ޚަބަރު

ސައުތު އަރި މެރިން ޕާކް ސަރަހައްދު ކަނޑައަޅައި އެ ސަރަހައްދު ބެލެހެއްޓުމަށް މެރިން ރޭންޖާސް ހަރަކާތްތެރިވަނީ

މަރިޔަމް ޝަހުދާ

އަރިއަތޮޅު ދެކުނުބުރީގެ ރަންގަލީ ފަރުގެ ހުޅަނގު އުތުރު ކަނުން ފެށިގެން ދިގިރަށުގެ ފަރުގެ އުތުރުކަނާއި ދޭތެރޭގައިވާ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރު ސަރަހައްދަކީ ''ސައުތު އަރި މެރިން ޕާކް'' ސަރަހައްދުގެ ގޮތުގައި ކަނޑައަޅައި، އެ ސަރަހައްދު ބެލެހެއްޓުމަށް މެރިން ރޭންޖާސް ހަރަކާތްތެރިވާން ފަށައިފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ފަރާތުން އެ ސަރަހައްދުގައި މެރިން ރޭންޖާންސް ހަރަކާތްތެރިވާން ފަށައިފައިވަނީ މިއަދު އެވެ. މި ސަރަހައްދަކީ މުޅި އަހަރު ދުވަހު ފެހުރިހި ފެންނަ ސަރަހައްދެއްކަމުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން 2009 ވަނަ އަހަރު ތެރޭ މި ސަރަހައްދު ވަނީ ރައްކާތެރިކުރެވިފައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ސަރަހައްދުގައި ވެލާ، ކަހަނބު، މަޑި އަދި މިޔަރުގެ އެކި ބާވަތްތައް ފެނެއެވެ.

މި ސަރަހައްދުގައި މެރިން ރޭންޖާސް ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު ކުރިއަށްގެންދިޔަ ހާއްސަ ހަފްލާއަކަށް ފަހުއެވެ. މި ހަފްލާގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން މެރިން ރެންޖާސްއަށް ހާއްސަކުރެވިފައިވާ ޔުނިފޯމު އާންމުންނަށް ދައްކާލިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މި ސަރަހައްދަށް ޒިޔާރަތްކުރާ ބޭފުޅުން މި ސަރަހައްދުގައި އަމަލު ކުރަން ކަނޑައަޅާފައިވާ އުސޫލުތަކަށް ތަބާވުމަށައި އެކަމަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރ އެދިލެއްވިއެވެ. އަދި މި ސަރަހައްދަށް ވަންނަ އުޅަނދުތައް ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވާ އިރު، ވީހާވެސް ގިނަ ފަރާތްތަކުން ރަޖިސްޓަރީ ކުރުމަށް މިނިސްޓަރ ލަފާ ދެއްވިއެވެ.

ހިމާޔަތްކޮށްފައިވާ ސައުތު އަރި މެރިން ޕާކް މެނޭޖް ކުރުމުގެ މަސައްކަތުގެ ދަށުން ތައާރަފްކުރި މެރިން ރޭންޖާސްގެ ހިދުމަތް ތައާރަފް ކުރުމުގެ މި ހަފްލާގައި މިނިސްޓަރ ވިދާޅުވީ މިހާތަނަށް ރާއްޖޭގައި 61 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ކަމަށެވެ. އަދި މި ހުރިހާ ސަރަހއްދުތައް ރަނގަޅަށް މެނޭޖް ކުރެވޭ ސަރަހއްދުތަަކަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.