ހާޖަރާގޭ އަބްދުﷲ ލުތުފީ

ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ހޯމް މިނިސްޓަރުން ލުތުފީ ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވޭ: ފުލުހުން

ކުރީގެ ޕޮލިސް ކޮމިޝަނަރުންނާއި ހޯމް މިނިސްޓަރުން ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ހޯދައިގެން ރާއްޖެ ގެންނަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައިވަނީ އެކަމާ ބެހޭގޮތުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުކުރެވުމުން ދެއްކެވި ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު މި ނޫސްބަޔާނުގައި ފުލުހުން ބުނީ އިމްރާން ވާހަކަ ދައްކަވާފައިވަނީ ލުތުފީ ފިލައިގެން އުޅުނު އިރު އޭނާ މާލެ ގެނެވިފައިނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތައް ފެންނަން ހުރި ރިކޯޑުތަކުގެ މައްޗަށް ކަމަށެވެ.

ފުލުހުން ލުތުފީގެ މައްސަލައިގެ ހުރިހާ ރިކޯޑުތަކެއްގެ މައުލޫމާތު އިމްރާނަށް ދީފައިވާނެ ކަމަށާއި، އިމްރާންގެ ވާހަކަތަކަކީ ފުލުހުންގެ ރިކޯޑުތަކުގެ މައުލޫމާތާއި އެއްގޮތަށް ދައްކަވާފައިވާ ވާހަކަފުޅުތަކެއް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރުންނާއި ކުރީގެ ޕޮލިސް ކޮމިޝަނަރުން ލުތުފީ ރާއްޖެއަށް ގެނައުމަށް ކުރި މަސައްކަތްތަކުގެ ތަފްސީލު މިހާރުވެސް ފެންނާނެހެން ފުލުހުން އަތުގައި ރެކޯޑު ކުރެވިފައިވާ ކަމަށާއި، އެ މައްސަލައިގައި ނިންމި ނިންމުންތައް އެ މަސައްކަތް ހިނގަމުން ދިޔަ ޑިޕާޓްމަންޓްގައި ލޮގްކޮށް ރައްކާކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އޭރު ލުތުފީ ރާއްޖެއިން ފިލި މައްސަލައިގެ އެކި ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި ބައެއް އޮފިސަރުން އަދިވެސް ޕޮލިހުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި މައްސަލައާ ގުޅޭ އިތުބާރު ހިފޭ މައުލޫމާތު މިހާރުވެސް ފުލުހުންގެ އަތުގައި ހުރި ކަމަށް މިބަޔާނުގައި ފުލުހުން ބުނެފައި ވެއެވެ.

ހޯމަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހާޒިރުކުރެވުމުން މަޖިލީހުގައި އިމްރާން ވަނީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ލުތުފީ ރާއްޖެ ގެނައުމަށް ހުއްދަ ނުދެއްވާކަމަށް ވިދާޅުވެފައެވެ. މިކަން އުމަރު ނަސީރުގެ އިތުރުން ކުރީ ސަރުކާރުގެ ތިން ޕޮލިސް ކޮމިޝަނަރުން ވަނީ ދޮގުކޮށްފައެވެ.