އެމްޓީސީސީ

އެމްޓީސީސީގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް އަހުމަދު އަބޫބަކުރު އަދި ފަތުހުﷲ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑް، (އެމްޓީސީސީ) ގައި ކުރިޔަށް އޮތް އަހަރު އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ދެ ޑިރެކްޓަރުންގެ ގޮތުގައި، އަހުމަދު އަބޫބަކުރު އާއި ފަތުހުﷲ އިސްމާއީލް އިންތިޚާބުކޮށްފި އެވެ.

ފަތުހުﷲ އާއި އަހުމަދު އަބޫބަކުރު އެމްޓީސީސީގެ ބޯޑަށް އިންތިޚާބު ކުރީ ހޮޓެލް ޖެންގެ ބޯލް ރޫމްގައި ރޭ އޮތް އެ ކުންފުނީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ކުރިމަތިލެއްވީ ހަތަރު ބޭފުޅުން ކަމަށާއި، އެ ހަތަރު ބެފުޅުންވެސް ޝަރުތު ހަމަވާތީ، ހިއްސާދާރުންގެ ވޯޓަށް ފޮނުވާފައިވާ ކަމަށް ރިޔާސަތުން ވިދާޅުވި އެވެ. އެއީ އާއިޝަތު ހުސެއިން މަނިކާއި ނާޝިމާ އަބްދުއްލަތީފް އާއި އަހުމަދު އަބޫބަކުރު އަދި ފަތުހުﷲ އިސްމާއީލް އެވެ.

ރޭގެ ޖަލްސާގައި ފަތުހުﷲ އިސްމާއީލް ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުވީ ވޯޓުދިން މީހުންގެ 35.20 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވެ. އަހުމަދު އަބޫބަކުރު ބޯޑަށް އިންތިޚާބުވީ ހިއްސާދާރުންގެ 34.20 ޕަސެންޓް މީހުން ވޯޓުުންނެވެ.

އެމްޓީސީސީގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި މި ވަނީ އެ ޖަލްސާ ބާއްވަން ޖެހޭ ތާރީޚަށް ވުރެ ފަސްކޮށެވެ. އެހެން ދިމާވީ، ޕްރޮކްސީ ފޯމު ބަލައިގަތުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ރޭގެ ޖަލްސާފައި ހިއްސާދާރުން ފާހަގަކުރެއްވި އެވެ. އަދި ޖަލްސާ ފަސްކުރުމުން ބައެއް ހިއްސާދާރުންގެ ހައްގު ގެއްލިގެން ދާނެ ކަމަށް ހިއްސާދާރަކު ޚިޔާލު ފާޅުކުރެއްވުމުން، ރިޔާސަތުން ވިދާޅުވީ، ޖަލްސާ ފަސް ކުރީ، އެ ފަދަ ސަބަބުތަކެއް މެދުވެރިވެގެން ކަމަށާއި އެހެން ނަމަވެސް އެ ކަމާ ގުޅިގެން ދޭން ޖެހޭ މުއްދަތު ހުރިހާ ހިއްސާދާރުންނަށް ވެސް ހަމަހަމަކަމާ އެކު އަލުން ދީފައި ވާތީ، ހިއްސާދާރެއްގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.