އެޓަރނީ ޖެނެރަލް

ފުރަތަމަ ހަ މަސްދުވަހު އެންމެގިނަ ދައުވާ ރައްދުވީ ސަލާމަތީ ބާރުތަކަށް

ޝަހީދާ އަބްދުﷲ ސައީދު

މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެންމެ ގިނަ ދައުވާތައް ރައްދުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިފެންސް މިނިސްޓްރީއަށް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޭޖީ އޮފީހުން އެންމެ ގިނައިން ވަކާލާތުކުރަން ޖެހުނީ ފުލުހުންނަށް ރައްދުވާގޮތަށް ކޮށްފައިވާ ދައުވާތަކަށެވެ. އަދި އެއީ ވަޒީފާއާއި ގުޅޭ 22 ދައުވާއެކެވެ. ޑިފެންސް މިނިސްޓްރީއަށް 11 ދައުވާއެއް، އަދި ހައުސިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއަށް 9 ދައުވާއެއް ރައްދުވާ ކަމަށް ވެސް އޭޖީ އޮފީހުން ބުނެ އެވެ.

މީގެއިތުރުން މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އޭޖީ އޮފީހުން 167 މައްސަލައެއްގައި ވަކާލާތުކޮށްފައިވެއެވެ. އެއީ ދައުލަތަށް ރައްދުވާ 111 މައްސަލައަކާއި އޭޖީ އޮފީހުން ދައުވާކުރި 56 މައްސަލައެކެވެ. އަދި ކޯޓަށް ހުށަނާޅައި 21 މައްސަލައެއް އެބަ އޮތް ކަމަށް ބުނެފައިވެ އެވެ.

ފާއިތުވި ހަ މަސް ދުވަހުގެތެރޭގައި 1123 އަޑުއެހުމަކަށް އޭޖީ އޮފީހުގެ ވަކީލުން ހާޒިރުވި އިރު، އެމުއްދަތުގެ ތެރޭގައި އެންމެ ގިނައިން ކޯޓަށް ދިޔައީ މާޗު މަހުއެވެ. އެގޮތުން މާޗު މަހު 236 އަޑުއެހުމަށް ވަކީލުން ކޯޓަށް ހާޒިރުވެފައިވެއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތަށް ރައްދުވާ މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް ފަސް މައްސަލައެއް، ހައި ކޯޓަށް 15 މައްސަލައެއް ހުށަހަޅައިފައިވެއެވެ. ސިވިލް ކޯޓަށް 67 މައްސަލައެއް ހުށަހަޅާފައިވާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 10 މައްސަލައެއް އަދި މެޖިސްޓްރޭޓް ކޯޓުތަކަށް 14 މައްސަލައެއް ހުށަހަޅާފައި ވެއެވެ.

ދައުލަތުން ދައުވާކުރި މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓަށް 5 މައްސަލައެއް، ހައި ކޯޓަށް 24 މައްސަލައެއް، ސިވިލް ކޯޓަށް 21 މައްސަލައެއް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް 6 މައްސަލައެއް ހިމެނެއެވެ.