ޚަބަރު

މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

މުހައްމަދު އައުޒަމް

ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯޓަށް ދަތުރު ގޮސް، މޫދަށް އެރި އުޅުނު ފިރިހެން ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑުން ފަށައިފިއެވެ.

އެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އަށް ލިބިފައިވަނީ މިއަދު 14:49 ހާއިރު ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމެއް ފާސްޓް އިންޓަސެޕްޓާ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ"ގައި އެ ސަރަހައްދަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ފިހާޅޮހި އައިލެންޑް ރިސޯޓްގެ ޑައިވިންގ ޓީމުން ވެސް ދަނީ އޭނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. ޚަބަރެއް ނުވެގެން ގެއްލިފައިވާ ފިރިހެން ފަތުރުވެރިޔާ އެންމެފަހުން ލައިގެން ހުރީ ކަޅު ކުލައިގެ ސޫޓެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ކޯސްޓްގާޑުގެ ހިލޭގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން އެދެއެވެ.