Close
ރިލޭޝަންޝިޕް

ލޯބިވެރިޔާ އިންނަން ބޭނުން ނުވާނަމަ އޭނާއާ އެކު އުޅެވޭނެތަ؟

ރިލޭޝަންޝިޕަކީ ބައެއް ފަހަރު ހިތްނޭދޭ ގޮތަކަށްވެސް ނިމިގެން ގޮސްދާނެ ކަމެކެވެ. ބައެއްފަހަރު ގިނަ ދުވަސް ތަކެއް ވަންދެން މީހަކާ އެކީ ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށްފަހުވެސް ދެމީހުންނަށް ކުރިމަގެއް ފެންނަ ގޮތެއް ނުވެއެވެ. ނަމަވެސް މިކަހަލަ ހާލަތްތަކުގައިވެސް ޒުވާބުކޮށް ދެމީހުން ވަކި ވުމުގެ ކުރިން ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.

ކިހިނެއްވީ ކަމެއް؟

ފުރަތަމަ ކަމަކަށް ބަލަންވީ ބައިވެރިޔާ ކައިވެނި ކުރަން ބޭނުން ނުވަނީ ކޮން ސަބަބަކާ ހެދިތޯއެވެ. ކުރިން އެހެން މީހަކު ބައިވެރިޔާއަށް ލަނޑެއް ދީފައިވަނީތޯ؟ ނުވަތަ ކައިވެނި ކުރުމަށްވުރެ ނުކޮށް ހުރުމުން މާ އުފާވެރިވާނެ ކަމަށް ހީކުރަނީތޯ؟ ނުވަތަ ތިބާ ދެކެ ލޯބިވިޔަސް ކުރިމަގަށް ނުވިސްނަނީތޯ؟ މިހެންގޮސް އެތައް ސަބަބެއް ހުރެދާނެއެވެ. މުހިންމު ކަމަކީ ފުރަތަމަ ކަމަކަށް މި ސަބަބު ދެނެގަތުމެވެ. އޭރުން ހައްލު ހޯދަން ފަސޭހަވެގެންދާނެއެވެ.

ތިބާގެ އިހުސާސް ތަކަކީ ކޮބާ؟

ކަމެއް ނިންމުމުގެ ކުރިން ބައިވެރިއެއްގެ ފަރާތުން ތިބާ ބޭނުން ވަނީ ކޮންކަމެއްތޯ އަމިއްލައަށް އެނގެންޖެހެއެވެ. އެކީގައި މިހާރު އުޅޭ ބައިވެރިޔާއާއެކު ދިގު މުސްތަގުބަލަކަށް އުޅެވޭނެތޯ އަމިއްލައަށް ވިސްނާލުން މުހިންމެވެ. މިހާރު އެކީގައި އުޅޭ ބައިވެރިޔާ ދެކެ ހަގީގަތުގައިވެސް ލޯބި ވަނީތޯ ނުވަތަ އެއީ އިންފަޗުއޭޝަންއެއްތޯ؟ ބައިވެރިޔާ ރަނގަޅު އަންބަކަށް ނުވަތަ ފިރިއަކަށް ވާނެތޯ؟ ލޯބި އެއްފަރާތް ކޮށްފަ، ދެމީހުން އެކީގައި ފައިސާގެ ގޮތުންވެސް އުޅެވޭނެތޯ؟ އަދި އެންމެ މުހިންމު ކަމަކަށް ތިބާއަށް ކައިވެންޏަކީ ކިހާވަރެއްގެ ކަމެއްތޯ ކިހާ މުހިންމު ކަމެއްތޯ އަދި ކައިވެނި ކުރަން ބޭނުން ވަނީ ކޮންކަމަކާ ހެދިތޯ މިއީ ކޮންމެހެންވެސް ދެނެގަތުން މުހިންމު ސުވާލު ތަކެވެ.

ވަގުތު ދިނުން މުހިންމު

ބައެއްފަހަރު، ކައިވެނި ކުރަން ބައިވެރިޔާ ކައިރީ މާއަވަހަށް އެދެވެއެވެ. އަދި އޭނާގެ ޖަވާބު ވަގުތުން ވަގުތަށް ބޭނުން ވެއެވެ. ބައިވެރިޔާވެސް ތިބާއާ އެކު އުޅެން ބޭނުންވޭތޯ ޑިސައިޑް ކުރުމަށް އޭނާއަށް ވަގުތު ދިނުން މުހިންމެވެ. އެބައިވެރިޔާއާއެކު އުޅެން ބޭނުން ކަމުގައިވާނަމަ އަދި ކޮންމެހެން ތެޅިގަނެގެން ކައިވެނި ކުރަން ނުޖެހޭނަމަ ބައިވެރިޔާވެސް ހަމަޖެހިލައިގެން ބޭނުންވާ ގޮތް އިހުތިޔާރު ކުރަން ވަގުތު ދިނުމަކީ ރަނގަޅުގޮތެކެވެ.

ދެމީހުން ބޭނުން ވަނީ ދެކަމެއް؟

ދެމީހުން ދެގޮތެއް ނުވަތަ ދެ ކަމެއް ބޭނުންވެ، ވާހަކަދައްކައިގެންވެސް އެއްގަލަކަށް ނޭރޭނަމަ އެންމެ ރަނގަޅު ގޮތަކީ ދެމީހުން ވަކިވުމެވެ. ތިބާ ބޭނުންވާ ގޮތަށް ނުވަތަ ހިތް އެދޭ ގޮތަށް ނޫނީ ބޭނުންވާ މުސްތަގުބަލެއް ނުދެވޭނެ ގުޅުމަކަށް ވަގުތު ހުސްކުރުމަކީ ބޭކާރު ކަމެއްކަމުގައި ނޫނީ ނުވާނެއެވެ.

ވާހަކަ ދައްކާށެވެ!

ކުރިން ބުނި ހުރިހާ ކަމެއް ރަނގަޅަށް ވިސްނާލުމަށްފަހު ޖަވާބު ލިބިއްޖެ ކަމުގައި ވާނަމަ ބައިވެރިޔާއާއެކު ވާހަކަ ދައްކަންވީ ވަގުތު އައީއެވެ. މިއީ ހިތުގެ އަޑިން ތެދުވެރިކަމާ އެކު ދެމީހުންވެސް ދެމީހުންގެ އިހުސާސްތައް އެކަކު އަނެކަކަށް ހިއްސާކުރަންވީ ވަގުތެވެ. ބައިވެރިޔާ ދައްކާ ވާހަކަވެސް ކެތްތެރިކަމާއެކު އަޑު އަހާށެވެ. އަދި ތިބާ ބޭނުންވާ ކަންތައްތައްވެސް ހިއްސާކުރާށެވެ. ދެން ދެމީހުންނަށް ފެންނަ އެންމެ ރަނގަޅު މަގެއް އިހުތިޔާރު ކުރާށެވެ.

ބައިވެރިޔާގެ ތެދުވެރިކަމަށް އިހްތިރާމް ކުރާށެވެ.

ދެމީހުން ދެ ގޮތެއް ބޭނުންވި ކަމުގައިވިޔަސް ބައިވެރިޔާގެ އިހުސާސްތައް އަދި ތެދިވެރިކަމަށް އިހުތިރާމް ކުރަންވާނެއެވެ. ހަމަގައިމުވެސް މިހާރު ދެމީހުންވެސް އޮޅުވާލުމެއްގައި އުޅޭކަށް ނުޖެހެއެވެ. ދެމީހުން ބޭނުންވާ ގޮތް ދެމީހުނަށް ވާނީ ރަނގަޅަށް ދަސްވެފައެވެ. ހިތަށްވެސް ނާރަފާނެއެވެ. ނަމަވެސް ބައިވެރިން ސީދާ ބޭނުންވާ ގޮތް ތެދުވެރިކަމާއެކު ހިއްސާކުރާ ފަދަ ބައިވެރިއެއް ލިބުމަކީ ނަސީބެކެވެ. އަދި ދޮގު ވައުދު ނުކޮށް ކަންހުރިގޮތަށް ހަގީގަތަށް ކިޔައިދިން ކަމަށް ޓަކައި އޭނާއަށް ޝުކުރުވެރިވުން މުހިންމެވެ.

ހަނދާން ބަހައްޓާށެވެ!

ވަރަށް ގިނައިން ދިމާވާކަމެކެވެ. އެކީގައި ނޫޅެވުނަސް ނުވަތަ ކުރިމަގެއް ނެތަސް "ހޯޕް" ނުވަތަ "މިރެކަލް"އެއްގެ ސަބަބުން ދެމީހުނަށް އެކީ އުޅެވިދާނެ ކަމުގެ އުންމީދުގައި ވަކިނުވެ އުޅޭ ކަޕަލްސް ވަރަށް ގިނައެވެ. ނަމަވެސް ދިރިއުޅުމަކީ ފެއާރީޓެއިލެއް ނޫނެވެ. މިއީ ލޯބީގެ ފިލްމެއްވެސް ނޫނެވެ. މުސްތަގުބަލެއް ނެތް ކަމެއްގައި އުޅެން ޖެހުމުން ކިހާ ދުވަހަކު އުފަލުގައި އުޅެވޭނެ ބާވައޭ އަމިއްލަ ނަފުސާ ސުވާލު ކޮށްލަމާތޯއެވެ. މިހާރު ވަކިވުން އުނދަގޫވެދާނެއެވެ. ހިތާމަވެސް ކުރާނެއެވެ. ނަމަވެސް ގިނަ ދުވަސްވާ ވަރަކަށް އަޅާ ވޭން ވާނީ ބޮޑު ނޫންބާވައެވެ؟

ބައިވެރިޔާ އިހުތިޔާރު ކުރާއިރު ތިބާ މުސްތަގުބަލާ މެދު ދެކޭގޮތް އެބައިވެރިޔާވެސް ދެކޭ ކަހަލަ މީހަކު ހޯދުން މުހިންމެވެ. ދެމީހުންގެ ވިޝަން އެއްގޮތްވުން މުހިންމެވެ. މިއީ ތިބާގެ ދިރިއުޅުމެވެ. ތިބާ ބޭނުންވާ ގޮތަށް އެ ބައްޓަން ކުރުމަކީ ތިބާގެ އަމިއްލަ ކަމެކެވެ.