ފުރާނަދަންދެން

ފުރާނަދަންދެން - 24

3

"މިހާރު ވަރަށް ބޮޑުތަން ހުންގަނޑު ވިހެލައިފި. ޙައްވައްތަ ބުނީމެއްނު ބޭސްކާގަޑި ބަދަލުކޮށްލީމަ ހުމަށްވެސް ބަދަލު އަންނާނޭ..." ޙައްވަ ވާހަކަދެއްކިއެވެ. އިރުކޮޅަކުން ގެނައި ފެންތަށި ފޮތިކޮޅާއެކު ހިފައިގެން ޙައްވަ ކޮޓަރިން ނިކުތުމުން ހިތްވަރުން އަންހެންކުއްޖާ އެނދުން ތެދުވިއެވެ. އޭނާގެ ބޮލުގައި އަދިވެސް ރިހުން އެބަހުއްޓެވެ. ކޮޓަރި ތެރޭގައި އެއްކޮޅުން އަނެއްކޮޅަށް ދަމާފައިވާ ރޯނު މަތީގައި އޮތް ތުވާލި ހިފައިގެން އޭނާ ބޭރަށް ނިކުތެވެ. ވަކިން ދުރުގައި ހުރި ގިފިއްޔަށް ވަންނަން ދަމުން އޭނާ ހުއްޓިލިއެވެ. ގިފިލީ ފާރުގައި ލައްކޮށްލާފައި ހުރި ލޯގަނޑަށް ބަލައިލިއެވެ. އެއީ ހަލާކުވެގެން އެއްލާލަން ނެރެފައި ހުރި ލޯގަނޑުކަން އޭނާއަށް އިނގުނީ އޭގެ އެއްކޮޅުން އަނެއްކޮޅަށް ލާފައިވާ ބޮޑު ރެނދު ފެނުމުންނެވެ. ގިފިއްޔަށް ވަނުމުގެ ބަދަލުގައި އޭނާ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ލައިގެން ހުރި ގަޔަށް ދޫ ހެދުމުގެ ބަނޑުމަތިން އަތުން ފިރުމާލި ތަނެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނުން ފުރުނެވެ.

"ޙައްވައްތާ....!! ކޮބާ އަޒޫ.....!!!" ވަދެގެން އައި ފުރާވަރުގެ ދެ އަންހެންކުދިން އެއްރާގަކަށް ރެއަށް ކެއްކުމަށް ހަނޑޫ ދޮންނަމުން ދިޔަ ޙައްވައަށް ގޮވާލަމުން ބުނެލިއެވެ.

"އަނހަ... އެކޮއިމެންތަ.... އެ މަންޖެ ބަލާ ދޯ ތިއައީ... ވެއްޖެ އެފަރާތުގަ... ދޭބަލަ... ޙައްވައްތައަށް ކަމެއް ކޮށްދެންޏާ ކޮންމެސް ބަހަނާއެއް ދައްކައިގެން އެކޮއިމެން ކުޅޭތަނަށް އެ މަންޖެ ގެންދާތި... ނުކުޅުނަސް ބޭރަށް ނެރެލަން ބޭނުން" ޙައްވަ ވާހަކަދެއްކިއެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ މާޔޫސްކަމެއް ފެންނަން ހުއްޓެވެ.

ދެ އަންހެންކުދިން ގިފިލި ހުންނަ ދިމާލަށް ދިޔައިރު ލައްޕާލާފައި ހުރި ޓިނު ދޮރުފަތުގެ އެތެރެއިން ފެންވަރާ އަޑު އިވިއިވި ހުއްޓެވެ. ދެ އަންހެންކުދިން އެދިމާ ބޭރުގައި ހުރި ލަކުޑި ދެ ގޮނޑީގައި އިށީނެވެ.

"އެ ނިކުތީ... މިއަދުވެސް އަޒޫ ލަސްވީ... ޖޫރިމަނާ އެއް ރުފިޔާ....." ދެ އަންހެންކުދިންގެ ތެރެއިން ހިކިކޮށް ދިގުކޮށް ހުރި ކުއްޖާ ކުރިއަށްޖެހިލަމުން ބުނެލިއެވެ.

"އަޅެ... ސޮރީ ޝަރޫ...!!! ... މިއަދު ނެތް ދާހިތެއް......"

"ނޯ..ނޯ..ނޯ... ދާންޖެހޭނީ... ތިގޮތަށް ބޯ ދަމައެއް ނުގަނެވޭނެ... ޙައްވައްތަ ބުނި ބަލިވެއޭ... ނުކުޅުނަސް ޓީމަށް ސަޕޯޓްކުރަން އިނދެވޭނެއްނު..." ޝަރުމީ ޖަވާބުދިނެވެ.

"އޮހޯ.. މިދަނީ ޗޭންޖްކޮށްލައިގެން... ތި މީހުން ދޭ..." އެންމެފަހުން އޭނާ ބުނެލިއެވެ.

ޝަރުމީ އާއި ލާވިޔާ ނިކުމެގެން ދިޔަތަނާ އެތަނަށް އައިސް ހުއްޓުނީ ޙައްވައެވެ. ޙައްވަގެ ކިހިލީގައި ހައެއްކަ ހިކި ދަރުގަނޑު އޮތެވެ.

"ޙައްވައްތާ...!! މިއަދުވެސް ޝަރޫމެން އެ އުޅެނީ އަޅުގަނޑު ގެންދަން. އަޅުގަނޑު ނުވޭ އެއްގޮތަކަށްވެސް ދާހިތެއް..." އޭނާ ބުނެލިއެވެ. އޭނާ ބުނާ އެއްޗަކަށް ބެލުމެއްނެތި ވަކިން ހިޔާކޮށްފައިވާ ކުޑަ ތަންކޮޅަކަށް ދަރުތައް އަޅާލަމުން ޙައްވަ އައިސް ހިފީ އަންހެންކުއްޖާގެ އަތުގައެވެ.

"އާދެބަލަ...." ޙައްވަ އޭނާގެ އަތުގައި ހިފައިގެން ގޮސް ވަނީ ކުރިން އޭނާ އޮތް ކޮޓަރިއަށެވެ.

"ޙައްވައްތަ ބުނަންތަ ވާހަކައެއް. ޙައްވައްތަ ދެކެނީ ތީ ޙައްވައްތަގެ މާމަ ދަރިއެއްގެ ގޮތުގައި. ތިގޮތަށް މީހުން އުޅޭ ތަންތަނަށް ނުނިކުމެ ގޭގައި އަބަދު އޮންނަން ވެއްޖިއްޔާ މީހާ މޮޔަވެދާނެ. މާޒީ އަކީ މާޒީ... ﷲ އިރާދަކުރެއްވިއްޔާ ދަރިފުޅުގެ ނަސީބު ވަރަށް އަވަހަށް ދަރިފުޅުގެ އަތުގައި ހިފާނެ..." ޙައްވަ ވާހަކަދައްކާ ނިންމާލިއިރު އޭނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.

"ދަރިފުޅާ...!!!! އަޒްކާ!!!" އިސްޖަހާލައިގެން އިން އަޒްކާ އިސްއުފުލާ ޙައްވައަށް ބަލައިލިއެވެ.

"ޙައްވައްތަ ބުނެބަލަ. އަޅުގަނޑަށް އުފާވެރިކަމާއި ހިތްހަމަޖެހުން ޙައްޤުތަ..؟ އުފާވެރިކަމެއް ހިތްހަޖެހުމެއް އަޅުގަނޑުގައި ނަސީބުގައި އެބައޮތްތަ...؟ އަޅުގަނޑުގެ މާޒީގައި ހިނގާދިޔަ ކަންތައްތައް ހިތުން ފޮހެލުމަށް މެދުވެރިޔަކަށްވި އަޅުގަނޑުގެ އައިޒާ..... އެކަމަކު މިއަދު އެދަރިފުޅުވެސް ދުނިޔެއަށް އުފަން ނުވަނީސް......" އަޒްކާއަށް ވާހަކަނުދެއްކުނެވެ. އޭނާއަށް ގިސްލާފައި ރޮވެން ފެށުނެވެ. މަރުވެފައިވާ އޭނާގެ ދަރިފުޅު އޭނާގެ އަތް މަތީގައި އޮތް މަންޒަރު މިހާރުވެސް އޭނާއަށް ފެންނަ ކަހަލައެވެ.

"މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި... ތި ހިތާމަތައް ކުރުން ދެން ހުއްޓާލާ... އެއީ އެކަލާނގެ އިރާދަފުޅު ހުރިގޮތް. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް..." އަޒްކާގެ ބޮލުގައި ފިރުމާލަމުން ޙައްވަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ދެން ކިހިނެއްހަދާނީ ޙައްވައްތާ... ކިހިނެއް މިހުރިހާ ކަމެއް ހިތުން ފޮހެލާނީ..." އަމިއްލަ ނަފްސަށް ވިސްނާދޭން އުޅުނަސް އެކަން އޭނާއަށް ކާމިޔާބެއް ނުވެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ ބަރުދާސްތު ކުރަން ޖެހިފައިވި ހިތާމަތައް މާގިނައެވެ.

"ހިތަށް ލުޔެއް ހޯދަން ބޭނުމިއްޔާ އަބަދުވެސް ޙައްވައްތައާއި ތިގޮތަށް ވާހަކަދައްކާނަމަ... މީހުންގެ ތެރެއަށް ނިކުމެލާ ހެދީމަ ހިތްހަމަޖެހުންވެސް ލިބޭނީ. އަހަރެން ފާއިތުވެގެން މިދިޔައީ.. ބުނެބަލަ ދަރިފުޅު ހިތާމަނުކުރާ އެއްދުވަސް ވެސް ދިޔަތަ...؟ ރަނގަޅަށް ނިދަނީއެއްނޫން.. ކަނީއެއްނޫން.... ބަލި ވިޔަސް ޑޮކްޓަރަށް ދައްކަން އެއްބަސް ވަނީއެއްނޫން.... މިހާރު ޙައްވައްތަ ކިތައް ފަހަރަށް ބުނެފިން ހިނގާށޭ މާލެ ގޮސް ޑަކްޓަރަކަށް ދައްކާލަން...." އަސަރާއެކު ޙައްވަ ވާހަކަދެއްކިއެވެ.

"ނޫން. އަޅުގަނޑު ދުވަހަކުވެސް މާލެދާން ބޭނުމެއްނޫން. ޙައްވައްތަ އެވަރަށް އާދޭސްނުކުރޭ... ޙައްވައްތައާއި ޙަމީދުބެގެ ހެޔޮކަން އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ" ދެލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަމުން އަޒްކާ ވާހަކަދެއްކިއެވެ.

ދެބަޔަކަށް ބެހިގެން 'އެރޭރޭ' ގެ ނަމުން އެރަށުގައި މަޝްހޫރު ވެފައިވާ ކުޅިވަރެއް ކުޅުމުގައި އަންހެންކުދިންތައް އުޅުނު ހިއްކި ތަނާއި ދިމާލަށް މަޑުމަޑުން ހިނގާފައި އަޒްކާ އަންނަމުން ދިޔައެވެ. ކަޅު ކުލައިގެ ގަޔަށް ދޫޫ ހަރުވާޅު ހެދުމުގައި އޭނާގެ ވަރުގަދަ ބުޅި އިސްތަށިގަނޑު އޮތީ ހުޅިއެއް ޖަހާލާފައެވެ. އެއްވަރަކަށް ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިން އަޒްކާގެ ކަނދުރާމަތީގައި ހޭކެމުންދިޔަ ނުސިޔާނު އިސްތަށިތައް ދެއަތަށް ނަށަމުން ދިޔައެވެ.

"މިއަދު ނުއެއް ކުޅެވޭނެ. އެކަމު ޝަރޫމެން ކުޅޭތަން ބަލަން އިންނާނަން އިނގޭ" އަޒްހާ ހުއްޓުނު ވަގުތު އެދިމާލަށް ދުވެފައި އައި ޝަރުމީ އައިސް އަޒްކާގެ އަތުގައި ހިފުމުން އަޒްކާ ބުނެލިއެވެ. ޝަރުމީ އެންމެ ރަނގަޅޭ ބުނެ ކޯޓަށް ވަނުމުން އަޒްކާ އިށީނީ އެ ސަރަހައްދުގައި ހުރި ހިރުނދު ގަހެއްގެ ހިޔަލުގައި އޮތް ރުށްގުޅި ގަނޑެއްގެ މަތީގައެވެ. ކުޅެން އުޅޭ އަންހެންކުދިންތަކުގެ ތެރެއިން ބައެއް ކުދިންގެ ކުދިކުދި ދަރިންތައް ވަކިން ގުރޫޕެއް ހަދައިގެން ދުވެދުވެ ތިއްބެވެ. އަޒްކާއަށް ގިނައިން ބެލެނީ އެދިމާލަށެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔަ ވަގުތު ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.

***************

ފިރިއެއްގެ ލޯތްބަށް އެދި ފެންބޮވައިގަނެފައިވާ ނައިޝީގެ ހިތްވަރު އެލޭގޮތްވީ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އޭނާގެ ހަށިގަނޑުގައި ފިރިއެއްގެ ހައިސިއްޔަތުން ނާހިދް އިނގިލި ކުރިވެސް ޖައްސާލާފައި ނުވުމުންނެވެ. އިންސާނަކަށް ވީތީ އޭނާ ދިޔައީ ކެތްކުރެވޭނެ އެންމެ މަތީ ދަރަޖައަކަށް ކެތްކުރަމުންނެވެ. އޭނާއާއި އެހާ ގާތުގައި ނާހިދް ނިދާއިރުވެސް އޮޅިގެންވެސް އޭނާގެ ހަށިގަނޑުގައި އެނިޔަތުގައި އަތް ޖައްސާލާފައި ނެތެވެ. ނާހިދް ކައިރީގައި އެޝަކުވާ ކުރަން ބޭނުންވިޔަސް އޭނާއަށް ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރުނެވެ. ނާހިދް ދެކޭނެ ގޮތެއް ނޭނގޭތީއެވެ.

ދުވަހެއް ދުވަހަކަށް އޭނާ ވިސްނާ ވިސްނުންތައް އިތުރުވަމުން ދިޔައެވެ. އޭނާގެ ތުންފަތްމަތިން ފެންނަމުން ދިޔަ ހިނިތުންވުމުގެ ބަދަލުގައި ގިނަ ފަހަރު ފެންނަނީ މާޔޫސް ކަމެވެ. ގިނަ ފަހަރަށް ލޯބިކުރެވެނީ ހަމަހިމޭން ކަމަށެވެ. އެވާހަކަތައް މީހަކަށް ޙިއްސާ ކުރެވޭކަށްވެސް ނެތެވެ.

ފެންވަރައިގެން ނިކުމެފައި ނައިޝީ ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ފުރިހަމަ އިސްކޮޅަށް ބަލައިލިއެވެ. އޭނާއަކީ ފަލަ މީހެއްވެސް ނޫނެވެ. އިސްކޮޅާއި ރޫފަ ހުރީ އެއްވަރަކަށެވެ. ބަރުދަނުގައި ހުންނަނީ އެންމެ ސާޅީސް ހަތް ކިލޯއެވެ. މީހުންގެ ލޮލުގައި އަޅައިގަންނަ ވަރަށް ދޮނެއްވެސް އަދި ކަޅެއްވެސް ނޫނެވެ. ޔަޤީނުންވެސް ހުތުރު މީހުންގެ ލިސްޓުން އޭނާއަށް ޖާގައެއް ނުލިބެއެވެ. ހުށައެޅުންތައްވެސް ލިބެއެވެ. ރަނގަޅު ތަޢުލީމެއް ލިބި ޒިންމާދާރު ވަޒީފާއަކަށްވެސް ދެއެވެ. ވީއިރު އޭނާއަށް ނާހިދްގެ ހިތުން ޖާގައެއް ނުލިބިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހުރީ ކޮން އުނިކަމެއް ހެއްޔެވެ؟ އިސާހިތަކު އޭނާގެ ދެލޯ ފެންކަޅި ވިއެވެ. ދެލޯ ފޮހެމުން ގޮސް އޭނާ އެނދުގައި އިށީނެވެ. އޭނާ ވިސްނާލިއެވެ. އަދިވެސް ނާހިދްގެ ހިތުގައި ވަނީ އަޒްކާގެ ނަން ލިޔެވިފައި ހެއްޔެވެ؟ އެހެންވިއްޔާ އަޒްކާ ކިހާ ނަސީބުގަދަ ހެއްޔެވެ؟ އޭނާގެ ހިތަށް އަރާ ފައިބަމުން ދިޔަ އެތައް ޝަކުވާތަކެއްގެ ސަބަބުން އިސާހިތަކު އޭނާގެ ހިތުގައި އަޒްކާއާއިމެދު ފޫހިކަމެއް އުފެދުނެވެ. ހަސަދައިގެ ހުޅުކޮޅު އޭނާގެ ހިތުގައި ރޯވެ އަނދަމުން ދިޔައެވެ. އޭނާ އަޒްކާއާއި ބައްދަލުކޮށް ރަނގަޅަށް ބަވާލަން ބޭނުންވިއެވެ. އަބަދުގެ އަބަދަށް އަޒްކާ ދުރަށް ފޮނުވާލަން ބޭނުންވިއެވެ.

ގަޑިން ދަންވަރު އެކެއް ޖަހަނީއެވެ. ލެޕްޓޮޕް ހިފައިގެން މަސައްކަތެއްގައި އިނދެފައި ނާހިދް އެނދާއި ދިމާލަށް ބަލައިލިއެވެ. ނައިޝީ އޮތީ ނިދާފައެވެ. ގައި މަތީގައި އަޅާލެވިފައިވާ ކުއިލްޓުގެ ސަބަބުން ފެންނަނީ ހަމައެކަނި އޭނާގެ މޫނު އެކަންޏެވެ. ލެޕްޓޮޕް ލައްޕާލުމަށްފަހު ނާހިދް އެނދުގައި އިށީނެވެ. އޭނާ ނައިޝީގެ މޫނަށް ބަލަން ގެއްލިފައި އިނެވެ. އޭނާ ނައިޝީއާއި ކައިވެނިކުރީ ދުވަސްކޮޅަކުން ރޫޅާލާފައި އޭނާގެ ހަޔާތުން ނައިޝީ ބޭރުކުރާކަށް ނޫނެވެ. ރީތި ދިރިއުޅުމެއް އުޅެން ބޭނުންވެގެންނެވެ. އޭނާ އުންމީދުކުރީ ދުވަހަކަށް ފަހު ދުވަހެއް އެގުޅުމުގައި ލޯބީގެ ކުލަޖެހި ފެވެމުންދާނެ ކަމަށެވެ. ނަމަވެސް ކަންތައްތައް ވެގެންދަނީ އޭނާ އުންމީދުކުރި ގޮތާއި ޚިލާފަށެވެ. އޭނާއަށް ނައިޝީދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެވުނެވެ. އޭނާ މަސައްކަތްކުރިއެވެ. ޗުއްޓީ ނަގައިގެން ނައިޝީއާއެކު އެތައް ވަގުތެއް ހޭދަކުރިއެވެ. އޭނާގެ ހުރިހާ ވަގުތެއް ނައިޝީއަށްޓަކައި ހުސްކުރިއެވެ. ނަމަވެސް ނަތީޖާ ސުމެކެވެ.

ނައިޝީ ފުރޮޅިލާން އުޅޭހެން ހީވުމުން އޭނާ ބާލީސް މަތީގައި ބޯއަޅާލުމަށްފަހު ދެލޯ މަރާލިއެވެ. ނައިޝީ ދެލޯ ހުޅުވާލާފައި ތެދުވެ ސައިޑް ކަބަޑް މަތީގައި ހުރި ފެންފުޅިން ތައްޓަށް ފެން އަޅައިގެން ބުއިމަށްފަހު އެނބުރި ނާހިދަށް ބަލައިލިއެވެ. އޭނާ ހިތް ފުރެންދެން އެމޫނަށް ބަލަން ބޭނުންވިއެވެ. އެމޫނުމަތި ފެނުމާއެކު އޭނަގެ ނިދިވެސް ފިލައިދިޔަ ކަހަލައެވެ. އޭނާ މަޑުމަޑުން ނާހިދްގެ މޫނުގައި ފިރުމައިލިއެވެ. ނިތްކުރިމަތިން އަތް ގެނެސް ތުންފަތާއި ހަމައަށް ގެނައުމަށްފަހު މަޑުޖައްސާލިއެވެ. އޭނާ މަޑުމަޑުން ނާހިދްގެ ތުންފަތުގައި ފިރުމާލިއެވެ. ހޭލާ އޮތް ނާހިދު އުނދަގުގޮތަކަށް މޫނު އަނބުރާލުމާއެކު ނައިޝީ އަތް ނެގިއެވެ. ނާހިދު ހޭލާފާނެ ކަމަށް ހީކޮށް އަނެއް ފަރާތަށް އެނބުރުނެވެ.

ނާހިދް ނައިޝީ އޮތް ދިމާލަށް ބަލައިލީ އޭގެ އިރުކޮޅެއް ފަހުންނެވެ. އޭނާ ތެދުވެގެން ގޮސް ވަނީ ފާހާނާއަށެވެ. ލައްޕާލާފައިވާ ފާހާނާއިގެ ދޮރު ބުޑުގައި އިށީނުމަށްފަހު ދެކަކުލުގައި ބޯ އަޅައިލިއެވެ. ނައިޝީ އޭނާއަށް ބޭނުންވާ މިންވަރު މިރޭ ވަރަށް ރަނގަޅަށް އެނާއަށް ހާމަވެއްޖެއެވެ. މައުސޫމް އަންހެންކުއްޖަކަށް އެހެން ހަދަން ވެދާނެ ހެއްޔެވެ؟ ނަމަވެސް އެކަމުގައި އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ އަޒްކާގެ ލޯބި އޭނާ ހީކުރިހާ ފަސޭހައިން ހިތުން ފިލައިގެން ނުދިޔައެވެ. އެއް އަހަރު ވީއިރު އަދިވެސް އޭނާގެ ހިތްއެދެނީ އަޒްކާއަށެވެ. އަޒްކާ ދުނިޔޭގައި ހުރިކަމެއްވެސް ނުވަތަ ނޫންކަމެއްވެސް އޭނާއަށް ނޭނގެއެވެ. އޭނާއަށް އިނގޭހާވެސް އެއްޗަކީ އެލޯތްބާއި ނުލާ އޭނާ ތަޙައްމަލް ކުރަމުންދަނީ ވޭންދެނިވި ދިރިއުޅުމެއް ކަމެވެ.

********************

އެއް އަހަރު ވީއިރު ބުރުހާނުއްދީން އިނާޝާއަށް އެދޭ މިންވަރު އިތުރުވަމުން ދިޔައެވެ. އޭނާ އެތައް ގޮތަކަށް ވިސްނައިފިއެވެ. އިނާޝާ ވާންޖެހޭނީ އޭނާގެ މީހަކަށެވެ. އޭނާގެ މީހަކަށް އިނާޝާ ނުވެއްޖެނަމަ މޯހަންދާސްގެ މީހަކަށްވެސް އިނާޝާއެއް ނުވާނެއެވެ. އޭނާ މަސައްކަތްކުރާނީ ކަތުރުފަންޏެއް ފަދައިން އެދިރިއުޅުމަށް ވިހަލާށެވެ. އޭނާއަށް ނުލިބުނު ލޯތްބެއް އެހެން އެއްވެސް މީހަކަށް ލިބިގެން ނުވާނެއެވެ. މޯހަންދާސް ޖެހޭނީ އޭނަގެ ކުރިމަތީގައި ކުރު ކަކުލަށް ތިރިވާށެވެ. އޭނާގެ އަތާއި އިނާޝާގެ އަތް ގުޅުވާލައިދޭށެވެ. އިނާޝާއާއި އެކުގައި ވުމަށް އެތައް ހުވަފެންތަކެއް ދެކެމުން އޭނާ ދިޔައެވެ.

ބަދިގެއިން ނިކުތް އިރު ބުރުހާނުއްދީންގެ އަތުގައި އެކްސްއެލް ދަޅެއް އޮތެވެ. އޭނާ ދަޅު ބޮމުން އައިސް އިށީނީ ސިޓިންގްރޫމް ސޯފާގައެވެ. ބޭރުން އައިސް ވަތް މާހިލް ފެނުމުން ބުރުހާނުއްދީން ގޮވައިލިއެވެ.

"ކިހިނެއްވީ ބައްޕާ...! މިދަނީ ފިއްޓެމެންނާއެކު މަސްދަތުރު ދާންވެގެން" މާހިލް ބުނެލިއެވެ. އަހަރެއް ފާއިތުވެގެން ދިޔައިރު މާހިލްގެ ދިރިއުޅުމަށް މާބޮޑު ބަދަލެއް ނާދެއެވެ. އެހެން ނަަމަވެސް އޭނާގެ ސިފައަށް ބަދަލުތަކެއް އައިއްސިއެވެ. ކުރިއާއި ޚިލާފަށް މާހިލްގެ އިސްތަށިގަނޑު ވަނީ ދިގުކޮށްފައެވެ. ލައިގެން ހުންނަނީ މީހާއަށް ވުރެ ބޮޑެތި ޓީޝާޓްތަކެވެ. ކަރުގައި ދަގަނޑު ޗޭނުތައް އަޅުވާފައި ވާއިރު އެއް ކަންފަތްވެސް ވަނީ ތޮރުފާފައެވެ. ކަނާތް ފަރާތު ބުމައިގެ އެއް އަރިމަތީގައި ވެސް ހުރީ ކުޑަ ބޮޅެއް އަޅުވާފައެވެ.

"މާހިލް ތިއުޅެނީ ރަނގަޅަށްތަ...؟ ވަޒީފާއަކަށް ދާން ފަށަނީ ކޮންއިރަކުން...؟" ބުރުހާނުއްދީން އަހައިލިއެވެ.

"ކަމޯން ބައްޕާ... ވަޒީފާ ހަމަޖެހުނީމައެއްނު ދެވޭނީ... އެޕްލައި ކުރިޔަސް އަދި ތަންތަނުން ނުއެއް ގުޅައޭ..." ބުރުހާނުއްދީން އިން ގޮނޑީގެ އަތްގަނޑު މަތީގައި އިށީނދެ ކޮނޑުގައި ދެއަތް އަޅުވައިލަމުން މާހިލް ވާހަކަދެއްކިއެވެ.

"އެހެންވިއްޔާ މީހަކާއި އިންނަން އުޅޭ. އަބަދު ތިގޮތަށް އުޅެންތަ ބޭނުމީ..." ބުރުހާނުއްދީން ބުނެލިއެވެ.

"އަދި ނުލިބޭ އިންނާނެ ކަހަލަ ކުއްޖަކު. އެކަހަލަ ކުއްޖަކު ލިބުނީމަ ހަމަ އިންނަންވީ..." މާހިލް ބުނެލިއެވެ. އޭނާގެ މޫނުމަތީގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަހަލައެވެ.

ބުރުހާނުއްދީން އިނީ މާހިލްގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާއަށް ދޭންވާ ވަރަށް ވުރެ ބޮޑަށް މާހިލްއަށް މިނިވަންކަން ދެވުނުކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. ބޮނޑިއެއް ބުއިމުގެ ކުރިން އެކަމުން މާހިލް ސަލާމަތްކުރަން ބުރުހާނުއްދީން ބޭނުންވިއެވެ.

"މާހިލް ކިޔަވަން ފުރަންވީނުން. ބައްޕަ ހުރިހާ ކަމެއް ހަމަޖައްސަދޭނަން" ބުރުހާނުއްދީން ބުނެލިއެވެ.

"ކިޔަވާށޭ.... ދެނެއް ނުކިޔެވޭނެ ބައްޕާ... އިނގެއެއްނު އަޅުގަނޑު މިހެރީ ކިޔަވާ ކިޔަވާ ވަރުބަލިވެފަކަން. އެހެންނޫނަސް އަޅުގަނޑު ދިޔައިމަ ބައްޕަ ކިހާ އެކަނިވާނެ. މިހާރުވެސް ބައްޕައަށް އިނގެނީއެއްނޫން އެކަނި ހޫނު ފެންކޮޅެއް ކައްކާލަންވެސް" މާހިލް ވާހަކަދެއްކިއެވެ.

"މިގެއަށް މީހަކު މަސައްކަތްކުރަން ނުގެނެވިގެން މިއުޅެނީވެސް މާހިލްގެ ސަބަބުން. އެންމެފަހުން ގެނައި އެ ރާއްޖެތެރޭ މަންޖެއާވެސް މާހިލް ބެހުނީ... އެންމެފަހުން އެމަންޖެ މިގެ ދޫކޮށް ދާވަރުކުރި...." ހިތްހަމަނުޖެހުން އެކުލެވޭ ރާގެއްގައި ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ކުރިން ބުނީމެއްނު ސޮރީއޭ... އެ ކުއްޖާ ހާދަ ރީއްޗޭ ބައްޕާ..." މާހިލްގެ ލަދެއްވެސް ނެތް ކަހަލައެވެ. ވާނީވެސް އެހެންތާއެވެ. ބުރުހާނުއްދީން މާހިލް ތަރުބިއްޔަތުކުރީ ޝަހުވާނީ އެދުންތަކުގެ މަތީގައެވެ. ރަނގަޅު ގޮތްތަކަށް ވުރެ ބޮޑަށް ބުނެދީފައިވަނީ ނުބައި ގޮތްތަކެވެ. ދިރިއުޅެން ދަސްކޮށްދީފައި ވިޔަސް ދިރިއުޅުވޭނެ ރަނގަޅު ގޮތްތައް ކިޔައެއް ނުދެއެވެ.

"މަންމާ...!! ކޮބާތަ މަންމަ...؟ މަންމާ ނަތާ މި ދިޔައީ އިނގޭ..." ސިޑިން ފައިބައިގެން އައި ނަތާޝާ ފައިވާން ހަރުގަނޑު ކައިރީގައި ހުއްޓުމަށްފަހު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ބަދިގޭގައި މަސައްކަތެއްގައި ހުރި ނުޝައިބާ ބޯދިއްކޮށްލާފައި އެންމެ ރަނގަޅުު ކަމުގައި ބުނެލިއެވެ.

ދޮރާށިން ނިކުމެގެން ދިޔަ ނަތާޝާ ފަހަތަށް އެނބުރި ބަލައިލިއެވެ. ރާއިދުގެ ސައިކަލް ފަހަތަށް އޭނާ އަރާ މަންޒަރު ގޭދޮށު މީހަކަށް ފެންނަން ބޭނުންނުވާތީ އޭނާ ރާއިދަށް ގުޅާލާފައި ތަންކޮޅެއް ދުރުގައި ހުރި ވާހަކަ ބުނެލިއެވެ. ކުޑައިރުކޮޅަކަށްފަހު ރާއިދު ސައިކަލް ކައިރިކޮށްލިއެވެ.

"މިރޭ ހާދަ ލޯތްބޭ ބޭބީ..." ސައިކަލު ކައިރީގައި އައިސް ހުއްޓުނު ނަތާޝާގެ ފުރިހަމަ ސޫރައަށް ބަލައިލަމުން ރާއިދު ބުނެލިއެވެ.

"އޯ.... ތެންކިޔު ލަވް... މިއީ ދޮންތަބެ ގިފްޓް ކުރި ޑްރެސްއަކީ... ރީތި ދޯ..." ހެދުމަށް ބަލައިލަމުން ނަތާޝާ ބުނެލިއެވެ.

"ދެން… އެވަރަށް ނުބަލަބަލަ... ހިނގާ އަވަހަށް ދާން... ގެއިން މީހަކު ނިކުމެފާނެ" ރާއިދުގެ ލޯމަތީގައި އަތް އަޅައިލަމުން ނަތާޝާ ބުނެލިއެވެ. ނަތާޝާ އެރުމާއެކު ރާއިދު ކުރިއަށް ސައިކަލް ދުއްވާލިއިރު ދެކުދިންގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.

ފޮޓޯ ޝޫޓް ނިންމާލުމަށްފަހު ރާއިދު ސައިކަލުގައި މިސްރާބު ޖެހީ ސިނަމާލެ ބްރިޖާއި ދިމާލަށެވެ. އޭނާއަށް އެގޮތަށް ނަތާޝާއާއި ބައްދަލުކުރެވެނީ ހަފްތާއަކު އެއް ދުވަހު ކަމަށްވާތީ އެހާ އަވަހަށް ނަތާޝާ ގެއަށްލާން ބޭނުމެއް ނުވިއެވެ. އުމުރުން 22 އަހަރުގައި އޭނާގެ ހިތާއި ކުޅެލެވުނު ހަމައެކަނި އަންހެން ކުއްޖާއަކީ ނަތާޝާއެވެ. އޭނާ ހިތާއި ފުރާނައިން ނަތާޝާ ދެކެ ލޯބިވެއެވެ.

"މަންމަމެން އެބައާދޭ ވަރަށް އަވަހަށް... ނަތާ ވާނެ މަންމަމެންނާއި ބައްދަލުކުރަން" ސައިކަލު ދުއްވާފައި ދިޔަ ރާއިދު ބުނެލިއެވެ.

"އޯކޭ... އެކަމަކު..." ނަތާޝާ ވާހަކަދެއްކިއެވެ.

"އެއްވެސް އެކަމަކު މިކަމަކުއެއް ނޯންނާނެ. ބޭބީ ނައިއްޔާ ތިގެއަށް ދާނީ މަންމަ ގޮވައިގެން. އެހެންޏަ ދޮންބެގެ ވެޑިންގްއަށްވެސް އައީކީ ނޫން ވިއްޔާ... ފަހަރި ވަރަށް ކިޔާ ބޭބީ ގެނެސްދޭށޭ.. މިހާރު ފަހަރި ވިހާ ދުވަސް ކައިރި އެވަނީ..." ރާއިދު ވާހަކަދެއްކިއެވެ.

"އަސްލު އެރޭ ދާން ނުކެރުނީ. ރާދުގެ ދޮންބެއަކީ ކޮންކަހަލަ މީހެއް ކަމެއް ނޭނގޭނެއްނު..." ނަތާޝާ ބުނެލިއެވެ.

""ދޮންބެ ވަރަށް ސްވީޓް ވާނެ. ވަރަށް ލޯބިވާނެ އަހަރެން ދެކެ. ބޭބީއަށް އިނގޭތަ. ފަހަރި ވަރަށް ތަފާތުވާނެ. ހުންނާނީ މޫނު ބުރުގާ އަޅާފަ. ވަރަށް ވަރަށް ރަނގަޅުވާނެ. މިހުރިހާ ދުވަސް ވިއިރު ފަހަރިގެ ދެލޯ ނޫނީ އެހެން އެއްވެސް ތަނެއް އަހަންނަކަށް ނުފެނޭ. އެއް ގެއެއްގަ މިއުޅެނީވެސް" ރާއިދު ވާހަކަދައްކަމުން ދިޔައެވެ. ނަތާޝާ މޫނު ހަދައިލިއެވެ.

"ފަހަރިގެ އެހެން ތަނެއް ރާދުއަށް ފެންނަން ޖެހޭތަ...؟" ކުޑަކުއްޖެއް ފަދައިން ނަތާޝާ ބުނެލިއެވެ. ރާއިދު ކައިރިއަށް ހިނިއައެވެ. އޭނާ ސައިކަލުގެ ލޯގަނޑުން ފަހަތުގައި އިން ނަތާޝާއަށް ބަލައިލިއެވެ. ނަތާޝާއާއި ލާނެއް ސަމާސާއެއް ކޮށްލާހިތްވީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.

"ބަލަން ޖެހޭނެއްނު. ނަތާ ނޫޅުނުވިއްޔާ ތަނެއް ދައްކަން....." ރާއިދު ބުނެލިއެވެ. ނަތާޝާގެ މޫނަށް އަރައިގެން ދިޔަ ކުލަވަރު ރީއްޗަށް ރާއިދުއަށް ފެނުނެވެ. ލޯގަނޑުން ފެންނަން އިން ރާއިދުގެ ލޮލާއި އޭނާގެ ދެލޯ އަމާޒުވުމާއެކު ނަތާޝާއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ.

"ބްލަޝްވީމަ ވަކިން ލޯބި..." ރާއިދު ބުނެލިއެވެ. ފަހަތުގައި އިން ނަތާޝާ ރާއިދުގެ ބުރަކަށީގައި މޫނު ޖައްސާ ބާރު ކޮށްލިއެވެ. އޭނާގެ ތުންފަތަށް ވަނީ ލަދުރަކި ހިނިތުންވުމެއް ވެރިވެފައެވެ. ހައިވޭއަށް ނިކުމެވުމާއެކު ރާއިދުގެ ސައިކަލު ދުވެލި ބާރު ކޮށްލިއެވެ. އިވިގެންދިޔަ ބޫން އަޑާއި ރާއިދުގެ ހުނުމުގެ އަޑު އެކުވެގެން ދިޔައެވެ.

******************

ލޯގަނޑު ކުރިމަތީގައި ހުރެގެން ޝޯލް އަޅަމުންދިޔަ ނައިޝީ އިރުކޮޅަކާއި އެނދުގައި ލެޕްޓޮޕް ހިފައިގެން އިން ނާހިދަށް ބަލައިލައެވެ. އެކަން ނާހިދަށް އިނގުނަސް އޭނާ އިނީ ނައިޝީއަށް ބަލައިލަން ނުކެރިފައެވެ. ކުރީ ރެޔަކު ކަންތައް ވީގޮތުން ނައިޝީގެ މޫނަށް ބަލަން އޭނާ ލަދުގަންނަނީއެވެ. އޭނާއަކީ ފިރިއެއްގެ މަގާމުން ފެއިލްވެފައިވާ މީހެކޭ ހިތަށް އަރަނީއެވެ. ދުވަސްކޮޅަކުން އޭނާދެކެ ނައިޝީ ލޯބި އެވާ މިންވަރަށް ނަފްރަތު ކޮށްފާނޭ ހިތަށް އަރަނީއެވެ. ނަމަވެސް އޭނާއަށް ނޭނގުނީ އޭނާއާއި ނައިޝީއާއި ދޭތެރެން ވަފާތެރިވެވެނީ ކާކަށް ކަމެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދާއިރު ކަންތައްތައް ވާނެ ގޮތެވެ.

"ނާހިދް...!!!" އެންމެފަހަށް ނައިޝީ ގޮވާލިއެވެ. ނާހިދު 'ހޫނ' ލައްވާލީ އެ އިންގޮތަށް އިނދެއެވެ.

"އީވްއާއި ދެމީހުން ފިހާރައަކަށް ދާން މިދަނީ. އެންމެ ރަނގަޅުތަ...؟" ނައިޝީ ބުނެލިއެވެ. ނާހިދު ބޯޖަހާލުމުން ނައިޝީ ހިނގައިގަތެވެ. ދޮރާއި ހަމައަށް ގޮށްސައި ނައިޝީ އެނބުރި ނާހިދަށް ބަލައިލިއެވެ. އޭނާ މަޑުމަޑުން ނާހިދާއި ވީ ދިމާލަށް އަންނަމުން ދިޔައެވެ. އެކަން އިނގުމުން ނާހިދް އިސްއުފުލާ ނައިޝީއަށް ބަލައިލިއެވެ. ނައިޝީގެ މޫނުމަތީގައި ކުރިން ހުންނަ އުޖާލާކަމެއް ނެތެވެ. އޭގެ ބަދަލުގައި އެމޫނުމަތީގައި ވަނީ އުދާސްކަމެވެ. ދެލޮލުގައި ވަނީ ޝަކުވާއެވެ. ތުންފަތްމަތީގައި ވަނީ އާދޭހެވެ.

"ކްކް.....ކީތްކުރަން ތިއުޅެނީ......." ނާހިދާއި ދިމާލަށް ނައިޝީ މަޑުމަޑުން ގުދުވާން ފެށުމުން ނާހިދް ބުނެލިއެވެ.

"ހާދަ ބިރެކޭ ތިގަންނަނީ..... މި ނަގަން މި އައީ...." ނާހިދުގެ ފަހަތުން ތަންކޮޅެއް ދުރުގައި އޮތް އޭނާގެ ރިހި ކުލައިގެ ކަވަރެއް ލައްވާފައިވާ މޯބައިލް ފޯން ނަގަމުން ނައިޝީ ބުނެލިއެވެ. ނާހިދަށް ކިޔާނެ އެއްވެސް ބަހެއް ނޭނގުނުތާ އޭނާއަށް ހީލަންވެސް ނޭނގުނެވެ. އޭނާއަށް އެވަގުތުކޮޅުގައި ދުލުން ބޭރުކުރެވުނު އެއްޗަކުން ޔަޤީނުންވެސް ލަދުގަނެއްޖެއެވެ. ނާހިދް ފަސްދީ ނައިޝީ ހިނގައިގަތްއިރު އޭނާގެ ދެލޮލުގެ ތެރެއިން ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ.

********************

ހުސް ޓިނުން ހަދާފައިވާ ބަދިގެ ތެރޭގައި ބަހައްޓާފައި ހުރި ކުޑަ ލަކުޑި މޭޒަކަށް ހެނދުނުގެ ސައި ހަދާފައި ހުއްޓެވެ. ޙައްވަ އެތަނުގައި އިންނަތާ ފަނަރަ ވަރަކަށް މިނިޓް ވީތަނާ އަޒްކާ އައިސް ވަނެވެ. އޭނާގެ އިސްތަށިގަނޑު ތެތްވެފައި ހުރުމުން އޭނާ ފެންވެރީ ދާދި ދެންމެއަކު ކަން އިނގެއެވެ.

"އަވަހަށް އާދޭ... ކިހާ އިރެއް ޙައްވައްތަ އިންތިޒާރުކުރާތާ..." އަޒްކާ ވަނުމުން ޙައްވަ ބުނެލިއެވެ.

"ބުނީމެއްނު ގޭގައި ކާށި ނެތޭ... ދެން ކިހިނެއް ހުނިރޮށި ފިހުނީ" ކާން ހަދާފައި ހުރި މޭޒު މައްޗަށް ނަޒަރު ހިންގާލަމުން އަޒްކާ އަހައިލިއެވެ.

"އެއީ ޙަމީދުބެ މާވަރަކަށް ހުނިރޮށި ކާހިތުން އުޅުނީމަ ޖެހިގެން ހުރިގޭ އަފީފާ ގެއިން ގެނައި ކާއްޓެއް. މާދަމާއިން ފެށިގެން ޙަމީދުބެ ރުކަށް ދާން ފަށާނެ" ޙައްވަ ވާހަކަދެއްކިއެވެ.

"ކާން ފަށަންވީތަ...؟ ކޮބާމިހާރު ޙަމީދުބެ" އަޒްކާ އަހައިލިއެވެ.

"ކިތަންމެ ކުޅިކޮށް އެއްޗެއް ހަދާފަ ހުއްޓަސް ޙަމީދުބެއަށް އިތުރަށް މިރުސް ނާޅާ ނުކެވޭނެ. ވެއްޖެ ދަނޑަށް ގޮސް. މެންދުރެއް ހާއިރު ދެން އަންނާނީ.. އަހަރެމެން ދެމައިން ހިނގާ ކަމާ..." ޙައްވަ ވާހަކަދެއްކިއެވެ.

ހެނދުނުގެ ސަޔަށް ތައްޔާރުކޮށްފައި ހުރި ހުނިރޮށްޓާއި ކުޅި ރިހާކުރު ކަމުން ދިޔައިރު ޙައްވަ ދިޔައީ ހުއްޓާނުލާ އަޒްކާއާއި ވާހަކަދައްކަމުންނެވެ. އަޒްކާގެ ވިސްނުން ބަދަލު ކުރުމަށް އެތައް މަސައްކަތެއް ކުރަމުންނެވެ.

********************

އާދައިގެމަތިން ހެނދުނުގެ ސަޔަށްފަހު ރަށު އޮފީސް މަސައްކަތަށް ޙައްވަ ދިޔުމުން އަޒްކާ ގޭގައި އެކަނިވެއެވެ. އެވަގުތުތަކުގައި އޭނާ ވަގުތުތައް ހޭދަކުރަނީ ގޯތި ބިއްދަށުގައި އެލުވާފައި ހުންނަ ޖޯލިތަކުގައެވެ. މެންދުރަށް ރަށު ތެރެއަށް ފެތުރެމުންދަ ގަދަ ހޫނުން އަރާމެއް ހޯދުމަށް ރަށުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން އެ ޖޯލިތަކަށް ޖަމާވެއެވެ.

ޙައްވަ ދިޔުމާއެކު އަޒްކާ ހިނގާލާފައި ގޮސް ބޮޑު ކާނިގަސްދަށު އެލުވާފައިވާ ޖޯލީގައި އޮށޯވެލިއެވެ. މާދުރަށް އަވިގަނޑު ފެތުރިފައި ވިޔަސް ޖެހެމުންދާ ގުދުރަތީ ވައިރޯޅިން ހަށިގަނޑަށް އަރާމު ގެނުވަމުން ދިޔައެވެ. ދިމާލަށް ފެންނަން އޮތް ހާމަ މޫދުގެ ލޮނުގަނޑު ތެރޭގައި މަދުން ނަމަވެސް ކުޑަ ކުދިންނައި ބޮޑެތި މީހުން ފެތުމުގައާއި ސަކަރާތުގައި ތިބިތަން ފެނެއެވެ. މާދުރުން ފެންނަން އޮތް ކައިރި ރަށްތަކާއި ދިމާލަށް ދަތުރުކޮށްފައިދާ ދޫނިސޫފާ ސޫފީގެ ނަލަ އަޑުތަކުން ތަނުގެ ހަމަހިމޭންކަން ކަނޑުވާލާފައިވެއެވެ.

އަޒްކާގެ ނަޒަރު ކާނިގަހުގައި އަޅާފައިވާ ކާނި ކޯންޏެއްގައި އެލީގެން އޮތް ކޮވެއްޔަކަށް ހުއްޓިފައި ވިޔަސް އޭނާގެ ވިސްނުން ގުޅިފައިވަނީ އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ނާހިދާއެވެ. އަދިވެސް އޭނާގެ ހިތުގައި ނާހިދުގެ މައްޗަށް އޮތް ލޯތްބަށް ކުޑަވެސް ލޮޅުމެއް ނާރައެވެ. ދުވަހަކުވެސް އޭނާގެ ހިތުން އެ ލޯބި ފަނޑުވުމެއްނެތެވެ. އޭނާއަށް މިހާރު ލިބޭ ހަމައެކަނި އުފަލަކީ ނާހިދްގެ ހަނދާންތަކެވެ. އޭނާ ދުނިޔޭގައި ހުންނަނީ އެ ހަނދާންތަކުގެ ބާރުގައެވެ.

"ނާހިދް އަހަރެންގެ މަތިން ހަނދާން ހުންނާނެބާއެވެ؟ ކައިވެނިކޮށްގެން މިހާރު ދަރިއަކުވެސް ހުންނާނެ ކަންނޭނގެއެވެ. ނޫނެކެވެ. ނާހިދް މިހާރު އަހަރެންގެ މަތިން ހަނދާން ކުރުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟ އޭނާއަށް ޙައްޤު ލޯބި މިހާރު އޭނާއަށް ލިބިއްޖެއެވެ. އަބަދުވެސް ބާކީވާނެ މީހަކީ އަހަރެންނެވެ. އަހަރެންގެ ނަސީބުގައި އެއްވެސް އުފަލެއް ނެތެވެ" އަޒްކާ ހިތް އޭނާއާއި ވާހަކަދައްކަމުން ދިޔައިރު އޭނާގެ ދެލޮލުގެ ކަރުނަ ވަޅަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.

ދެފަރާތަށް ބޯ ހޫރާލަމުން ތެދުވެ ޖޯލީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ދެއަތުން ދެލޯ ކައިރި ފޮހެލަމުން އޭނާ ދިމާ ކުރިމައްޗަށް ނަޒަރު ސީދާކޮށްލިއެވެ. ކުރިމަތިން އަންނަމުން ދިޔަ ޒުވާނާ ފެނި އޭނާގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެއީ ހަމަ އެހިނގުމެވެ. އޭނާގެ ހިތް މޮޔަކޮށްލި ސޫރައެވެ. އެ ޒުވާނާ ކައިރިވަމުން ދިޔަ ވަރަކަށް އޭނާ މަސައްކަތްކުރީ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލާށެވެ. ނަމަވެސް އޭނާގެ ޒަމީރު އެއްބަހެއް ނުވިއެވެ.

"ނާހިދް...." އޭނާގެ ދެ ތުންފަތް ދޭތެރެއިން ވައި އަޑުން ނިކުމެގެން ދިޔައެވެ. އެ އަޑު އޭނާގެ ކުރިމަތީގައި އައިސް ހުއްޓުނު ޒުވާނާއަށް ރަނގަޅަށް އިވުނެވެ.

(ނުނިމޭ)