ޚަބަރު

ރާއްޖޭގައި މައިގްރޭޝަން ޕޮލިސީއެއް އެކުލަވާލަނީ

ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތް ހެދުމަށް މައިގްރޭޝަން ޕޮލިސީއެއް އެކުލަވާލުމަށް ސަރުކާރުން ރާވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑު ހަޒާނާއަކީ އެގައުމެއްގެ ރައްޔިތުން ނުވަތަ އާބާދީ ކަމަށާއި ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްގީގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ބަލަން ޖެހޭނީ އާބާދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތައް ކަމަށެވެ.

ރާއްޖެއަށް ހިޖުރަކުރާ ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފޭނެ ގޮތް ހެދުމަށްޓަކައި މައިގްރޭޝަން ޕޮލިސީއެއް އެކުލަވާލުމަށް ސަރުކާރުން ވަނީ ރާވާފައި. ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑު ހަޒާނާއަކީ އެގައުމެއްގެ ރައްޔިތުން ނުވަތަ އާބާދީ. ރާއްޖެއަށް ލިބޭ ކުރިއެރުމާއި ތަރައްގީގެ ފައިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެން ބަލަން ޖެހޭނީ އާބާދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ދާއިރާތަކާއި ގޮތްތަކަކީ ކޮބައިތޯ. އެކަންކަމަށް ވިސްނާއިރު ކޮންމެ ފަރުދަކީ ގާބިލް، އުފެއްދުންތެރި، ހުނަރުވެރި އަދި އީޖާދީ މީހަކަށް ހެދޭ ފަދަ ގޮތަކަށް ތައުލީމީ ސިޔާސަތު ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ތަރައްގީގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ރަނގަޅު ކާނާއާއި ދުޅަހެޔޮ ސިއްހަތުގެ ޒަރިއްޔާއިން ރައްޔިތުންގެ ހަށިހެޔޮކަން އިތުރުކުރަން ޖެހޭ ކަމަށާއި ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ނިސްބަތާއި ވިހާ މަރުވާ ނިސްބަތަށް އަޅާކިޔުމުން ފެންނަނީ 2054 ވަނަ އަހަރާ ހަމައަށްދާ އިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ މަތިވާ މަންޒަރު ކަމަށެވެ. އަދީ އޭރަށް އާބާދީގެ 14 އިންސައްތައަކީ ދޮށީ އުމުރުގެ މީހުންނަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އެހެންކަމުން މިހާރު ރާއްޖޭގައި އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގެންނެވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. މިހާރުގެ ޒުވާން ޖީލު ދޮށީ އުމުރަށް ފޯރާ އިރު ހަށިހެޔޮ، ދުޅަހެޔޮ އަދި ފުދުންތެރި ދިރިއުޅުމެއް ލިބޭނީ އޭރުން. ހަމަ އެފަދައިން ދޮށީ އުމުރުގެ މީހުންގެ އިޖުތިމާއީ ރައްކާތެރިކަމަށާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ދައުލަތުން އުފުލަންޖެހޭ ބުރަ ކުޑަކުރެވޭނީ އެމަގަށް ސިޔާސަތުތައް ބަދަލުކޮށް، ތަންފީޒުކުރެވިގެން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މިހާރުގެ އާބާދީގެ 37 އިންސައްތައަކީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން މަސައްކަތްކުރާ އުމުރުފުރާގެ މީހުންގެ ނިސްބަތަކީ އާބާދީގެ 57 އިންސައްތަ ކަމަށެވެ. އަދި އާބާދީ އިތުރުވާ މިންގަނޑަށް ބަލާއިރު 2054 ވަނަ އަހަރާ ހަމައަށް ދާއިރުވެސް މަސައްކަތު އާބާދީގެ އިންސައްތަ ބެހިފައި އޮންނާނީ އެގޮތުގައި ކަމަށް އަންދާޒާތަކުން ދައްކާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.