ޚަބަރު

ބާޒާރުމަތިން ވައްކަން ކުރުމުން ހައްޔަރު ކުރި މީހެއް އަތުން ގެއަކުން ވަގަށް ނަގާފައިވާ ސާމާނުތަކެއް ފެނިއްޖެ

މަރިޔަމް ޝަހުދާ

ބާޒާރުމަތީ ސަރަހައްދުން ވައްކަން ކުރުމުން ހައްޔަރު ކުރި މީހެއް އަތުން ހެންވޭރު ގެއަކުން ވަގަށް ނަގާފައިވާ ސާމާނުތަކެއް ފެނިއްޖެ އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރު ކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މިރޭ 19:50 ހާއިރު ބާޒާރުމަތީ މަސްމާރުކޭޓު ސަރަހައްދު ފިހާރައަކުން ތިން ކޭސް ނޫޑްލިސް ވަގަށް ނަގައިގެން ނޯތު ހާބަރު ފަޅުތެރޭ އޮތް ބޯޓަކަށް އަރުވަން އުޅުކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު ބަލައި ފާސް ކުރުމުގެ ތެރެއިން މިމީހާ އަތުން ދެ ފޯނުގެ އިތުރުން، ވޮލެޓަކާއި ލަގޭޖް ކައްޓައެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ތަކެއްޗަކީ ހަވީރު 18:00 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރެވުނު ހެންވޭރު ގެއަކުން ވައްކަން ކުރި މައްސަލައެއްގައި ވަގަށް ނަގާފައިވާ ތަކެތި ކަމަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.