މޯލްޑިވްސް ކަސްޓަމްސް ސާވިސް

މިދިޔަ މަހު ކަސްޓަމްސްއަށް 266 މިލިއަން ރުފިޔާގެ އާމްދަނީއެއް، އެކްސްޕޯޓާއި އިމްޕޯޓު ދަށަށް

މިދިޔަ މަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް 266 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.

ކަސްޓަމްސްގެ މިދިޔަ މަހުގެ ތަފާސް ހިސާބުތަކުން 266 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، މިދިޔަ އަހަރުގެ ޖޫން މަހު ލިބިފައިވަނީ 235 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އެހެންކަމުން މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ 13 އިންސައްތަ ވަނީ އިތުރުވެފައެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު ފަސް އިންސައްތަ ދަށްވެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު، މިދިޔަ މަހު އެ އަދަދު ވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި މިދިޔަ އަހަރުގެ ޖޫންގައި ރާއްޖެއަށް 113 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާ އިރު، މިދިޔަ މަހު އެ އަދަދު ވަނީ 104 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ކަސްޓަމްސް އިން ބުނީ އިމްޕޯޓުކުރި މުދަލުގެ އަގުގެ ގޮތުގައި 19 އިންސައްތަ ޗައިނާ އަދި ޔޫއޭއީ އިން އިމްޕޯޓުކޮށްފައިވާ އިރު، ސިންގަޕޫރުން 13 އިންސައްތަ އަދި އިންޑިއާ އިން ނުވަ އިންސައްތަ މުދާ އެތެރެކޮށްފައިވާ ކަމަށެވެ.