ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ލިބޭ އާމްދަނީ ހިފެހެއްޓޭނީ ބިދޭސީން އަދާކުރާ ވަޒީފާތަކަށް ދިވެހިން އުފެއްދިގެން: ރައީސް

ރާއްޖެއަށް ލިބޭ އާމްދަނީ ހިފެހެއްޓޭނީ ބިދޭސީން އަދާކުރާ ވަޒީފާތަކަށް ދިވެހިން އުފެއްދިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނޭ ދިވެހިންތަކެއް އުފެއްދިގެން ނޫނީ ރާއްޖެއަށް ލިބޭ އާމްދަނީ ގާދޫކޮލުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ. މިކަންކަމަށް ރިއާޔަތްކޮށް، ރާއްޖޭގެ މަސައްކަތު އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރުގެ އަންދާޒާތަކަށް ބަލާއިރު، މިއަހަރު ނިމޭއިރު 533000 އަށްވުރެ ގިނަ މީހުން ރާއްޖޭގައި ދިރިއުޅޭނެ ކަމަށާއި އޭގެ ތެރެއިން 30 އިންސައްތައަކީ ބިދޭސީން ކަމަށެވެ. އެމީހުންގެ ފަރާތުން ރާއްޖޭގެ އިގުތިޞާދަށް ފައިދާތަކެއް ލިބޭކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ނަމަވެސް ރާއްޖޭގެ އާމްދަނީގެ ވަރަށް މަތީ މިންވަރެއް އެމީހުންގެ ސަބަބުން ރާއްޖެއިން ބޭރުވެގެންދާކަމީ ވެސް ފެންނާން އޮތް ހަގީގަތެއް. މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނައި، އަވަސް ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގައުމީ ތަރައްގީގެ ހުންގާނު އަމާޒުވާން ވާނީ ފަރުދުންގެ ސިއްހީ ދުޅަހެޔޮކަމާއި ފަރުދުންގެ އިގުތިޞާދީ ކުރިއެރުމަށް އަދި އިންސާނީ އަސާސީ ހައްގުތައް ހޯދައިދިނުމާއެކު ތައުލީމީ ގާބިލު ޖީލެއް ބިނާކުރުމަށް ކަމަށެވެ.