ކޮލަމް

ކެޔޮނިރު ކޮލަމް: އަމާ ބުނީތީ މަޖުލިހަށް ދިއުން

މުހައްމަދު ބުޝްރީ

5

ގޮނޑި ގެއްލުނު ކަމަށް ބުނެ މަޖުލިހަށް ނުވައްދައި ހިފަހައްޓައިގެން އުޅުނު 12 މެމްބަރުންގެ މައްސަލާގައި އާޚިރުގައި ގެއްލުން ލިބޭނީ އެމެންބަރުންނަކަށް ނޫނެވެ. ދިވެހި ރައްޔިތުންނަށެވެ! މިދެންނެވި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމީ ރަނގަޅަށެވެ. ނަމަވެސް އެގޮނޑި ނުދީ ހިފަހައްޓައިގެން ތިބީވެސް ހަމަ ސުޕްރީމް ކޯޓުންނެވެ. ގޮނޑި ނުގެއްލޭ ކަމަށް ނިންމުމާ އެކު މިދެންނެވި 12 މެންބަރުންގެ ނުލިބި ހުރި މުސާރަ، ގާތްގަނޑަކަށް ކޮންމެ މެބަރަކަށް ދޮޅު މިލިއަން ރުފިޔާ އެއްފަހަރާ ލިބޭނެއެވެ. މަޝްހޫރު ވެއްޖެއެވެ. އެއްފަހަރާ ބޮޑު ލާރިގަނޑެއް ލިބިއްޖެއެވެ. އިތުރު ދައުރަކަށް ހޮވެން ބޭނުންވާ މަގްބޫލްކަން ލިބިއްޖެ އެވެ. ނަމަވެސް ކޮންމެ މެންބަރަކަށް އެއްފަހަރާ ދޭން މިޖެހޭ ދޮޅުމިލައަން ރުފިޔާ ދޭނީ ރައްޔިތުމީހާ ޓެކްސްގެ ގޮތުގައި ދެއްކި ފައިސާއިންނެވެ. ވީމާ 12 މެންބަރުން ގޭގައި ބައިތިއްބައިގެން، އެމެންބަރުންގެ ފަރާތުން ހިދުމަތެއް ނުލިބި ކޮންމެ މެންބަރަކަށް ފައިސާ ގަނޑެއް ދޭންޖެހުނީމަ މެންބަރަށް ވީ ގެއްލުމެއް ނެތެވެ. ހުރިހާ ގެއްލުމެއްވެސް ރައްޔިތު މީހާ އަށެވެ.

ރާއްޖެއަށް ޑިމޮކްރެސީ އައިފަހުން ދިމާވި މައްސަލަތަކުގެ ޒިއްމާގެ ބޮޑުބައެއް އުފުލަން ޖެހެނީ މަޖުލިސް މެންބަރުންނެވެ. އަދި ލޯމަރާލައިގެން ތިބެ، ރައްޓެހި ކަމުގެ ބަހަނާގައި، ނުވަތަ ވޯޓު ވިއްކާލައިގެން، ނުވަތަ ތިމާގެ މީހެއް ކަމުގެ ބަހަނާގައި، މެންބަރުކަމަށް ގާބިލު ނޫން މީހުން ހޮވުމުގެ ސަބަބުން ރައްޔިތުންގެ މަޖުލިސް ވެފައި ވަނީ ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު ބަލަހައްޓާ ބަޔަކަށް ވުރެ ބޮޑަށް ރައްޔިތުންނަށް ޖެހިފައި އޮތް ބޮޑު މުސީބާތަކަށެވެ.

ޕާރޓީ ބަދަލު ކުރުމުގެ ގާނޫނު ނުވަތަ އެންޓި ޑިފެކްޝަން ގާނޫނު ޔާމީނުގެ ވެރިކަމުގައި ހެދީ ވަކި ބަޔަކަށް އަމާޒުކޮށް، ޒާތީ ނިޔަތެއްގަ އެވެ. އޭގެ މާނައަކީ އެންޓި ޑިފެކްޝަން ގާނޫނަކީ ބޭނުމެއް ނެތް އެއްޗަކަށް ވުމެއް ނޫނެވެ. އިސްލާހު ތަކަކާ އެކު އެގާނޫނު އޮންނަން ޖެހެއެވެ. ގިނަ މެންބަރުން ބޭނުންވާނީ އެގާނޫނު އުވާލާށެވެ. ބޮޑު އަގުގައި، މިލިއަން ޑޮލަރުގެ ޑީލް ތަކުން ޕާރޓީ ބަދަލު ކުރުމުގެ ދޮރު ހުޅުވާފަ ބާއްވާށެވެ. އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތްގޮތުން ޕާރޓީތަކަށް މާބޮޑަށް ބާރުލިބެއެވެ. ރައްޔިތުންގެ ބާރެއް ނެތެވެ. މިގާނޫނު އިސްލާހް ކުރަން ފެންނަ ގޮތަކީ މެންބަރަކު އަމިއްލައަށް ޕާރޓީ ބަދަލު ކުރާނަމަ ގޮނޑި ގެއްލި އަލުން އެދާއިރާގެ އިންތިހާބު ބާއްވަން ޖެހޭގޮތަށް ހަދައި، ޕާރޓީ އަކުން މެމްބަރަކު ވަކި ކޮށްފިނަމަ މިނިވަން މެންބަރެއްގޮތުގައި މަޖުލިހުގައި ހުރެވޭ ގޮތަށް ހެދުމެވެ. އަދި ދާއިރާއެއްގެ ވޯޓުލާ އާބާދީގެ 50 ޕަސެންޓު މީހުންގެ ސޮޔާ އެކު މެންބަރަކު ވަކިކުރަން އެދި މަޖުލިހަށް ޕެޓިޝަނެއް ހުށަހަޅައިފިނަމަ ގޮނޑި ގެއްލި އަލުން އެދާއިރާގެ އިންތިހާބު ބާއްވަން ޖެހޭގޮތަށް ހެދުންވެސް ރަނގަޅެވެ.

ރައީސް ޔާމިނުގެ ވެރިކަން ނިމެން ކައިރިވަފައި ވަނިކޮށް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖުލިހުގެ ޖަލްސާގައި ޔާމިނުގެ ޕާރޓީގެ މެންބަރުންވެސް ކުއްލިއަކަށް ފިކުރު ބަދަލުވެ، ރާގު ބަދަލުވެގެން ދިއުމަކީ އެމެންބަރުންގެ އިހްލާސްތެރިކަން ނެތްކަމުގެ ހެއްކެކެވެ. އެވަގުތަކު ވައިޖެހޭ ކޮޅެއް އޯކޭ އެވެ. ހައްގު ބަހަކީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކާލާ "ބަހަކަށް" ވެއްޖެއެވެ. ކުލަ ބަދަލު ނުވިއަސް ފިކުރު ބަދަލު ވަނީ އެހާމެ ފަސޭހަކަމާ އެކުއެވެ. ރައްޔިތުންގެ މަޖްލިސް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ގިނަ މިނިވަން މުއައްސަސާ ތަކުން މިއަދު މިފެންނަނީ މިފަދަ މުނާފިގް ކަމެވެ. ދެފުއް ކެހެރި ކަމެވެ. ރައްޔިތުންގެ އިހްސާސް ތަކާއި ރައްޔިތުން އެދޭ ގޮތަށް ބެލުމެއް ނެތި ވޯޓާއި ފިކުރާއި ހައްގު ބަސް ބޮޑު އަގުގައި ނީލަމުގައި ވިއްކާލާ ތަނެވެ. ތިމާގެ ނަފްސުގެ ދިފާއުގައި، ތިމާގެ އަމިއްލަ މަސްލަހަތަށް ޓަކައި މެމްމަބަރު ކަމުގެ ހުވަޔާ ހިލާފަށް އަމަލު ކުރާ ތަނެވެ.

ދިވެހި ޤައުމުގެ ރައީސް ކަމަށް ކިތައްމެ ސޯލިހް، ކިތައްމެ ނަޒާހާތްތެރި ބޭފުޅަކު ވަޑައިގަތަސް އަދި ކެބިނެޓުގައި ކިތައްމެ ނަޒާހާތްތެރި ބޭފުޅުން ތިއްބެވިއަސް ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގަ އާއި އެހެނިހެން މިނިވަން މުއައްސަސާ ތަކުގައި ނަޒާހާތްތެރި ބޭފުޅުން ނެތްނަމަ ޤައުމަށް ހަމަޖެހުމާއި ކުރިއެރުމެއް ނުލިބޭނެއެވެ. މަޖުލިހުގެ މެންބަރުންގެ މުސާރަ އިންތިހާއަށް ބޮޑެވެ. އެމުސާރަ ކަނޑައަޅަނީ ވެސް މެންބަރުން އަމިއްލައަށެވެ. އިނާޔަތްތައް އެހާމެ ބޮޑެވެ. ޖަލްސާތަކަށް ހާޒިރުވިއަސް ނުވިއަސް ފުރިހަމަ މުސާރަ ލިބެއެވެ. އަޗާތަޅަމުން، މުޅި ދުނިޔެ ކުޑަކުރަމުން، އަމިއްލަ ވިޔަފާރި ހިންގަމުން، މަޖުލިހުގެ ޖަލްސާތަކަށް ހާޒިރުނުވެ އުޅުނަސް މަހަކު ލައްކައެއްހާ ރުފިޔާ އެބަ ލިބެއެވެ. އަދި "ޓްރާންސްފަރ މާރކެޓް" ގައި މިލިނުން ޑޮލަރު ލިބެއެވެ. މި ކޮރަޕްޓް ސަގާފަތް ބަދަލުކުރެވޭނެ ފަދަ ގޮތަކަށް އެންޓި ޑިފެކްޝަން ގާނޫނާއި، މަޖުލިހާއި މަޖްލިސް މެބަރުންނާ ގުޅޭ ހުރިހާ ގާނޫނު ތަކާއި ގަވާއިދުތައް ބަދަލުވާން އެބަޖެހެއެވެ.

މަޖުލިސް މެންބަރުން މިހާރު މަސައްކަތް ކުރާގޮތަށް ނަމެއް ދޭނަމަ ކިޔަންވީ "އަމާބުނީތީ މަޖުލިހަށް ދިއުން"، މިނަމެވެ. ކުދިންގެ އަމާ މިބުނަނީ ކުޑަ ދަރިފުޅު (ޤައުމު) ތާހިރުކޮށްލައިގެން، ދޮވެލައިގެން އަންނާށޭއެވެ. މެންބަރުން ކުޑަ ދަރިފުޅު ނަގައިގެން ގޮސް، އިންޑިއާ މީހުން ހެދުން ދޮންނަ ގޮތަށް، ހިލަގަނޑެއްގައި ތަޅާ ތަޅާ، ހެޔޮވަރު ވަރަކަށް ދަރިފުޅު ދޮވެގެން އަންނަ އިރު ކުޑަ ދަރިފުޅު (ގައުމު) އޮންނަނީ ޗިސްޗިސްވެ މަރުވަފައެވެ. މިއީ އަމާ ބުނީތީ މަޖުލިހަށް ދާގޮތެވެ. އަމާ ބުނީތީ މަޖުލިހުގައި މަސައްކަތް ކުރާ ގޮތެވެ. ދެން، ދަރި މަރުވީމަ ކޮންމެވެސް ގާނޫނެއްގެ ބާގެ ނޫނުގެ ދަށުންނޭ ކިޔާފަ ބޯދަމައިގަތީމަ ނިމުނީ އެވެ.

ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖުލިހަށް 2019 ވަނަ އަހަރު ތައުލީމީ، ނަޒާހަތްތެރި، ޕާރޓީ ފިކުރަށް ހައްދުފަހަނަ ނާޅާ، އަހްލާޤް ރަނގަޅު މެންބަރުންތަކެއް ހޮވުމަކީ ދިވެހި ޤައުމުގެ ކުރިމަގަށް ޓަކައި ކޮންމެހެންވެސް ކުރަން ޖެހޭ ކަމެކެވެ. ޕާރޓީގެ ޕްރައިމަރީ އިން ހޮވުނޭ ކިޔާފަ ތާރަ ޖަހާ މީހުންނާއި، ބޮޑުބެރު ޖަހާ މީހުންނާއި، ފާޅުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނާއި، އެކްޓިވިސްޓުން ހޮވީމަ ބޮޑުވާނީ އެއްކަލަ މެންބަރުގެ ވޮލެޓެވެ. އެމެންބަރުންގެ ތައުލީމެއް، އަހްލާގެއް، ތަހުޒީބެއް ނެތްނަމަ ފަސޭހައިން ވިކި، ކޮޅު ބަދަލުވެ، މަޖުލިހުގައި އޮއްޓަރު ހުރި ހިޔާލެއް ނުދެވި ރައްޔިތުންނާއި ޤައުމު ބިކަވެގެން ދާނީ އެވެ. ޕާރޓީ ޕްރައިމަރީ އިން މޮޔައަކު ހޮވާފަ ދެއްކިއަސް ރައްޔިތުން އެމީހަކަށް ވޯޓުލާކަށް ނުޖެހެއެވެ. އަމާ ބުނީތީ މަޖުލިހަށް ދާ ކަހަލަ މެމަބަރުން ދޫކޮށް، ނަޒާހާތްތެރި، ތައުލީމީ ބަޔަކަށް މެންބަރުކަން ދިނުމަށްް ރައްޔިތުން އަތުގުޅާލަން ވެއްޖެއެވެ.