ޚަބަރު

މަޖިލިސް ރައީސް އެމެރިކާގެ ކައުންޓަރ ޓެރަރިޒަމް ބިއުރޯގެ ޑެޕިއުޓީ ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ކައުންޓަރ ޓެރަރިޒަމް ބިއުރޯގެ ޑެޕިއުޓީ ކޯޑިނޭޓަރ ޖޯން ގޮޑްފްރޭއާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޓެރަރިސްޓް ހަމަލާތަކާބެހޭގިތުން ވާހަކަ ދައްކައި ހިޔާލު ބަދަލުކޮށްފައިވެއެވެ.

ޖޯން ގޮޑްފްރޭ ގެ ޓީމާއެކު ބޭއްވި މި ބައްދަލު ވުމުގައި ސޫރިއާގައި ހިނގާ ހަގުރާމަތަކާބެހޭ މައުލޫމާތުތަކާއި، ދިވެހިން އެފަދަ ގައުމުތަކަށްގޮސް، ހަނގުރާމަތަކުގައި ބައިވެރިވާ މައްސަަލައާ ބެހޭގޮތުންވެސް ވަނީ ވާހަކަ ދައްކައި މަޝްވަރާ ކޮށްފައެވެ.

މި މައްދަލު ވުމުގައި މި ފަހުން، ޖާނު ގޮއްވާލައިގެން، އަވައްޓެރި ސްރީލަންކާއަށްދިން ހަމަލާއާބެހޭގޮތުންސް ވާހަކަ ދެއްކިއެވެ.

މި ބައްދަލު ކުރެއްވުމުގައި، ޓެރަރިޒަމްގެ މައްސަލަތަކާބެހޭގޮތުން، ރައީސް ނަޝީދު ކުރެއްވި ސުވާލުތަކަށް ޖޯން ގޮޑްފްރޭ އާއި އޭނާގެ ޓީމުގައި ބައިވެރިވެ ވަޑައިގެންނެ ވި ބޭފުޅުން ޖަވާބު ދެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން، ނާއިބު ރައީސް އާއި ބައެއް މެންބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.