ޚަބަރު

ރާއްޖެ ކޮމަންވެލްތަށް ވެއްދުމަށް އެކި ގައުމުތަކުން ކުރާ މަސައްކަތަށް މިނިސްޓަރ ޝާހިދު ޝުކުރު އަދާކޮށްފި

މަރިޔަމް ޝަހުދާ

ދިވެހިރާއްޖެ ކޮމަންވެލްތަށް ވެއްދުމަށް އެކި ގައުމުތަކުން ކުރާ މަސައްކަތަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޝުކުރު އަދާކޮށްފި އެވެ.

މިނިސްޓަރ ޝާހިދު މިރޭ ކުރެއްވި ޓުވީޓެއްގައި އިންޑިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، ޕާކިސްތާން، ކެނެޑާ އަދި ރުވަންޑާ އިން ރާއްޖެ އަލުން ކޮމަންވެލްތަށް ވެއްދުމަށް ބާރު އަޅަމުން އަންނާތީ އެކަމަށް ވަނީ ޝުކުރު އަދާކޮށްފައެވެ. މިނިސްޓަރ ވިދާޅުވީ ލަންޑަންގައި ކުރިއަށް ދިޔަ ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި މި ގައުމުތަކުން ރާއްޖެ އަލުން ކޮމަންވެލްތަ ވެއްދުމަށް ކުރާ މަސައްކަތުން މިގައުމުތަކާއި ރާއްޖެއާއި ދެމެދު އޮތް ގާތް ގުޅުން ދޭހަވާކަމަށެވެ.

އިނގިރޭސިވިލާތުގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ 19 ވަނަ ބައްދަލުވުމުގެ ތެރެއިން ރާއްޖެ ކޮމަންވެލްތާ ގުޅުން އަވަސްކޮށްދިނުމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ އެސް. ޖައިޝަންކަރު ގޮވާލެއްވި އެވެ. އަދި ސްރީ ލަންކާއިން މި ބައްދަލުވުމުގައި ގެމްބިއާ އަލުން ކޮމަންވެލްތާ ގުޅުމަށް ގެންގުޅުން "ފާސްޓް ޓްރެކް"ގެ ފުރުސަތު ރާއްޖެއަށް ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ. ލަންކާއިން މިކަމުގެ ސަބަބަކަށް ދައްކާފައިވަނީ ރާއްޖެއިން ކޮމަންވެލްތުން ވަކިވި ސަބަބެވެ. އަދި އަންނަ އަހަރު ކިގާލީގައި ބާއްވާ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ރާއްޖެއަށް ބައިވެރިވެވޭނެ ވަގުތު އޮއްވާ ރާއްޖެއަށް އަލުން ކޮމަންވެލްތުގެ މެމްބަރޝިޕް ދިނުމަށް ލަންކާއިން ގޮވާލިއެވެ.

މި ބައްދަލުވުމުގެ ތެރެއިން ބަންގްލަދޭޝް، ކެނެޑާ، އިންޑިއާ، ރުވާންޑާ އަދި ޕާކިސްތާނުން ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރޝިޕް އަލުން ދިނުން އަވަސްކުރުމަށް ކޮމަންވެލްތު ސެކްރެޓޭރިއޭޓަށް ގޮވާލެއްވިއެވެ. މިގައުމުތަކުގެ އިތުރުން އޮސްޓްރޭލިއާއިންވެސް މީގެ ކުރިން ވަނީ ރާއްޖެ ވީހާވެސް އަވަހަކަށް އަލުން ކޮމަންވެލްތަށް ވެއްދުމަށް ގޮވާލާފައެވެ. އެގޮތުން އޮސްޓްރޭލިއާ އެމްބެސެޑަރު ވަނީ މާލޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެއަށް ކޮމަންވެލްތުގެ މެމްބަރޝިޕްކަން ވީހާވެސް އަވަހަށް ލިބުމަށް އެގައުމުން އެދޭކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ކޮމަންވެލްތުން ވަކިވުމަށް ނިންމާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައެވެ. އެ ސަރުކާރުން ކޮމަންވެލްތުން ވަކިވެފައިވަނީ ހަމައާއި އިންސާފުގެ ބޭރުން ރާއްޖޭގެ ދާހިލީ ސިޔާސަތަށް ކޮމަންވެލްތުން ބާރުފޯރުވަން އުޅޭކަމަށް ބުނެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އަލުން ރާއްޖެ ކޮމަންވެލްތާ ގުޅުމަށް ވަނީ ނިންމަވާފައެވެ. އެގޮތުން ދެފަހަރެއްގެ މަތިން މިނިސްޓަރ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާ ބައްދަލުކުރައްވާފައިވެއެވެ. އަދި ކޮމަންވެލްތުގެ އެސެސްމަންޓް ޓީމެއް ވަނީ ރާއްޖެ އައިސް މިއަހަރުގެ ތެރޭ އެސެސްމަންޓެއް ހަދާފައެވެ. އަދި ކޮމަންވެލްތުން ރާއްޖެއިން ބޭނުންވެގެން އެދެފައިވާ ލިޔުންތައް އެންމެ ފަހުން މިނިސްޓަރ ޝާހިދު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލު ކުރެއްވިއިރު ވަނީ އަރުވާފައެވެ.