އެޓަރނީ ޖެނެރަލް

އިންޑިއާއާ އެކު ސޮއިކުރާ މުއާހަދާގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމާއި ހައްގުތަކަށް އުނިކަމެއް ނާންނާނެ: އޭޖީ

2

ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރުމަށް ހަމަޖައްސާފައިވާ މުއާހަދާގެ ސަބަބުން، ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނީ ނިޒާމުގެ ތެރެއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާއި ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރުމަށް ހަމަޖއްސާފައިވާ މުއާހަދާގެ މަގުސަދަކީ ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ދެގައުމުގެ ދެމެދުގައި ފަހިކުރުމާއި ޖިނާއީ މައްސަލަތަކާ ގުޅޭ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައްޔާއި ޖިނާއީ މައްސަލަތަކުގައި ދެގައުމުގެ މުއައްސަސާތަކުން ބޭނުންވާ މައުލޫމާތު ހިއްސާކުރުމަށް ޓަކައި ބޭނުންވާ ފަހި އުސޫލުތަކެއް ގާއިމުކުރުމެވެ.

އިންޑިއާގެ އިތުރުން، ސްރީލަންކާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ރަޝިއާފަދަ ގައުމުތަކާއެކުވެސް މިފަދަ މުއާހަދާތަކުގައި ސޮއިކުރުމަށްޓަކައި، އެ ގައުމުތަކުން ހުށަހަޅައިގެން އެ ގައުމުތަކާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާއިރު، ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ މިފަދަ މުއާހަދާތަކުގެ ސަބަބުން ދިވެހިރާއްޖޭގައި ހިންގާ ޖިނާއީ ތަހުގީގުތަކަށް އެހީތެރިކަން ލިބި، އެ މަސައްކަތް ހަރުދަނާވެ، ޖިނާއީ މައްސަލަތައް ހަލުވިކަމާއެކު ނިންމުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީ ވިދާޅުވެފައިވަނީ، ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމާގުޅޭ އުސޫލުތަކަކީ، ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނު) ގައި ކަނޑައެޅި، 2015 އިން ފެށިގެން އަމަލުކުރެވެމުންދާ އުސޫލުތަކެއް ކަމަށެވެ.

ތަހުގީގަށް އެހީތެރިކަން ހޯދުމާއި، ޝަރުއީ ލިޔުންތައް ހޯދައި ރައްދުކުުރުމާއި، މުދަލުން މުއާމަލާތްކުުރުން ހުއްޓުވުމާއި، ބޭންކު ރިކޯޑާއި މާލީ ރެކޯޑުފަދަ ލިޔެކިޔުންތައް ހޯދުމަކީ، ގައުމުތަކުން ދިވެހިރާއްޖޭގެ އެހީއަށް އެދެވޭނެ ދާއިރާތައްކަމުގައި އެ ގާނޫނުގައި، ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އެހީއަށް އެދި ބޭރު ގައުމަކުން ހުށަހަޅާ ހުށަހެޅުމެއް ބަލައިނުގަތުމުގެ އިހުތިޔާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ގާނޫނުން ލިބިދީފައިވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

"ހަމައެއާއެކު، ގާނޫނުގެ ދަށުން އެހީ ފޯރުކޮށްނުދެވޭނެ ހާލަތްތައް ގާނޫނުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކުރެވޭ މުއާހަދާއަށް އަމަލުކުރެވޭނީ، އެ ގާނޫނުގެދަށުން ރާއްޖެއިން އެކުލަވާލާފައިވާ އެންމެހާ ގާނޫނާއި ގަވާއިދުތަކުގެ ތަރަހައާއި ހުދޫދުގެ ތެރެއިން ކަމުގައި ދަންނަވަމެވެ. މީގެ އިތުރުން، ހުކުމް ތަންފީޒުކުރުމަށް، ޝަރީއަތް ހިންގަން، ނުވަތަ ހުކުމް އިއްވުމަށް އެއް ގައުމުން އަނެއް ގައުމަށް މީހުން ބަދަލުކުރުމަކީ، މި މުއާހަދާގެ ސްކޯޕްގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައިނުވާއިރު، މި މުއާހަދާގެ ދަށުން ޝަރީއަތެއްގައި ހެކި ބަސް ދިނުމަށްޓަކައި ދިވެހި ރައްޔިތެއް އެހެން ޤައުމަކަށް ގެންދެވޭނީ، ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުގެ ތެރެއިން، އޭނާގެ ރައްކާތެރިކަމާގުޅޭގޮތުން ހާއްސަ ގެރެންޓީތަކެއް ޕީޖީއަށް ދިނުމަށްފަހު،" ޕީޖީހެ ބަޔާނުގައި ބުނެފައިވެއެވެ.