ބޮލީވުޑް

ރައުޑީ ރާތޯރު ގެ ދެވަނަ ބައި 2020ގައި

2012 ވަނަ އަހަރު ނެރުނު ފިލްމް ރައުޑީ ރާތޯރް އަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާ ފިލްމެކެވެ. ސަންޖޭ ލީލާ ބަންސާލީ އުފެއްދި އެ ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރެެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ސަންޖޭ އާއި އަކްޝޭ ގުޅިގެން ރައުޑީ ރާތޯރު ދޭއް ނެރުމުގެ މަސައްކަތް ފަށައިފިއެވެ. މިފަހަރު އަކްޝޭ އަކީ ފިލްމުގެ އެކްޓަރުގެ އިތުރުން ޕްރޮޑިއުސަރުވެސް މެއެވެ.

ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ ވާހަކަތައް ދެކެވޭތާ ދުވަސްތަކެއް ވެފައިވާއިރު އަކްޝޭގެ އެހެން ފިލްމުތަކުގެ މަސައްކަތްތައް މިހާރުވެސް ވަނީ ޑިލޭވެފައެވެ.

ޖެނުއަރީ 2018 ގައި ސަންޖޭގެ ފިލްމު ޕެޑްމޭން ރިލީސްކުރާ ތާރީހު ފަސްވެފައިވާކަން ހާމަކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަކްޝޭ ވަނީ ރައުޑީ ރާތޯރު 2 ގެ ވާހަކަ ކުޑަކޮށް ހިއްސާކޮށްފައެވެ. ޕެޑްމޭން ގެ އެކްޓަރަކީވެސް އަކްޝޭއެވެ.

ރައުޑީ ރާތޯރު 2 ނެރެން ހަމަޖެހިފައިވަނީ 2020ގައެވެ. ފުރަތަމަ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ޕްރަބޫ ދޭވާއެވެ. ނަމަވެސް ދެވަނަ ބައި ޑައިރެކްޓް ކުރަނީ އެހެން ޑައިރެކްޓަރެއްކަމަށްވެއެވެ. ރައުޑީ ރާތޯރުގެ ފުރަތަމަ ފިލްމުގެ ބަތަލާއަކަށް ސޮނާކްޝީ ފެނިފައިވާއިރު ދެވަނަ ސީކުއިލްގައި ފެނިގެން ދާނެ ބަތަލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.