ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އައިރީނާއަށް ކަނޑައަޅާ މަންދޫބަކަށް ޑރ. ނިޔާޒް ހަމަޖައްސަވައިފި

އިޔާދަކުރަނިވި ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިރީނާ)އަށް ދިވެހިރާއްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބަކަށް، ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް ހަމަޖައްސަވައިފިއެވެ.

ޑރ. ނިޔާޒް ވަނީ އަބޫދާބީގައި ހުންނަ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އެޖެންސީގެ މައި އޮފީހުގައި، އެޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ފްރެންޗެސްކޯ ލަ ކަމޭރާއަށް ދާއިމީ މަންދޫބުކަމުގެ ފަތްކޮޅު އަރުވާފައެވެ.

2009 ވަނަ އަހަރު އައިރީނާ އުފެދުނުފަހުން އެޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އޮތްނަމަވެސް، އެޖަމިއްޔާއަށް ރާއްޖެއިން ދާއިމީ މަންދޫބެއް ކަނޑައަޅާފައެއް ނުވެއެވެ. އައިރީނާގެ މެންބަރުންގެ ގޮތުގައި 160 ގައުމާއި ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއް ކަނޑައެޅުމާއި ގުޅިގެން ޑރ. ނިޔާޒަށް މަރުހަބާ ވިދާޅުވެ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. ނިޔާޒް އެޖަމިއްޔާއަށް ކަނޑައަޅާ މަންދޫބެއްގެ ގޮތުގައި ހަމަޖެހުމުން ދިވެހިރާއްޖެ އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ގައުމަކަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި އައިރީނާއާއިއެކު ގުޅިގެން އިތުރު މަސައްކަތް ކުރެވޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ތަނބަކީވެސް "ކްލައިމެޓް ޑިޕްލޮމެސީ"އެވެ.