ރާއްޖެއިން ބޭރަށް ދިއުމަށް އޮންލައިންކޮށް ޓިކެޓް ގަންނަ ދިވެހީން އަތުން އިތުރު ޓެކްސް ފައިސާތަކެއް ނަގާކަން ފަޅާ އަރައިފި އެވެ.
"ވަން އޮންލައިން" އަށް ކަށަވަރުވެފައިވާ ގޮތުގައި އެއާލައިން ތަކުން ދިވެހިން އަތުން އެއާޕޯޓު ޑިވެލޮޕްމެންޓް ޗާޖް، (އޭޑީސީ) އާއި އެއާޕޯޓު ސާވިސް ޗާޖު ނަގަމުން ދަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނާ ޚިލާފަށެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ދިވެހީން އަތުން އޭޑީސީ ގެ ގޮތުގައި ނެގޭނީ 12 ޑޮލަރެވެ. އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ވެސް ނެގޭނީ 12 ޑޮލަރެވެ. ބިދޭސީން އަތުން އޭޑީސީ އަށް ވެސް އަދި އެއާޕޯޓް ސާވިސް ޗާޖަށް ވެސް ނަގަން ޖެހޭނީ 25 ޑޮލަރެވެ.
ގާނޫނުގައި އެހެން އޮތް ނަމަވެސް އެއާލައިން ތަކުން ދިވެހީން އަތުން ނަގަމުން ދަނީ ބިދޭސީންގެ އަތުން ވެސް ނަގަމުން އަންނަ އަދަދު ކަމަށްވާ 25 ޑޮލަރު ކަން "ވަން އޮންލައިން" އިން ބެލި ބެލުމުން ވަނީ ކަށަވަރުވެފަ އެވެ. "ވަން އޮންލައިން" އިން މިއަދު ބައެއް އެއާލައިން ތަކުގެ ވެބްސައިޓަށް ވަދެ ބެލި އިރު އެ އެއާލައިން ތަކުން ދިވެހީން އަތުން އޭޑީސީ އަދި އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 25 ޑޮލަރެވެ. އެހެން ކަމުން އޮންލައިންކޮށް ޓިކެޓެއް ގަންނަ ކޮންމެ ފަހަރަކު އެމީހެއްގެ އަތުން ކޮންމެ ޓިކެޓަކަށް އިތުރު 26 ޑޮލަރު ޚަރަދު ވާނެ އެވެ.
މި ރޭޓުން ބަލާ ނަމަ، ދިވެހީންގެ އަތުން އެއާލައިން ތަކަށް އިތުރަށް ނަގާފައިވާ ފައިސާގެ އަދަދު އެތައް ލައްކަ ޑޮލަރަކަށް އަރާނެ އެވެ. މިސާލަކަށް ރާއްޖެއިން ބޭރަށް ފުރަން ދުވާލަކަށް އޮންލައިންކޮށް ޓިކެޓް ގަންނަނީ 200 މީހުން ކަމަށް ބަލައިފި ނަމަ އެއީ ދުވާލަކަށް 5200، އަދި މަހަކަށް 156000 ޑޮލަރެވެ. އޮންލައިންކޮށް ރާއްޖެއިން ޓިކެޓު ގަތީ ދުވާލަކަށް 200 ދިވެހީން ކަމަށް ބެލިޔަސް، ގާނޫނު ފާސް ކުރި ތާރީޚުން ފެށިގެން މިދިޔަ 11 މަސް ދުވަހުގެ ތެރޭގައި 17 ލައްކަ އަށް ވުރެ ގިނަ ޑޮލަރު ގާނޫނާ ޚިލާފަށް އެއާލައިން ތަކުން ނަގާފައި ހުންނާނެ އެވެ.
ދިވެހީން އެންމެ ގިނައިން ދަތުރުކުރާ އެއް އެއާލައިން ކަމަށްވާ ސްރީލަންކަން އެއާލައިންސް އާ މިކަމާ ގުޅޭ ގޮތުން "ވަން އޮންލައިން" އިން ސުވާލުކުރުމުން އެ އެއާލައިނުގެ ކަންޓްރީ މެނޭޖަރު ސުޖީވާ ވިދާޅުވީ އެކަން އެހެން ދިމާވަނީ އޮންލައިންކޮށް ޓިކެޓް ނަގާ ސިސްޓެމްގެ ސަބަބުން ކަމަށާއި ސިސްޓަމް ރަނގަޅު ކުރުމަށް ބޮޑު ޚަރަދެއް ކުރަން ޖެހޭނެ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މިހާރު ވާނެ އޮންލައިންކޮށް ޓިކެޓް ގަންނަ މީހުންނަށް ފެންނަ ގޮތަށް ނޯޓިސް އެއް އަރުވާފަ. އެ ނޯޓިސްގައިވާ އީމެއިލަށް އެމީހާގެ މައުލޫމާތާއި ޓިކެޓުގެ ތަފްސީލު ފޮނުވީމަ ރިވިއުކުރުމަށް ފަހު އިތުރަށް ނެގި ފައިސާ އެމީހެއްގެ ކްރިޑިޓް ކާޑަށް ޖަމާކޮށްދޭނެ." ސުޖީވާ ވިދާޅުވި އެވެ.
ސުޖީވާ ވިދާޅުވީ މި ނޯޓިސް އެރުވީ މީގެ ދެތިން މަސް ކުރީން ކަމަށެވެ. އޭނާ ވިދާޅުވީ އިތުރަށް ނަގާފައިވާ ފައިސާ އަކީ ނޯޓިސް އެރުވުމުގެ ކުރީގެ ފައިސާއެއް ކަމަށް ވިޔަސް ތަފްސީލާ އެކު ހުށަހެޅުމުން ރިފަންޑު ލިބޭނެ އެވެ.
އެހާ ކުރީގެ ދަތުރުތަކުގެ ޓިކެޓް ކޮޕީ ފަދަ އެއްޗެހި މިހާރު ނުހުންނާނެ ނޫންތޯ ސުވާލު ކުރުމުން ސުޖީވާ ވިދާޅުވީ އެހެން ވެއްޖެ ނަމަ ރިފަންޑު ނުލިބޭނެ ކަމަށެވެ.
ވަން އޮންލައިން އަށް އެނގިފައިވާ ގޮތުގައި ބައެއް އެއާލައިން ތަކުގެ ވެބްސައިޓަށް އިތުރަށް ނެގޭ ޓެކްސް ފައިސާ އަކީ ރިފަންޑު ކުރެވޭނެ ފައިސާއެއްކަން އެނގޭނެ ނޯޓިސް އެއް ލާފައި މި ވަނީ ދާދި ފަހުން މީރާ އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެންނެވެ. އޭގެ ކުރީން އޮންލައިން ކޮށް ޓިކެޓު ގަންނަ އިރު އިތުރު ފައިސާއެއް ނަގާކަން އެނގޭނެ އެއްވެސް ގޮތެއް ނުހުރެ އެވެ. އެހެން ކަމުން އެއީ ރިފަންޑު ކުރެވޭ ފައިސާއެއްކަން ޓިކެޓު ގަންނަ މީހުންނަކަށް ނޭނގެ އެވެ.
ދިވެހީން ގިނަ އަދަދަކަށް ދަތުރުކުރާ އެއާލައިނެއް ކަމަށްވާ އެމިރޭޓްސް ގެ އޮންލައިން ޕޯޓަލް އަށް ގޮސް ޓިކެޓް ބުކިން އެއް ހެދުމުން، ޓެކްސްގެ ބައި އަންނަ އިރު ފެންނަނީ ޖުމުލަ އަދަދެކެވެ. އިތުރަށް ނަގާ ޓެކްސްގެ މައްސަލައިގައި ސުވާލު ކުރުމުން އެމިރޭޓްސް ގެ ކަންޓްރީ މެނޭޖަރު ސުރޭޝް ވިދާޅުވީ އެ އެއާލައިންގައި ވެސް ބޭނުންކުރަނީ އިންޓަނޭޝަނަލް ސިސްޓަމެއް ކަމަށާއި ބަދަލު ގެނައުމަކީ ބޮޑު ޚަރަދެއް ހިނގާ އަދި ފަސޭވެސް ކަމެއް ނޫން ކަމަށެވެ.
ސުރޭޝް އިތުރަށް ވިދާޅުވީ މިދިޔަ ހުރިހާ ދުވަހު ކަސްޓަމަރުން އަތުން ޓެކްސްގެ ގޮތުގައި އިތުރަށް ނެގި ފައިސާ ވާނީ މީރާ އަށް ދައްކައިފައި ކަމަށެވެ. އެހެން ކަމުން ކަސްޓަމަރަކު އެފައިސާ ބޭނުން ނަމަ ދެން ދާން ޖެހޭނީ މީރާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. ސުރޭޝް ވިދާޅުވީ މިިދިޔަ ޑިސެމްބަރުން ފެށިގެން މި މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އޭރުއްސުރެ ފެށިގެން ވެސް އިތުރަށް ނަގާ ޓެކްސް ފައިސާ ދައްކަމުން ގެންދަނީ މީރާ އަށް ކަމަށެވެ.
އޮންލައިން ކޮށް ޓިކެޓް ގަންނަ ދިވެހީން އަތުން ޓެކްސްގެ ގޮތުގައި އެތައް ލައްކަ ޑޮލަރެއް އެއާލައިން ތަކުން އިތުރަށް ނަގާފައިވާކަން ފަޅާ އަރައިފައިވާ އިރު މި މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމުން މީރާ އިން ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނާ ޚިލާފު ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.
މީރާގެ ސްޕޯކްސްޕާސަން އަހުމަދު ޝަރީފު "ވަން އޮންލައިން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ މި މައްސަލަ އެއާލައިިން ތަކުގެ ސަމާލުކަމަށް ގެނެސް އެކަން އެގޮތަށް ނުކުރުމަށް ތަފާތު ދެފަހަރެއްގެ މަތީން އަންގަވައިފައިވާނެ ކަމަށެވެ. އެއާލައިން ތަކުގެ އިތުރުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ސަމާލުކަމަށް ވެސް މި މައްސަލަ ގެނެސްފައިވާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ޓެކްސްގެ ގޮތުގައި ނެގޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދު އެކަނި ކަމަށާއި އޭގެ އިތުރަށް ނުނެގޭނެ ކަމަށެވެ. ނޯޓިސް އެއް ބަހައްޓައިގެން ވިޔަސް ގާނޫނާ ޚިލާފު ފައިސާއެއް ނުނެގޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކީ ގާނޫނާ ޚިލާފު ފައިސާއެެއް ނުނެގޭނެކަން. އެއްވެސް ހާލަތެއްގައި އިތުރު ފައިސާއެއް ކަސްޓަމަރެއްގެ އަތުން ނެގުނަސް ގަވައިދު ބުނާ ގޮތުން އެ މަހެއްގެ ޓެކްސް ބަޔާން މީރާ އަށް ހުށަހެޅުމުގެ ކުރީން އެ ފައިސާއެއް އަނބުރައި އެފަރާތަކަށް ދޭން ޖެހޭނެ. މިސާލަކަށް މި މަހުގެ ޓެކްސް ބަޔާން ހުށަހަޅާނީ އަންނަ މަހުގެ 15 ގެ ކުރީން. އެހެން ވީމަ މި މަހުގެ ތެރޭ އެގޮތަށް ނެގިފަ ހުރި ޓެކްސް ފައިސާ އަންނަ މަހު ބަޔާން ހުށަހެޅުމުގެ ކުރީން އަނބުރައި ހަވާލުކޮށް ނިންމަން ޖެހޭނެ. އެ ފައިސާ ކަސްޓަމަރަށް ނުދީފި ނަމަ އެއީ ޓެކްސެއްގެ ގޮތުގައި ނަގާފައިވާ ފައިސާއެއް ކަމަށް ވާތީ އެފައިސާ އެއާލައިނަކު ނުބެހެއްޓޭނެ. އެމީހުންނަށް ބޭނުމެއް ވެސް ނުކުރެވޭނެ." ޝަރީފު ވިދާޅުވި އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ މީރާއިން ބާރު އަޅަނީ ކަސްޓަމަރެއްގެ އަތުން ނަގަން ނުޖެހޭ ފައިސާއެއް ނެގިއްޖެ ނަމަ ހަަމަ އެދުވަހު އެފައިސާ އަނބުރައި އެމީހަކަށް ދޭން ކަމަށާއި ނުވަތަ ވީ އެންމެ އަވަހަކަށް ދޭން ކަމަށެވެ.
އެއާލައިން ތަކުން ގާނޫނާ ޚިލާފަށް ދިވެހީން އަތުން އިތުރަށް ނަގާފައިވާ އެތައް ލައްކަ ޑޮލަރެއް މީރާ އަށް ދައްކާފައި ވާތީ އެފައިސާގެ ރިފަންޑު ހޯދަން އެމީހުން ދާން ޖެހޭނީ މީރާ އަށް ކަމަށް އެއާލައިން ތަކުން ބުނާ މައްސަލައިގައި ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ މީރާއިން ކަސްޓަމަރަށް އެފައިސާ ދޫނުކުރާނެ ކަމަށެވެ. އެއީ ގަވައިދު ހުއްދަ ކުރާ ކަމެއް ނޫން ކަމަށް ޝަރީފު ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެކަން ކުރާން ދެން އޮތް ހަމަ އެކަނި ގޮތަކީ ގާނޫނާ ޚިލާފަށް ފައިސާ ނެގިފައިވާ ކަސްޓަމަރުންނަށް އެއާލައިން ތަކުން އެފައިސާ އަނބުރައި ދެއްކުމަށް ފަހު އެ ލިޔެކިޔުންތައް މީރާއަށް ހުށަހެޅުއްވައިގެން އެ ފައިސާ މީރާއިން ހޯދަން އެ އެއާލައިން ތަކުން މަސައްކަތް ކުރުން ކަމަށެވެ.
އެއާލައިން ތަކުން ދިވެހީން އަތުން ގިނަ އަދަދެއްގެ ފައިސާ ގާނޫނާ ޚީލާފަށް ނަގައިފައިވާކަން ފަޅާއަރާފައިވާ އިރު، މީރާއިން ވިދާޅުވީ ކޮންމެ ގޮތެއް ވިޔަސް އެފައިސާ އަނބުރައި އޭގެ ވެރިފަރާތަށް ދިނުމަކީ ފައިސާއެެއް ނެގި އެއާލައިނަކުން ކުރާން ޖެހޭނެ ކަމެއް ކަމަށެވެ. އެއާލައިން ތަކުގައި އެ ރެކޯޑުވެސް ހުންނާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މީރާއިން ވިދާޅުވި އެވެ. އަދި ރެކޯޑު ނެތް ކަމަށް ވިދާޅު ނުވެވޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.