ނިމިދިޔަ ފަސް އަހަރު ތެރޭގައި ބޭއިންސާފުން ޝަރީއަތްކޮށް ހުކުމްކުރި އިރު އަޅައިނުލައި ތިބި ގާނޫނީ ވަކީލުން މިއަދު ބާ ކައުންސިލަށް ކުރިމަތިލުމަކީ ހުތުރު ކަމެއް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ ފަސް އަހަރު އެތައް ބަޔަކަށް ޖިސްމާނީ އަދި ނަފުސާނީ އަނިޔާކޮށް، ޖަލަށްލައި، އިންސާފުން ބޭރުން ޝަރީއަތްތައް ކުރަމުންދިޔައިރު، އަޅައިނުލައި ތިބި ވަކީލުން މިއަދު ބާ ކައުންސިލަށް ކުރިމަތިލައި އިންސާނީ ހައްގުތަކުގެ ވާހަކަދެއްކުމަކީ ހުތުރު ކަމެއް ކަމަށެވެ.
އަދި އިތުރު ޓުވީޓެއްގައި އަމްރު ވިދާޅުވީ، މިދިޔަ ފަސް އަހަރު ތެރޭގައި އެތައް ބައިވަރު ގާނޫނީ ވަކީލުން ސަސްޕެންޑްކޮށް، އެތައް ދަތިތައް ކުރިމަަތި ކުރުވިއިރު އެކަމާ ދެކޮޅަށް ބަހެއް ނުބުނެތިބި ވަކީލުން މިއަދު ބާ ކައުންސިލަށް ކުރިމަތިލުމަކީވެސް ހުތުރު ކަމެއް ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ، ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު، ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު، އަދި މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދާއި ގާނޫނީ ވަކީލު މައުމޫން ހަމީދެވެ.
ރައީސާއި ނައިބު ރައީސްގެ އިތުރުން ބާ ކައުންސިލުގެ މެންބަރުކަމަށް 19 ބޭފުޅަކު ކުރިމަތިލާފައިވެއެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ހިމެނެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބާއި އިތުރު ހަ މެންބަރުންނެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ވޯޓުލުން ފެށޭނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައެވެ. އަދި ވޯޓުލުން ނިމޭނީ 5:00 ގައެވެ. ހަމަ އެދުވަހު 5:30 ގައި ވޯޓު ގުނަން ހަމަޖެހިފައިވާއިރު ވަގުތީ ނަތީޖާ ހަމަ އެދުވަހު އިއުލާންކުރާނެ އެވެ. އަދި ދާއިމީ ނަތީޖާ 14 ވާ އާދިއްތަ ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖައްސައިފަ އެވެ.