ޚަބަރު

މަސްވެރިންނަށް ވައުދުވި ކަންކަން ހިމަނައި، މަސްވެރިކަމުގެ އާ ބިލު މަޖިލީހަށް ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނަށް ވައުދުވެވަޑައިގެންނެވި ކަންކަން ހިމަނައި، މަސްވެރިކަމުގެ އާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން މައުލޫމާތުދޭ ގޮތުގައި 80 މާއްދާގެ މައްޗަށް އެކުލެވޭ އެ ބިލުގައި ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވި އޯފްޝޯ ފިޝަރީޒް ޕްލެޓްފޯމް ގާއިމުކުރުމާއި ރާއްޖެއިން ބާނާ މަސް، ސީދާ ބޭރު ގައުމުތަކަށް ވިއްކުމާ ގުޅޭ މާއްދާއެއް ވެސް އެ ބިލުގައި ހިމަނާފައިވާނެއެވެ. މިހާރު އަމަލުކުރަމުން އަންނަ މަސްވެރިކަމުގެ ގާނޫނަކީ 32 އަހަރުވީ ގާނޫނެކެވެ.

އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެލެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުގައި އެންމެހައި ފަރާތްތަކުން ކުރާ މަސްވެރިކަމާއި ކަމާބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމެއްނެތި އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން (އައިޔޫޔޫ މަސްވެރިކަން) ހުއްޓުވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ދިވެހިން ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަށް ބިލުގައި ބާރު އަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

"މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި ހިފާ ބާވަތްތަކާއި މަސްވެރިކަން ކުރާ ބޭނުމާއި މަސްވެރިކަމުގެ ބާވަތް ކަނޑައަޅައި، ގެޒެޓުގައި އިއުލާން ކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވާނެއެވެ. އެއިން ކޮންމެ ބާވަތެއްގެ މަސްވެރިކަމުގެ ޕްލޭނެއް ތައްޔާރުކޮށް، އެ މަސްވެރިކަމެއް އަމާޒުވެފައިވާ މަސްތައް ދިރިއުޅޭ މާހައުލުގައި އުޅޭ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން ނުވަތަ އެ މަސްތަކާ ގުޅިފައިވާ ނުވަތަ އެ މަސްތައް ބަރޯސާވާ އެހެން ބާވަތުގެ މަސްތަކަކީ ކޮބައިކަން އެ ޕްލޭނުގައި ހިމަނަން ޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވާނެއެވެ..،" އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް ތައްޔާރުކޮށް، މުރާޖައާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ތަންފީޒުކުރާނީ މަސްވެރިކަމާ ބެހޭ އެންމެހައި ކަންކަމުގެ ޒިންމާ ހަވާލުވެފައިވާ މިނިސްޓްރީން ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ބިލުގައި ސާފުކޮށްދީފައިވާނެ ކަމަށެވެ.

މަސްވެރިކަން ކުރާ ދިވެހި އުޅަނދުފަހަރުތަކުން ބޭރުގެ މަސްވެރި އުޅަނދުތަކަށް މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެން މަސް ވިއްކޭނެ އުސޫލާއި ދިވެހި އުޅަނދުފަހަރުތަކުން މަސް ގަންނަން އަންނަ ބޭރުގެ އުޅަނދުފަހަރުތަކުން ހުއްދަ ނަގަންޖެހޭނެ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް ވެސް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.

"މިނިސްޓްރީގެ ހުއްދަ ކުރިއާލާ ލިބިގެން މެނުވީ ބޭރުގެ މަސްވެރި އުޅަނދުތައް ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުން މަނާކުރާ މާއްދާއެއް ބިލުގައި ހިމަނާފައިވެއެވެ. އަދި މި ބިލުގެ ދަށުން ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ބޭރުގެ އެއްވެސް އުޅަނދަކަށް މަސްވެރިކަން ކުރުމުގެ ލައިސަންސް ނުދެވޭނެ ކަމަށް ބަޔާންކޮށްފައިވާނެއެވެ..،" އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ރާއްޖޭގެ ހާއްސަ އިގުތިޞާދީ ސަރަހައްދުގައި މަސްވެރިކަން ކުރާ ދިވެހި އުޅަނދުތަކަށް މަސްވެރިކަން ކުރުމުގައި ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، މިނިސްޓްރީން ކަނޑައަޅާ މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގުމަށްޓަކައި، ސަރުކާރުގެ މަސްވެރިކަމުގެ ވައުދުގެ ތެރޭގައި ހިމެނޭ އޯފްޝޯރ ޕްލެޓްފޯމުތައް ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އޯފްޝޯރ ޕްލެޓްފޯމްތަކަކީ މަސްވެރިންގެ އަތުން މަސް ގަތުމަށް ނުވަތަ މަސް ޕްރޮސެސްކުރުމަށް ނުވަތަ މަސްވެރިކަން ކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެންވެސް ހިދުމަތެއް ދިނުމަށްޓަކައި އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަހައްދެއްގައި ގާއިމުކުރާ ވަސީލަތެއް ކަމަށާއި އޯފްޝޯރ ޕްލެޓްފޯމުތައް ގާއިމުކުރާނެ ފަރާތްތައް ކަނޑައަޅާނީ އެކަމާ ގުޅޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބީލަމުގެ އުސޫލުންކަން ބިލުގައި ފާހަގަކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތުދެއެވެ.