މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 19

އަބްދުﷲ ފާރޫގް ހަސަން

(06 ޖުލައި ގެ އަދަދާ ގުޅޭ)

ބޯޓުދަތުރުކުރުން

މަލިކުމީހުން ދިރިއުޅުމަށްކުރާ އެންމެ ޚާއްޞަ މަސައްކަތަކީ ބޯޓުދަތުރުކުރުމެވެ. ރަށުގެ ފިރިހެނުންގެ އަށްޑިހަ އިންސައްތަ މީހުންނަކީ ބޯޓުދަތުރުކުރާ މީހުންނެވެ.

މަލިކުމީހުން ބޯޓުފަހަރުގެ ވަޒީފާއަށްދަނީ ކޮއްޗޭމަގުން ބޮމްބޭއަށް ގޮސްގެން ބޮމްބޭއިންނެވެ. ބޮމްބޭގައި އޯލްއިންޑިޔާ ފެންވަރުގެ ސީމޭން އެސޯސިއޭޝަނެއް އޮވެއެވެ. އެތަން މެދުވެރިވެގެން ބޯޓުފަހަރަށް ދާމީހުން ގިނައިން ގޮސްއުޅެނީ C.D.C. ހަދައިގެން ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިޔާގެ ބޯޓުފަހަރަށެވެ.

ނަމަވެސް މިހާރު އިންޑިޔާ ފިޔަވައި އެހެން ޤައުމުތަކުގެ ބޯޓުފަހަރަށް މީހުން ފޮނުވައިދޭ ހަތަރު އޭޖެންސީއެއްވެސް މަލިކުމީހުން ހިންގައެވެ. އެ އެޖެންސީތައްވެސް ހިންގަނީ ބޮމްބޭގައެވެ. ބޯޓުފަހަރުން ޖާގަ ލިބުމަށް އެމީހުންކިޔަނީ ނައުކުރިލިބުމެވެ. މިދެންނެވި އެޖެންސީތަކުގެ ތެރޭގައި "މިނިކޮއި ޕީޕަލްސް ވެލްފެއަރ އެސޯސިއޭޝަން" އަލްކަރީމް މަންޒިލް - ފިފްތުފްލޯރ، ބޮމްބޭ އާއި "މިނިކޮއިޕެލަސް" ހިމެނެއެވެ. މީގެ އިތުރަށް މަލިކުގެ އަވަށެއް ކަމުގައިވާ ފަލައްސޭރިގެ މީހުން އެމީހުނަށް ޚާއްޞަކޮށް ހިންގާ ދެއެޖެންސީއެއްވެސް ހުރެއެވެ.

މަލިކުމީހުން މިދެންނެވި އެޖެންސީތަކަށް ކިޔަނީ "ލާތި" އެވެ. މީހަކު ލާތި މެދުވެރިކޮށް ބޯޓުދަތުރުކުރަން ދާން ބޭނުންވެއްޖެނަމަ، އެންމެފުރަތަމަ ވަނީ ލާތީގެ މެމްބަރަކަށެވެ. ލާތީގެ މެމްބަރަކަށް ވެވެނީ އެއްހާސްރުފިޔާގެ ފީއެއް ދިނުމުންނެވެ. މި ފައިސާ ދެއްކުމުން ލާތީގެ މެމްބަރަކަށްވީއެވެ. މީގެ އިތުރަށް ކެއުމަށް ދުވާލަކަށް -/10 ރުފިޔާ ދެއްކުމުން ބޯޓަށް ދެވެންދެން ބޮމްބޭގައި ހުރުމާއި، ބޯޓުދަތުރުކޮށް ނިންމާފައި އައިސް ކޮއްޗެއަށް ދިއުމާ ދެމެދު ބޮމްބޭގައި ހުންނައިރު ކެއުމުގެ ޚަރަދުތަކާއި ހުރުމުގެ ކަންތައް ލާތީން ހަމަޖައްސައިދެއެވެ. މީގެ އިތުރަށް ބޯޓަށްގޮސްފައި އައިސް ކަނޑައެޅިފައިވާ ފީއެއް (މަލިކު ބަހުރުވައިގައި ބާޑައެއް) ދޭން ޖެހެއެވެ. ބޯޓަށް އެރުމުގެ ގޮތުންވެސް ލާތިއަށް ހަތަރުހާސް ރުފިޔާ ދޭންޖެހެއެވެ.

ކުރީންވެސް ދެންނެވި ފަދައިން މަލިކުމީހުންގެ އާމްދަނީގެ އެންމެބޮޑު ވަސީލަތަކީ ބޯޓުދަތުރުކުރުމެވެ. ނަމަވެސް ބޯޓުދަތުރުކުރަން ގޮސްތިބި މީހުންގެ ޖުމްލަ ޢަދަދެއް، އެމީހުން އެވްރެޖްކޮށް ރަށަށް އެތެރެކުރާ ފައިސާގެ ޢަދަދެއް އެނގޭނޭގޮތެއް ހަމަޖެހިފައެއް ނޯވެއެވެ. ސިންޑިކޭޓް ބޭންކުގެ މަލިކުގޮފިން މަޢުލޫމާތުދޭ ގޮތުގައި ދަތުރުކުރާމީހުން އެލޮޓްމެންޓުގެ ގޮތުގައި މަހަކު ފަނަރަލައްކަ ރުފިޔާ ރަށަށް ފޮނުވައެވެ. ނިސްބަތުން ބަލާއިރު އިންޑިޔާއަށް އެންމެގިނަ ބޭރުފައިސާ އެތެރެކޮށްދޭ ސީމަނުންނަކީ މަލިކުގެ ފަޅުވެރީންނެވެ.

މަލިކުމީހުން ބޯޓުފަހަރުގެ އިންޖީނު ޑިޕާޓްމަންޓާއި ޑެކް ޑިޕާޓްމަންޓުގައިވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އޮފިސަރުންގެ ރޭންކުގައި ހިމެނޭ މަލިކުމީހުން ވަރަށް މަދެވެ. ސެކަންޑް އިންޖިނިއަރެއްގެ މަގާމުގައި އެކަކު ހުރެއެވެ. އެއީ ޙަސަންބޭގޯތީ އިބްރާހީމެވެ. އަންޒަމާނު، ނިކޯބާރު ހިސާބަށް ދަތުރުކުރާ ބޯޓުފަހަރުގެ މާލިމީ ކަމުގައިވެސް މަލިކުމީހުން ތިބެއެވެ. ކެޕްޓަނެއްގެ މަގާމުގައިވެސް އެކަކު ހުންނަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ އައުގޯތީ ޢަލީއެވެ. މީގެއިތުރަށް ފިޓަރުން، ވެލްޑަރުން، އޮއިލަރުން، ކްއާޓަރމާސްޓަރުން، ޗީފްކުކުން، ސަރަނގުން، ކާޕެންޓަރުންގެ މަގާމުގައި މަލިކުމީހުން ވަރަށްގިނައެވެ.

ދަނޑުވެރިކަން

މަލިކަކީ ޢާންމުކޮށް ދަނޑުވެރިކަން ކުރާ ރަށެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ދިވެހިރުއް ހެއްދުމާއި، ކުފުރާ ތައްޔާރުކުރުމަކީ މަލިކުގައި، އާމްދަނީ ހޯދުމުގެގޮތުން ކޮށްއުޅޭ މަސައްކަތެކެވެ. މަލިކުގެ ކޯޕަރޭޓިވް ސޮސައިޓީއަށް 1989 ވަނައަހަރުގެ ޖޫންމަހުން ފެށިގެން 90 ވަނައަހަރުގެ ޖެނުއަރީއަށް 61.78 ޓަނުގެ ކުފުރާ ގަނެފައިވެއެވެ. އޭގެއަގަކީ ގާތްގަނޑަކަށް 9.5 ލައްކަ ރުފިޔާއެވެ. މަލިކުގައި ދިވެހިރުކުގެ އިތުރަށް ހައްދާ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ކަށިކެޔޮ، ފަޅޯ (ފުހައްޔާ) ބަނބުކެޔޮ، މުރަނގަ، ބަށި، މިރުސް، ވިލާތުބަށި، ޗިޗަންޑާ، ލުނބޯ، ބިލަމަގު، ގޯނބިލި، މައްސާގު، ބީންސް (ހިމެރި)، އުއްދަނޑި، ބިލެތްފަދަ ތަކެތި ފާހަގަކުރެވެއެވެ. މަލިކަކީ ފަސްގަނޑުގެ ގޮތުންނާއި، ޖިއޮގްރަފީގޮތުންވެސް ރާއްޖޭގެ ރަށަކަށް ވުމާއެކު މަލިކުގައި ހެދެނީ ރާއްޖޭގައިވެސް ހެދޭ ބާވަތްތަކުގެ ގަސްގަހާގެއްސެވެ. އާދެ، ހިރުނދު، ކާނި، މިދިލި، ފުނަ، ކަނޑޫ، ހެލެނބެލި ފަދަ ބާވަތްތަކެވެ. މީގެއިތުރަށް އުނި، ދިއްގާ، ކަނދު، ނިކަ، އަހި، ދުނބުރި، ހިތި، ޅޮސް، ކުރެދިފަދަ ގަސްގަހާއި، ހިސާބަކަށް ސައްކޭލާއި ހައިވަކަރުގަސް ހިމެނެއެވެ.

ދިވެހިރާއްޖެއަށްވެސް ތަރުކާރީއާއި މޭވާ ބޭރުން އެތެރެކުރާ ފަދައިން މަލިކަށްވެސް ތަރުކާރީއާއި މޭވާގެ ބާވަތްތައް ގެންނަނީ "ދިގުކަރަ" އިންނެވެ. އާދެ، އިންޑިޔާގެ ކެރެލާއިންނެވެ.

މަލިކުގައި ދަނޑުވެރިކަންކުރާ މީހުންގެ ތެރޭގައި ގިނައީ ލަކްޝަދީބުގެ އެހެނިހެން ރަށްރަށުން މަލިކަށް އައިސްތިބޭ މީހުންނެވެ. މަލިކު މީހުންނަކީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހެއްދުމަށްވުރެ ގަނެގެން ބޭނުން ކުރުމަށް ތަރުޙީބުދޭ ބަޔެކެވެ.

ކަން މިހެން ހުރިކަމުގައިވިޔަސް ލަކްޝަދީބު ސަރުކާރުން މަލިކުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަމާލުކަންދެއެވެ. މަލިކުގައި ސަރުކާރުގެ އެގްރިކަލްޗަރަށް ޑެމޯންސްޓްރޭޝަން ޔުނިޓަކާއި، މާގަސް ހައްދާ ފާމެއް އޮވެއެވެ. އެތާނގެ ވެރިޔަކަށް 1990 ސެޕްޓެމްބަރުގައި ހުރީ އެގްރިކަލްޗަރަލް ޑެމޯންސްޓްރޭޓަރ ޢަބްދުﷲ ކޮޔާއެވެ. އޭނާއަކީ ކަލްޕެނީގެ މީހެކެވެ. ލަކްޝަދީބުގެ ޕްލޭނިންގ ޑިޕާޓްމަންޓުގެ 1989 ގެ ހިސާބުތައް ދައްކާގޮތުން ދަނޑުވެރިކަމުގެ ގޮތުން މަލިކުން އަހަރަކު ލިބެނީ:-

ގޮވާން 12.25 މެޓްރިކްޓަން
މޭވާ 55.00 "
ތަރުކާރީ 26.20 "

މަލިކުގައި އިންޑިޔާގެ މަރުކަޒީ ސަރުކާރުން ހިންގާ ސެންޓްރަލް އެގްރިކަލްޗަރަލް ރިސާރޗް އިންސްޓިޓިއުޓެއް ހުރެއެވެ. އެތާނގެ ވެރިޔަކަށް 1990 ސެޕްޓެމްބަރުގައި ހުރީ ޖޮއިންޓް ޑިރެކްޓަރ އެމް.ޖީ. ބޮޕައްޔާ އެވެ. އެތާނގެ މަސައްކަތަކީ ދިވެހިރުކާ ބެހޭގޮތުންނާއި ކާށްޓާ ބެހޭގޮތުން ތަޙުލީލު ކުރުމެވެ. އެކަމަށްޓަކައި 8 އޭކަރުގެ ބިމެއް ޚާއްޞަކޮށްފައި އޮވެއެވެ.

ޕޯލްޓްރީ

އެގްރިކަލްޗަރާ ގުޅިފައިވާ ބައެއް ކަމުގައިވާ ގެރިބަކަރިއާއި ކުކުޅު ގެންގުޅުންވެސް މަލިކުގައި އޮވެއެވެ. ސަރުކާރުގެ އެނިމަލް ހަޒްބެންޑްރީ އެންޑް ޕޯލްޓްރީ ޑިޕާޓްމަންޓެއް ހުރެއެވެ. އެތާނގެ މަސައްކަތަކީ ގެރިބަކަރިއާއި ކުކުޅު ގެންގުޅުމާއި، މަހާއި، ބިހާއި، ކިރުވިއްކުމާއި، ޢާންމުންނަށް މަޢުލޫމާތު ދިނުމާއި، ގެރިގެންގުޅޭ މީހުންނަށް ހެޔޮއަގުގައި ކާނާ ހޯދައިދިނުމާއި، ގެރިބަކަރީގެ ޞިއްޙަތު ރަނގަޅުކުރުމަށްޓަކައި ބޭސްފަރުވާ ކޮށްދިނުމެވެ. ޑިޕާޓްމަންޓުގެ ވެރިޔަކަށް ހުންނަނީ މަލިކުމީހެކެވެ. ޖަނަވާރާބެހޭ ޑޮކްޓަރެއް ކަމުގައިވާ އައުގޯތީ އަތިރީގޭ މުޙަންމަދެވެ.

ތިރީގައިމިވަނީ، މަލިކު ޕޯލްޓްރީއާ ބެހޭގޮތުން ލަކްޝަދީބުގެ ޕްލޭނިންގ ޑިޕާޓްމަންޓުން 1989 ގައި ޝާއިޢުކޮށްފައިވާ ތަފާސްހިސާބުތަކެކެވެ.

ދުވާލަކު ލިބޭ ބިސް:
ސަރުކާރު: 111
އަމިއްލަ: 733

ދުވާލަކު ލިބޭ ކިރު:
ސަރުކާރު: 13 ލީޓަރު
އަމިއްލަ: 50 ލީޓަރު
ގެރި: (1987 ގެ ބޯހިމެނި ހިސާބުން) 87
ބަކަރި: (1987 ގެ ބޯހިމެނި ހިސާބުން) 765
ކުކުޅުހާ: (1987 ގެ ބޯހިމެނި ހިސާބުން) 4963

މަލިކުގައި އޮންނަ ގެރިގެންގުޅޭ ފާމަކީ އަމިއްލަ ހަތްމީހަކާއި، ސަރުކާރުގެ ފާމާ ގުޅިގެން އުފައްދައިފައިވާ ތަނެކެވެ. އެތާނގައި ބައިވެރިވާ އަމިއްލަ މީސްމީހުންނަކީ، މެނެގޭޢަލީ ފުންހިލޮޅު، ފާޠިމާ ތުއްތުބޭބެ ގޯތި ބޮޑުއަތިރި، ތިއްތިގޭ ޙައްވަ އައުމަގު، ހަންޑިކަގޯތިކުޑަގޭ ޙައްވަ ބާޑަ، ބަނބުކެޔޮގޭ ޢާއިޝާ ފަލައްސޭރި، މަލިންގޭ މޫސާ ފަލައްސޭރި، އޮޅުބަގޭ އިބްރާހީމް ފަލައްސޭރި އެވެ.

ޕޯލްޓްރީފާމް އުފައްދައިފައިވަނީ 1989 ގައެވެ. ވިހިމީހަކު މިކަމުގައި ޙިއްޞާވެއެވެ. އެއީ، އެޗް.ބީ. ޙަސަންމަނިކުފާނު، ފުރައްކާޑު މުޙައްމަދު، ޑޮކްޓަރ ބީ. މުޙަންމަދު މަނިކުފާނު، ޙާޖީކާގޯތި ޢާއިޝާ، މާވަޑިގޯތި ޙުސައިން، ކެރުހާޖީގޭ ދަލޭކާ، ޢާއިޝާ ސޮސައިޓީދޮށުގެ، އާމިނާ މުއްތުގެ، ވީ.ޖީ. މުޙަންމަދު ކުއްޓީ، ބީ.އޭ. އިބްރާހީމް ކުއްޓީ، ވަލުގޯތި ތުއްބިބީ، މުއްތެގޭ އިބްރާހީމް، ހެއްޔޯގޯތި ޙައްވާ، ކަރީމުގޯތި އިބްރާހީމް، ޙުސައިން ބާވަގޭ އިސްމާޢީލް، މާލޭގޭ ޙައްވަ، އަތިރިކޮޅުގޭ އުތުރުފަރާތުގޭ ފާތިމާ، އަލުމަސްކާގޯތި ފާތިމާ، ހީނާފަތްގޯތީ އާމިނާ، ކިލައުގަނޑުގޭ ޙުސައިން، މިމީސްމީހުންނެވެ.

(ނުނިމޭ)