ޚަބަރު

އެޗްޑީސީގެ މަޝްރޫއުތަކަށް ރާއްޖެ އާއި ބޭރުން 14 ބިލިޔަންގެ ލޯނު ވަނީ ނަގައިފަ

އިބްރާހިމް ޒަކީ

އެޗްޑީސީގެ މަޝްރޫއުތަކަށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ބޭންކުތަކުން 14 ބިލިޔަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށް އެޗްޑީސީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ ފައިނޭޝަލް ކޮންޓްރޯލާ ވިދާޅުވީ، އެޗްޑީސީން ލޯނު ނަގާފައިވާ މަޝްރޫއު ތަކުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާ 7،000 ހައުސިން ޔުނިޓް ޕްރޮޖެކްޓާއި 1،433 ހައުސިންގ ޕްރޮޖެކްޓާއި 2،500 ހައުސިން ޕްރޮޖެކްޓެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުންވެސް އެހެން ބައެއް ޕްރޮޖެކްޓްތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފައިނޭޝަލް ކޮންޓްރޯލާ ވިދާޅުވީ، އެޗްޑީސީއަށް ނަގާފައިވާ ލޯނު ތަކުގެ ތެެރެއިން ބޮޑުބައެއް ނަގާފައިވަނީ ޗައިނާގެ ބޭންކުތަކުން ކަމަށެވެ.

އެގޮތުން ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ލޯނުގެ އަދަދު 9.9 ބިލިޔަން ރުފިޔާއަށް އަރާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޗައިނާގެ ބޭންކުތަކުން ނަގާފައިވާ ލޯނުތަކުގެ ތެރޭގައި، އައިސީބީސީން ދެ ޕްރޮޖެކްޓަކަށް ނަގާފައިވާ 400 މިލިޔަން ޑޮލަރާއި، ޗައިނާ ޑިވެލޮޕްމަންޓް ބޭންކުން ނަގާފައިވާ 159 މިލިޔަން ޑޮލަރުގެ އިތުރުން 2،500 ހައުސިންގ ޕްރޮޖެކްޓަށް ނަގާފައިވާ 19.98 މިލިޔަން ޑޮލަރު ހިމެނޭ ކަމަށެވެ.

ފައިނޭޝަލް ކޮންޓްރޯލާ ވިދާޅުވީ، އައިސީބީސީން 7،000 ހައުސިން ޔުނިޓަށާއި ލިންކް ރޯޑަށް ނަގާފަ ހުރި ލޯނުތަކަށް ސަރުކާރުގެ ބަޖެޓުން މިހާރު ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި އެ ދެ ޕްރޮޖެކްޓްތަކަކީ އޭގެން ޑިވެލޮޕްކުރާ ޕްރޮޕަޓީސް ތަކުން އެޗްޑީސީއަށް އެއްވެސް މަންފާއެއް ނުވާނެ ދެ ޕްރޮޖެކްޓް ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެއީ ސަރުކާރުގެ ސޮވަރިން ގެރެންޓީ ދީފައިވާ ލޯނުތަކެއްކަމުން، ޑިފޯލްވެއްޖެނަމަ ސަރުކާރަށް އިތުރު ބުރައަކަށްވާނެދީ އާއި، އެޗްޑީސީއަށް އާމްދަނީ ލިބެންދެން، އެ ލޯނުތައް ދައްކައި ދިނުމަށް އެޗްޑީސީން ސަރުކާރުގައި އެދުނީކަމަށްވެސް އޭނާ ވިދާޅުވިއެވެ.