ކައުންސިލްގެ އިންތިހާބުގައި ރައީސްކަމަށް މައުމޫން ހަމީދުގެ އިތުރުން ދެން ވާދަކުރައްވަނީ ކުރީގެ ބަންޑާރަނައިބު ހުސްނުއްސުއޫދެވެ. މާދަމާ ބާއްވާ އިންތިހާބުގައި ބާ ކައުންސިލްގެ ރައީސްކަމުގެ މަގާމުގެ އިތުރުން ނައިބު ރައީސާއި ހަ މެމްބަރުން ހޮވުމަށް ހަމަޖެހިފައިވެއެވެ.

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބާއި އަދި އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ބުނާގޮތުން، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރާނީ ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. މާދަމާ ހެނދުނު 9:00 އިން ފެށިގެން 5:00 އާ ހަމައަށް މާލެ އަދި އައްޑޫގައި ވޯޓުލުން ކުރިއަށްދާނެއެވެ.