ހުތުބާ

ﷲ ގެ ދީދާރުފުޅު ދުށުމުގެ ނިއުމަތަކީ، އެ ނިއުމަތަކަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވީ ނިއުމަތް: ހުތުބާ

މާތްﷲ ގެ ދީދާރުފުޅު ދުށުމުގެ ނިއުމަތަކީ، އެ ނިއުމަތަކަށްޓަކައި ގަދައަޅައި މަސައްކަތްކުރަންވީ ނިއުމަތް ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ ގެ ދީދާރުފުޅު ދުށުމުގެ ނިއުމަތަކީ ކޮންމެ އިންސާނަކު ވެސް އެންމެ ޝައުގުވެރިވާނެ ނިއުމަތް ކަމަށެވެ.

"ﷲ ގެ ދީދާރުފުޅު ދުށުމުގެ މި ނިއުމަތަކީ، އެ ނިއުމަތަކަށްޓަކައި އިންސާނުން ގަދައަޅައި މަސައްކަތްކުރަންވީ ނިއުމަތެވެ. ފަހެ މިއަށްވުރެ ބޮޑު ނިއުމަތަކީ ކޮބައިހެއްޔެވެ؟ އަދި މުއުމިން އަޅުތަކުން މިއަށްވުރެ ބޮޑަށް ޝައުގުވެރިވާނެ ދެވަނަ އެހެން ކަމަކީ ކޮބައި ހެއްޔެވެ؟،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދުނިޔެ މަތީގައި ﷲ އަށް އީމާންވެ، އެ އިލާހު އެންގެވި ގޮތުގައި އެމީހެއްގެ ހަޔާތުގެ ދުވަސްތައް ވޭތިކޮށްފި މީހާއަށް ލިބޭ އިނާމަކީ ސުވަރުގޭގެ ދާއިމީ ނިއުމަތް ކަމަށާއި އެއީ ލޮލަކަށް ފެނިފައިނުވާ، ކަންފަތަކަށް އަޑު އުވިފައި ނުވާ، ހިތަކަށް ތަސައްވުރު ނުވާ ނިއުމަތެއް ކަމަށެވެ. އަދި އެއީ ރީތިކަމާއި ފުރިހަމަކަމާއި އާރާމާއި ލައްޒަތާއި އުފަލާއި ހިތްހަމަޖެހުމުން ފުރިގެންވާ ސުވަރުގެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"ސުވަރުގޭގެ އަހުލުވެރިންނަށް ލިބޭ ނިއުމަތްތައް އަދަދު ނުކުރެވޭހާ ގިނަގުނައެވެ. އަދި އެ ހުރިހާ ނިއުމަތްތަކަށް ވުރެ ބޮޑުވެގެންވާ ނިއުމަތެއްވެއެވެ. އެއީ މުއުމިނު އަޅުތަކުން އެ ނިއުމަތަކަށް އެންމެ ޝައުގުވެރިވާނޭ ނިއުމަތެވެ. އެ ނިއުމަތް ލިބުމުން އެހެން ހުރިހާ ނިއުމަތްތަކުގެ މަތިން ހަނދާން ނެތޭ ބޮޑު ނިއުމަތެކެވެ. ލައްޒަތާއި ހިތްހަމަޖެހުމުން ފުރިގެންވާ ދެވަނައެއް ނެތް ފަދަ އަގުބޮޑު ނިއުމަތެވެ. އެއީ ﷲ ގެ ހަޟްރަތަށް ދިއުމަށް ދެވޭ ދައުވަތެވެ. އަދި އުޑުތަކާއި ބިންތަކާއި އެތަންތަނުގައި ލެއްވިގެންވާހައި ތަކެއްޗެއްގެ ވެރި ރަސްކަލާނގެ، ޖައްބާރުވަންތަ ގަދަ ކީރިތިވަންތަ އަރަހުށި މާތްﷲ، މުއުމިނުންގެ ލޯތަކަށް ފެނުމުގެ ނިއުމަތެވެ. އެހެން އެއްވެސް އެއްޗަކާ ވައްތަރުވުމެއް، އެއްފަދަވުމެއް ނެތް، ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ އެންމެ ފުރިހަމަ، އެންމެ ރީތި ވަޖުހުފުޅަށް ބެލުމުގެ ލައްޒަތެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

އެ މަތިވެރި ނިއުމަތް ހޯދުމަށްޓަކައި ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.