ވިޔަފާރި

މަގުމަތީ ބާޒާރުގެ ސްޓޯލްތައް މާދަމާ ވިއްކަން ފަށަނީ

ނައިޓް މާކެޓްގެ ސްޓޯލްތައް މާދަމާ ބުރިޖު ވިއުއިން ޕްލެޓްފޯމް ސަރަހައްދުން ދޫކުރާނެ ކަމަށް ލިކަމެކް އިން ބުނެފިއެވެ.

ލިކަމެކް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވާ ނައިޓްމާކެޓާ ގުޅެގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ލިކަމެކުގެ މެނޭޖަރު، ސޭލްސް އެންޑް މާކެޓިން މަރިޔަމް ސަޖިއަތު ވިދާޅުވީ 26 ޖުލައި އިން އޮގަސްޓް އެކެއްގެ ނިޔަލަށް ކުރިއަށްގެންދާ ނައިޓް މާކެޓަށް ދޫކުރަން ހަމަޖެހިފައިވަނީ 230 ސްޓޯލް ކަމަށެވެ.

ކޮންމެ ސްޓޯލެއްގެ ބޮޑުމިން އަށް ފޫޓު އަށް ފޫޓު ހުންނާނެ ކަމަށް ލިކަމެކުން ބުނެއެވެ. އަދި ސްޓޯލްތައް ދޫކުރާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ކޮންމެ ސްޓޯލެއްގެ އަގަކީ 8000 ރުފިޔާ ކަމަށާއި އެކަކަށް ގިނަވެގެން ނެގޭނީ ތިން ސްޓޯލް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަހަރު ބާއްވާ ނައިޓް މާކެޓް އޮންނާނީ ބޮޑުތަކުރުފާނު މަގު ރަސްފަންނު ސަރަހައްދުގައި ކަމަށް ލިކަމެކުން ބުނެއެވެ.