ބ. ތުޅާދޫ

ދަރިވަރުންނަށް ގޮތްނޭނގޭ ގޮތްތަކެއް ވާތީ، ތުޅާދޫ ރައްޔިތުން ނުކުމެ އެރަށު ސްކޫލު ބަންދުކޮށްފި

މަރިޔަމް ޝަހުދާ

1

ބ. ތުޅާދޫ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ގޮތްނޭނގޭ ގޮތްތަކެއް ވާތީ، އެރަށުގެ ރައްޔިތުން ނުކުމެ ސްކޫލު ބަންދުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ތުޅާދޫ ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތުޅަދޫ ސްކޫލް ބަންދުކޮށްފައިވަނީ ބެލެނިވެރިން ނުކުމެ މިއަދު އިރުއޮއްސުނު ވަގުތުގައި ކަމަށެވެ. އަދި މައްސަލަ ހައްލު ނުވަނީސް ސްކޫލް ނުހުޅުވުމަށް ބެލެނިވެރިން ބުނަމުން އަންނަ ކަމަށް ޒާއިދް ވިދާޅުވިއެވެ. އަދި ބެލެނިވެރިން ޑިމާންޑް ކުރަނީ އަލުން ސްކޫލް ހުޅުވަންދެން ކައުންސިލުން ސްކޫލްގެ ތަޅުދަނޑިއާ ހަވާލުވުމަށް ކަމަށް ޒާއިދު ވިދާޅުވިއެވެ.

ތުޅާދޫ ސްކޫލްގެ ދަރިވަރުންނަށް ގޮތްތަކެއް ވާކަމުގެ ވާހަކަ މީގެ ކުރިންވެސް ދެކެވިފައިވީ ނަމަވެސް ހައްލެއް ނުލިބޭ މައްސަލައެއް ކަމަށް ޒާއިދު ވިދާޅުވިއެވެ. އެގޮތުން މިއަދު ބެލެނިވެރިން ސްކޫލް ބަންދުކޮށްފައިވަނީ ސްކޫލްގެ ބެލެނިވެރިންގެ ބައްދަލުވުމެއްގައި، މީގެ ކުރިން ސްކޫލް ދުވަސްވަރު މިފަދަ ގޮތްތަކެއް ދިމާވި ބެލެނިވެރިންތަކެއް ސަކަރާތް ވުމުން ކަމަށް ޒާއިދް ވިދާޅުވިއެވެ. ސްކޫލްގައި އުޅޭ އިރު ދަރިވަރުން ވަރު ދެރަވުމާއި، ހޭނެތުމަކީ އާންމު ކަމެއް ކަމަށާއި މިއީ ވަރަށް ކުރިން ފެށިގެން ހިނގަމުން އަންނަ ކަމެއް ކަމަށް ޒާއިދު މައުލޫމާތު ދެއްވިއެވެ. އަދި ދަރިވަރުން ގޭގައި ރަނގަޅު ކަމަށާއި މައްސަލަ ދިމާވަނީ ސްކޫލަށް ދާހިސާބުން ކަމަށް ޒާއިދު ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ސްކޫލްގެ %90 އަށްވުރެ ގިނަ ބެލެނިވެރިންގެ ސޮޔާއެކު މިހާރު ސްކޫލަށާއި ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށް ޒާއިދް ވިދާޅުވިއެވެ. މި ޕެޓިޝަނަކީ ސްކޫލްގައިވާ ނިކަގަސް ކަނޑާލުމަށް ހުށަހަޅާފައިވާ ޕެޓިޝަނެއް ކަމަށާއި އަންނަ އާދިއްތަ ދުވަހު އެޑިއުކޭޝަން މިނިސްޓަރަށް މި ޕެޓިޝަން ހުށަހަޅާނެކަމަށް ޒާއިދު ވިދާޅުވިއެވެ. ޒާއިދު މައުލޫމާތު ދިން ގޮތުގައި މި ނިކަ ގަހުގައި ރޫހާނީ ކަމެއް އުޅޭ ކަމަށާއި މި ނިކަގަހަށް އެކި ކަންކޮށްފައިވާ ކަމަށް ބެލެނިވެރިން ތުހުމަތު ކުރެއެވެ.

ތުޅާދޫ ސްކޫލްގެ މެނޭޖްމަންޓާ މި މައްސަލައިގައި މިދިޔަ ހަފްތާތެރޭ ކައުންސިލުން މަޝްވަރާކުރެއްވި ކަމަށް ވިދާޅުވަމުން ޒާއިދު ވިދާޅުވީ ސްކޫލުން މީގެ ކުރިން ސްކޫލްގެ އިމާރާތަށް ގެއްލުންވާތީ މި ގަސް ކަނޑާލަން މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެޑިއުކޭޝަން އަށް މި ނިކަގަސް ކަނޑާލުމަށް ހުއްދައަށް އެދި ސިޓީ ފޮނުވުމުން މިކަމުގައި އީޕީއޭގެ ހުއްދައަށް އެދުމަށް އެޑިއުކޭޝަނުން އަންގާފައިވާ ކަމަށް ޒާއިދް ވިދާޅުވިއެވެ. އަދި ސްކޫލަކީ އެޑިއުކޭޝަންގެ ބެލުމުގެ ދަށުން ހިނގާ އިމާރާތަކަށް ވާހިނދު މިފަދަ ކަމަކީ އެޑިއުކޭޝަންގެ ޒިންމާއެއް ކަމަށް ގަބޫލު ކުރާ ކަމަށް ޒާއިދު ވިދާޅުވިއެވެ.