ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލެވޭ އުމުރު 40 އަހަރަށް މަތިކުރުމަށް، ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާތީ، ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅު ކޮށް ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.
ސަރުކާރުގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވި މި ބިލް މިމަހުގެ ތިންވަނަ ދުވަހު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މިހާރު ވަނީ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
ގާނޫނުގައި ޖޭއެސްސީގެ މެންބަރުންގެ ޝަރުތުތަކުގެ ތެރޭގައި މިހާރު ކަނޑައަޅާފައި އޮންނަނީ މެންބަރެއްގެ އުމުރު ދަށް ވެގެން 25 އަހަރު ވާން ޖެހޭނެ ކަމަށެވެ.
ނަމަވެސް އާ ބިލުގައި ހިމަނާފައިވަނީ، އެ އުމުރު 40އަށް ބަދަލު ކުރުމަށެވެ.
އެކަންބޮޑުވުންތައް ފާހަގަކޮށް، ފަނޑިޔާރުންގެ ޖަމިއްޔާއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މެންބަރުކަމަށް ކުރިމަތި ލުމުގެ ޝަރުތު ތަކުުގެ ތެރެއަށް އުމުރުން 40 އަހަރުވެފައިވުން ހިމެނުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެކި މަގާމުތަކަށް މީހުން އައްޔަން ކުރަން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވަކި އުމުރެއް ކަނޑައަޅާފައިވާ މަގާމުތަކުގެ ތެރޭގައި ވެސް 35 އަހަރުން ދަށުގެ އުމުރު ހިމެނޭ ކަމަށެވެ.
ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވައިލުމުގެ އިތުރުން ކޯޓުތަކުގެ ރަޖިސްޓްރާގެ މަގާމަށް ގެންނަން އެ އިސްލާހުގައި ބުނެފައިވާ ބައެއް ކަންތައްތައްވެސް އެ ޖަމިއްޔާއިން ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެނެސްފައެވެ.
ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގައި ވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ ޖޭއެސްސީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި ހަމަޖައްސަން ހުށަހަޅައިފައެވެ.
ޑީޖޭއޭ މިހާރުން ހިންގަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.
އިސްލާހުގައި ބުނެފައިވަނީ ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކުރުމަށްފަހު، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އަކީ ވެސް ޖޭއެސްސީން އައްޔަންކުރާ މަގާމަކަށް ބަދަލުވެގެންދާނެކަމަށެވެ.
މި އިސްލާހުގައި އިތުރަށް ބުނެފައިވަނީ، ޖޭއެސްސީ އަށް ކަނޑައަޅާ މެންބަރަކީ ގާނޫނީ ވަކީލެއް ކަމުގައިވާ ނަމަ އެ މީހަކު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވިހާ ދުވަހަކު ރާއްޖޭގެ ކޯޓްތަކުގައި ވަކާލަތު ކޮށްގެން ނުވާނެކަމަށެވެ.
ބިލުގައި ބުނެފައިވަނީ ޖޭއެސްސީގެ ރައީސް ނުވަތަ ނައިބު ރައީސް އެ މަގާމުން ވަކިކުރެވޭނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން މަދުވެގެން ހަތަރު މެންބަރުން ކޮމިޝަންގެ ޖަލްސާއަކަށް ހުށައަޅައި އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.