ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

"ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" ރިޕޯޓް އިފުތިތާހުކޮށްފި

ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު އިފްތިތާހުކޮށްދެއްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު އޮތް ހަފުލާއެއްގައި، މި ރިޕޯޓު އިފްތިތާހު ކޮށްދެއްވައި ދެއްކެވި ވާހަކައިގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިފާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިހުތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލުކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލުވުމުގެ ގާބިލުކަން ލިބިފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ. އަދި މުޖުތަމައުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ގަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާކަމަށް މާރިޔާ ވިދާޅުވިއެވެ.

ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާހުކުރުމަށް ބޭއްވި ހަފުލާގައި ޑިފެންސް މިނިސްޓަރުގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.