ޚަބަރު

ޖޭއެސްސީން ތަހުގީގުކުރާ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކުގެ ތެރޭ އިކްރާމްގެ ދަރަނީގެ ލިޔުންތައް ނެގި މައްސަލައެއް

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގުކުރާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް ދަރަނި އަދާނުކޮށްގެން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގެ ހުރިހާ ލިޔުންތަކެއް ސުޕްރީމް ކޯޓުން ގެންދިޔަ މައްސަލަކަން ކަށަވަރުވެއްޖެއެވެ.

"ވަން އޮންލައިން"އަށް ކަށަވަރުވެފައިވާ ގޮތުގައި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފާ ގުޅޭގޮތުން ޖޭއެސްސީއަށް ހުށަހެޅި، އެ ކޮމިޝަނުން ތަހުގީގުކުރަން ފަށާފައިވާ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލައަކީ ސިވިލް ކޯޓުން ދަރަނީގެ މައްސަލައެއްގައި އިކްރާމުގެ މައްޗަށް ހުކުމު އިއްވާފައިވަނިކޮށް، އެ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން ގެންދިޔަ މައްސަލައެވެ.

އޭޕްރީލް 13، 2014ގައި ސިވިލް ކޯޓުން އިކްރާމުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ މ. ނަތީޖާ ގޯތި އިމާރާތްކުރުމަށް 18 އަހަރު ދުވަހުގެ މުއްދަތަށް އިކްރާމަށް ދީފައިވަނިކޮށް، އެއްބަސްވުމާ ހިލާފަށް ގޯތީގައި އިމާރާތްކޮށްފައި ނުވާ ކަމަށާއި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާފައި ނުވާ ކަމަށެވެ.

އެ އެއްބަސްވުމާ އިކްރާމް ހިލާފުވެފައިވާތީ އެ އެއްބަސްވުން ބާތިލުކޮށް، އެއްބަސްވުމުގައިވާ ގޮތުން އޭޕްރީލް 13، 2014އާ ހަމައަށް 922،400 ރުފިޔާ، މ. ނަތީޖާ، އަޝްރާ އަލީ އާއި ޝިރުމީނާ އަލީއަށް އިކްރާން ދޭން ޖެހޭ ކަމަށް ކަނޑައަޅައި، ދެ މަސް ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވެއެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކޮށްފައި ވަނިކޮށް، ޑިސެމްބަރު 24، 2014ގައި އިކްރާމްގެ ދަރަނީގެ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ސުޕްރީމް ކޯޓަށް ފޮނުވުމަށް ވަނީ އަންގައިފައެވެ. އެގޮތަށް އެންގުމަށް ސިވިލް ކޯޓަށް ފޮނުވި ސިޓީގައި ސުޕްރީމް ކޯޓުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ޝަމްއާ އިސްމާއީލެވެ.