Close
އާއިލާއާއި ބެހޭ ކޯޓު

ބައްޕަގެ ބެލުމުގެ ދަށަށް ދާން، 22 އަހަރުގެ އަންހެނަކަށް ހުކުމްކޮށްފި

ބާވީސް އަހަރުގެ އަންހެނަކު އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދިޔުމަށް ފެމިލީ ކޯޓުން ހުކުމް ކޮށްފިއެވެ.

އާއިލާއަށް ފިލައިގެން އެ އަންހެންމީހާ އެހެން ރަށެއްގައި އުޅޭ މައްސަލައިގައި ފެމިލީ ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ކައިވެނި ނުކުރާހާ ހިނދަކު އެކުއްޖާގެ މައްޗަށް އެންމެ އިސް ވެގެންވަނީ ކުއްޖާގެ ބައްޕަ ކަމާއި، ފާފައަކަށް ނުވާ ކަންކަމުގައި މައިން ބަފައިންނަށް ކިޔަމަންވުމަށް އަމުރު ކުރައްވައި، އެމީހުންނަށް އުރެދުން ނަހީކުރައްވާފައިވާކަން ކީރިތި ގުރުއާނުގެ، ސަރީހަ ނައްސުންނާއި މާތް ނަބިއްޔާގެ ހަދީސްފުޅުން އެނގެން އޮންނަ އޮތުމަށް ރިއާޔަތް ކޮށް ހައި ކޯޓުން 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށް، އަދި އެ އަންހެންމީހާގެ އަމިއްލަ ރަށް ދޫކޮށް މިހާރު ދިރިއުޅޭ ރަށުގައި އުޅެން ޖެހޭ މަގުބޫލު ސަބަބެއް ދެއްކިފައި ނުވާތީ އޭނާގެ ބައްޕަގެ ބެލުމުގެ ދަށަށް ދިޔުމަށް އަންގައި ހުކުމް ކުރާ ކަމަށެވެ.

އެކުއްޖާގެ ބައްޕަގެ ފެރާތުން މި މައްސަލަ ހުށަހަޅާފައިވަނީ، އޭނާ އާއިލާ އަށް ފިލައިގެން ގޮސް އެހެން ރަށެއްގައި އުޅޭ މައްސަލައިގައި، އަންހެންމީހާއަށް ވެދާނެ ގޮތަކާ މެދު ބިރުގަނެ ޖެހިލުން ވެގެން ކަމަށެވެ. މި މައްސަލައިގައި އަންހެންމީހާ ބުނެފައިވަނީ، އޭނާ ދިޔައީ ފިލައިގެން ނޫން ކަމަށެވެ.

އޭނާ ދިޔައީ މަންމަ ކައިރިން ހުއްދަ ހޯދައިގެން ކަމަށް ވެސް ޝަރީއަތުގައި އޭނާ ބުނެފައިވެއެވެ.

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާ މުހައްމަދު އިއްވެވި ހުކުމް ގައި ފަސް ދުވަހުގެ ތެރޭގައި އެއަންހެންމީހާ ބައްޕަގެ ބެލުމުގެ ދަށަށް ދިޔުމަށް ވަނީ އަންގައިފައެވެ.