އާޒިމާ ޝުކޫރު

މިއީ އަޅުގަނޑުގެ ސިޔާސީ ހަޔާތް ދުއްވާލައި، އަބުރާއި އިއްޒަތް ނަގާލަން ކުރާ ދައުވާއެއް: އާޒިމާ

އިބްރާހިމް ޒަކީ

4

ކުރީ ސަރުކާރު ތަކުގައި، އަދި ވަކީން ޚާއްސަކޮށް، ރައީސް އަބުﷲ ޔާމީންގެ ސަރުކާރުގެ ބާރުގަދަ އިސް މަގާމުތަކެއް އަދާކުަރައްވާފައިވާ އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، ހުށަހަޅާފައިވާ ދައުވާއަކީ، އޭނާގެ ސިޔާސީ ހަޔާތް ދުއްވާލަން ނުވަތަ ދިރިއުޅުމަށް އުނދަގޫ ކުރުމަށް ނުވަތަ އޭނާގެ އަބުރާއި އިއްޒަތް ނަގާލަން ހުށަހަޅާފައިވާ ދައުވާއެއް ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް މިއަދު ހާޒިރު ކުރުމުން އެކަމާގުޅިގެން ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ، އޭނާއާ ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ ދައުވާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން އަށް އެސިސްޓް ކޮށްދިންކަމުގެ ތުހުމަތުގަައި ހުށަހަޅާފައިވާ ދައުވާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އޭނާގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކީ، އޭރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަގާމެއްގައި ހުންނަވައިގެން، އޭރު އޭނާ އޭސީސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން، މަނީ ލޯންޑްރިން އަށް ރައީސް ޔާމީން އަށް އެސިސްޓް ކޮށްދިންކަމަށް ތުހުމަތުކޮށް، ހުށަހަޅާފައިވާ ދައުވާއެއް ކަމަށެވެ.

ރައީސް ޔާމީންގެ ކެބިނެޓްގައި އާޒިމާ ހިމެނި ވަޑައިގެންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައެވެ.

"އަޅުގަނޑަކީ ސަރުކާރުގެ ކެބިނެޓްގަ އުޅުނު މީއެއް. އަޅުގަނޑުގެ ހިޔާނާތުގެ މައްސަލައެއް ދުވަހަކުވެސް ނޯންނާނެ. މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ މަނީ ލޯންޑްރިން އަށް އަޅުގަނޑު އެސިސްޓް ކޮށްދިނިއްޔޭ، އެސިސްޓް ކޮށްދިން އިރުގައި އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ، އެހެންވީމާ އަޅުގަނޑު ހަމަ ގަބޫލު ކުރަމުން މިއަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފަ ފައިސާގެ މައްސަލައެއް ނެތިފަ. އެހެެންވީމާ މަނީލޯންޑާއަށް އެސިސްޓް ކޮށްދީގެން ނުޖެހެއޭ އަޅުގަނޑަށް ދައުވާ އުފުލާކަށް،" އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާލުވީ، މިފަދަ ދައުވާތަކަކީ ހިޔާނާތުގެ މައްސަލަ ތަކުގައި، ބައިވެރިވެފައިވާ މީހުން ދޫކޮށްލައިގެން ތިބެ، އެމީހުން އެއްވެސް ތަނަކަށް ހާޒިރުނުކޮށް އެއިން މީހެއްގެ މައްޗަށް ދައުވާނުކޮށް މަގާމުގައި ހުންނަވައިގެން ފޮނުއްވި ސިޓީއެއްގެ މައްޗަށް ދައުވާ ހުށަހަޅާފައިވާއިރު ކޮރަޕްޝަނަށް އޮތް ޒިރޯ ޓޮލަރަންސަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށެއެވެ

އާޒިމާ ވިދާޅުވީ، އަދުލު އިންސާފުގެ ނަމުގައި މިކަންކަން އާމާޒުވަނި ކޮންބަޔަކަށް ކޮން ގޮތަކަށްކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

"ކޮބައިތޯ އެމްއެމްޕީއާރުސީގެ ފައިސާ؟ ތަނަކުން އެއްވެސް ފައިސާއެއް ފެނިއްޖެތޯ، އެއްވެސް ތަނަކުން އެއްވެސް ފައިސާއެއް އަޅުގަނޑުގެ އެކައުންޓަކަށް ޖަމާކޮށްފައެއް ނޯންނާނެ. މިއަދު ދައުލަތުގެ މިހާ ފައިސާ ގެއްލިގެން އެއްބަޔަކު ގެންގޮސްގެން ތަހުގީގު ކުރާއިރު މިކަމުގައި އަސްލު ހިމެނޭ މީހުން ދޫކޮށްލައިގެން ތިބެ އޭގެ އެއްވެސް މީހަކު ތަނަކަށް ހާޒިރު ނުކޮށް، އެއިންމީހަކަށް ތަހުގީގެއް އަދި ދައުވާއެއް ނުކޮށް، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުަގެ މަގާމެއްގައި ހުރެ ފޮނުވި ސިޓީއެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލެރެންސަކީ ކޮބައިގެން އެބަ އެނގޭ ވަރަށް ސާފުކޮށް. އަޅުގަނޑުމެންނަށް އެބައެނގޭ އަދުލުއިންސާފުގެ ކަންކަން ދަނީ ކޮން ބަޔަކަށް ޓާގެޓް ކުރެވިގެން ކޮން އަމާޒަކަށް ކަންވެސް،" އާޒިމާ ވިދާޅުވިއެވެ.