"ބޭބީ... މަންމަގެ ހުންނަނީ ދަރިފުޅު އެކަނިތޯ ބައެއް މީހުން މަންމައާ ސުވާލު ކުރޭ... އެ ސުވާލަށް ޖަވާނުދޭން މިއަދު މަންމަ ބޭނުން... މަންމަގެ ހުރިހާ ވަގުތެއް ކިޔާން އަށް ދިނީ ކިޔާން ޚާއްސަ ވީމަ. ކިޔާން އަށް އިތުރު އަޅައިލުން ބޭނުންވާތީ. ކިޔާން އަށް އިތުރު ސަމާލުކަން ބޭނުންވާތީ. ކިޔާން އަށް އިތުރު އެހީތެރިކަން ބޭނުންވާތީ... މަންމަގެ ހުރިހާ ވެސް އެދުމަކަށް ވީ ދަރިފުޅުކީ "ނޯމަލް" ކުއްޖަކަށް ވުން... ދަރިފުޅަށް އިތުރު ސަމާލުކަން ދިނީ މަންމަގެ ހުރި ހަމައެކަނި ކުއްޖަކީ ތިއީ ކަމަށް ވީތީއެއް ނޫން... އެ ސަމާލުކަން ދިނީ ދަރިފުޅުގެ ވާހަކަދެއްކުމުގެ ގާބިލުކަމާއި އެހެން ހުނަރުތައް އިތުރުކުރަން ... މި ދަތުރުގައި ދަރިފުޅު ގެންދިޔައީ ދަރުފުޅު އުފާކުރަން... އެކަމަކު ދަރުފުޅު މަންމައާއި ވަކިވެގެން ދާން ނެގީ މަދު މިނެޓުކޮޅެއް..." މިއީ އިއްޔެ މާފުށީގައި ގެނބިގެން މަރުވި އުމުރުން އެންމެ ހަތަރު އަހަރުގެ ކިޔާން އަބްދުﷲ ޚާލިދުގެ މަންމަ، ފަރުޒާނާ ސައީދުގެ، ދަރިފުޅު ކިޔާން އާއެކު އެންމެ ފަހުން ނަގާފައިވާ ފޮޓޯ ހިއްސާކުރަމުން ބަންޑުންކޮށްލާފައިވާ މަންމައެއްގެ ތަދުން ފުރިގެންވާ އިހުސާސްތަކެވެ.
ކިޔާންގެ މަރާއި ގުޅިގެން މީސް މީޑިއާގައި މީހުން ފަތުރަމުން ގެންދިޔަ ވާހަކަތަކުން އެއާއިލާއަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ އިރު، ބައެއް ފަރާތްތަކުން އާއިލާގެ ތަދު މައްޗަށް އިތުރު ތަދު ދެމުން ދަނީ ކަން ހިނގައިދިޔަ ގޮތުގެ ހަގީގަތް އެއްވެސް ވަރަކަށް ނޭނގި ތިބެ އެވެ. ކުޑަކުއްޖަކު މަރުވާ ކޮންމެ ފަހަރަކު އެ ކަމުގައި މަންމަގެ އިހުމާލެއް ނުވަތަ ދެން ތިބި ބޮޑެތި މީހުންގެ އިހުމާލެއް އޮތޭ ކިޔައި ކޮމެންޓުތައް ކުރަމުން ދިޔުމަކީ އެންމެ ރަނގަޅު ގޮތްތޯ އެއީ ވިސްނައިލަން ޖެހޭ ސީރިއަސް ކަމެކެވެ.
އެ އާއިލާގެ މީހަކު "ވަން އޮންލައިން"އަށް ކިޔައިދިން ގޮތުގައި، ކިޔާން އަކީ އޯޓިޒަމް މައްސަލަ ހުންނަ ކުއްޖެކެވެ. ވާހަކަދެއްކުމުގަ އާއި ބުނާ އެއްޗެއް ދޭހަވުމުގައި ވެސް މައްސަލަ ހުރެ އެވެ. ދެ ލަފުޒު ހިމެނޭ ޖުމުލަތަކަށް ވުރެ ދިގު ޖުމުލަ ކިޔާން އަކަށް ނުކިޔެ އެވެ. ކިޔާންއަކީ އޯޓިޒަމް މައްސަލަ ހުންނަ ކުއްޖެއްކަމުން މުޅި އާއިލާގެ އެންމެން ވެސް ކިޔާން އަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ލޯތްބާއި އަޅައިލުން ދެއެވެ.
ކިޔާންގެ މަންމަ، ފަރުޒާނާ ސައީދު (ފަރޫ) ގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ބަލައިލުން އެއްކަމެއް އަބަދުވެސް ފާހަގަވެ އެވެ. އެއީ ފޮޓޯތައް ލާފައި ހުންނަ އިރު، ކިޔާން އާ މުޚާތަބު ކޮށް "ޔޫ އާ ސްޕެޝިއަލް" މިގޮތަށް ބޭނުންކޮށްފައި ހުންނަ ކަމެވެ. އެ ލަފުޒު އެހެން ބޭނުންކުރަމުން އައި ސަބަބާއި ކިޔާން ޚާއްސަވާ ގޮތާއި އަދި 5 ކުދީންގެ ތެރެއިން ކިޔާން އަށް އިތުރު އަޅައިލުމާއި ލޯބި އަދި ސަމާލުކަން ދެމުން އައީ ކީއްވެގެންކަމާއި އެކަމުގެ ސިއްރުތައް އެ މަންމަގެ ދުލުން އަސަރާ އެކު މިއަދު ބަންޑުންކޮށްލަން ޖެހުނީ ސަބަބުތަކެއް އޮތީމަ އެވެ.
ފަރޫ އަކީ ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލްކޮށް އެތައް އަހަރެއް ވާންދެން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ޒިންމާދާރު މަންމައެކެވެ. އާއިލާއިން ކިޔައިދިން ގޮތުގައި، ކިޔާން އަށް ޚާއްސަ ސަމާލު ކަމަކާއި އިތުރު ވަގުތު ފަރޫ ދެނީ، އެއީ އޯޓިޒަމް ކުއްޖަކަށް ވާތީ ކަމަށެވެ. އެ ކުއްޖާ ރަނގަޅު ވޭތޯ ތަފާތު ޑޮކްޓަރުންނަށް ދައްކައި، ޑޮކްޓަރުންގެ ވެސް ލަފާގެ މަތީންނެވެ. އަދި މި ފަހަކަށް އައިސް ވަރަށް މަޑު މަޑުން ނަމަވެސް ކިޔާން "އިމްޕްރޫވް" ވަމުން އައިސްފައި ވާތީ ފަރޫ ހުރީ އެކަމާ ވަރަށް ހިތްހަމަޖެހިފައި ކަމަށް ވެސް އާއިލާގެ މެންބަރު ބުންޏެވެ.
"ފަރޫ އެއީ ނަމޫނާ މަންމައެއް. އޮފީހުގައި ހުންްނަ އިރު ވެސް އިރުއިރުކޮޅުން ކިޔާން އަދި އެހެން ކުދީންގެ ހާލު ބަލައި ހަދާނެ. ކުޑަކުއްޖަކު މަރުވާ ކޮންމެ ފަހަރަކު އެ ކުއްޖާގެ މައިންބަފައިންނަށް އެއްޗެހި ގޮވުމަކީ ހިތާމަހުރި ކަމެއް." ފަރޫގެ ގާތް އެކުވެރިޔަކު ބުންޏެވެ.
އާއިލާއިން ވާހަކަދެއްކި މީހާ ބުނީ، ފަރޫ އޭނާގެ ފަސް ކުދީންނާ އެކު މާފުށްޓަށް ދިޔައީ ވެސް ކުދީންނަށް އުފާވެރި ވަގުތުކޮޅެއް ހޯދައިދިނުމަށް ކަމަށެވެ. ފަރޫއާ އެކު އޭނާގެ ފިރިހެން ކޮއްކޮ މުހައްމަދު ސައީދު އާއި ފަހަރި ވެސް ދިޔަ އެވެ. އެ އެންމެން ވެސް ތިބީ އެރަށު އިރުމަތީ ފަރާތު ބީޗާ ޖެހިގެން ހުންނަ ގެސްޓު ހައުސްއެއްގެ އެއްވަން ބުރީގަ އެވެ. އެމީހުން މާފުށްޓަށް ދިޔައީ ބުރާސްފަތިދުވަހުގެ ރޭ 11:00 ގެ ލޯންޗުންނެވެ.
"ހުކުރު ދުވަހު މެންދުރު ފަހު ވެސް ފަރޫ އަދި ކޮއްކޮގެ އާއިލާ އެކީގައި މާފުށީ ޕަބްލިކް ބީޗް ސަރަހައްދަށް މޫދަށް އެރި އުޅުނު. ކިޔާން އަކީ ވަރަށް މޫދަށް އެރޭ ހިތްވާ ކުއްޖެއް. އަބަދުވެސް ކިޔާނީ މޫދަށް ގެންދަން. ދުވާލު ވިޔަސް ރޭގަނޑު ވިޔަސް އެހެން ކިޔާނެ. ބޭރަށް ނުކުމެ އުޅޭ އިރު ވެސް މޫދު ހަމަ ފެންނަ އިރަށް މޫދަށް އެރެން ބޭނުން ވާނެ." އާއިލާގެ މެންބަރު ކިޔައިދިނެވެ.
އޭނާ ބުނީ ކަމެއް ދިމާވުމުން ކިޔާން އެޔަށް "ރިއެކްޓް" ކުރުން ވަރަށް ކުޑަ ކަމަށާއި މޫދަށް އެރި އުޅޭ އިރު ވެސް އެފަދަ ކަންކަން ވަރަށް ފާހަގަވާ ކަމަށެވެ. އެ ގޮތުން ޓެސްޓުކުރުމުގެ ގޮތުން ކައިރީގައި ބޮޑެތި މީހުން ތިބެގެން ދޫކޮށްލުމުން، ލޮނު ބޮވުނަސް، ކިޔާން އެއްވެސް ހަރަކާތެއް ނުކޮށް އެ އޮންނަ ގޮތަކަށް އޮންނަ ކަމަށާއި އިތުރު ހަރަކާތެއް ވެސް ނުކުރާ ކަމަށެވެ. އެފަދަ ވަރަށް ގިނަ ސަބަބަބުތަކަށް ޓަކައި ކިޔާން ވެފައި ވަނީ މުޅި އާއިލާއިން ވެސް ޚާއްސަ ސެއުރިޓީއެއް ދީގެން ބަލަހައްޓާ ކުއްޖަކަށް ކަމަށް އޭނާ ބުންޏެވެ.
"މޫދަށް ގޮސް އުޅޭ އިރު ބައެއް ފަހަރު ކުޑަކޮށް ދޫކޮށްލާނެ ހަދާ އެއްޗެއް ބަލަން ވެސް، އެކަމަކު ލޮނު ބޮވޭ ވަރުވާ އިރުވެސް ކިޔާން އެއްވެސް ހަރަކާތެއް ނުކުރާނެ. ދޫކޮށްލީމަ އެ އޮންނަ ގޮތަކަށް އޮންނާނީ. ދެން އޮޔާ ނޫނީ ރާޅާ ވާ ގޮތެއް ވާނީ. ލޮނު ބޮވޭތީ ނޫނީ އަޑިޔަށް ހިނގައިދާނެތީ ސަލާމަތްވާން އެއްވެސް ހަރަކާތެއް ނުކުރާނެ. އެއީ އަބަދުވެސް ވަރަށް ފާހަގަވާ ކަމެއް. ދޫކޮށްލީ ގޮތަކަށް އޮންނާނީ ހަމަ އެއްވެސް ހަރަކާތެއް ވެސް ނުކުރާނެ. އަދި އަމުދުން އަޑީގައި ފައި ޖައްސާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނުވާނެ." އާއިލާގެ މެންބަރު ކިޔައިދިނެވެ.
ކިޔާން މަރުވި ދުވަހު ކަންތައް ހިނގައިދިޔަ ގޮތް "ވަން އޮންލައިން"އަށް ކިޔައިދިނީ އެ ދުވަހު މާފުށީގައި ހުރި އެ އާއިލާގެ މެންބަރެކެވެ. އޭނާ ބުނީ އިއްޔެ ހެނދުނު ސައިބޮއެގެން ފަރޫ ކުދީންނާ އެކު ބޭރަށް ނުކުތް އިރު 11 ޖަހައި ބޮޑު ވެދާނެ ކަމަށާއި އެކެއް ޖަހާ އެހާ އިރު އެނބުރި ކޮޓަރިޔަށް އައި ކަމަށެވެ.
އިއްޔެ މެންދުރު، ކިޔާން އުނދޯއްޔެއްގައި ބައިންދައިގެން ނަގާފައިވާ ފޮޓޯއެއް ފަރޫ އިންސްޓަގްރާމްގައި ހިއްސާކުރި އެވެ. މިއަދު ހެނދުނު ފޭސްބުކުގައި އެ ފޮޓޯ ހިއްސާކުރަމުން ފަރޫ ބުނެފައި ވަނީ އެއީ ދަރިފުޅާ އެކު އޭނާ އަށް ނެގުނު އެންމެ ފަހު ފޮޓޯ ކަމަށާއި އެ ފޮޓޯ ނެގީ ގާތްގަނޑަކަށް 12:49ގައި ކަމަށެވެ. ކިޔާން މަރުވެފައި އޮއްވައި ފެނުނު ވަގުތަށް ބަލާ އިރު އެއީ، ދެގަޑިއެއްހާއިރު ކުރި އެވެ.
އެ ގަޑީގައި ހޫނު ގަދަކަމުން، ކުދީން ގޮވައިގެން ފަރޫ އެނބުރި ގެސްޓްހައުސްއަށް ގޮސް ކޮޓަރިއަށް ވަނީ މެންދުރު 13:00ހާއިރު އެވެ. ދޮރު ތަޅު ނުލައި ބަހައްޓައިފި ނަމަ އަމިއްލައަށް ކިޔާން ދޮރު ވެސް ހުޅުވާތީ، ކޮޓަރީގައި ތިބޭ އިރު ވެސް ކޮޓަރީގެ ދޮރު އަބަދުވެސް ބަހައްޓަނީ ތަޅުލައިފަ އެވެ.
"ކޮޓަރިއަށް ވަންއިރު ފަރޫ އުޅުނީ ވަރަށް ގަދަޔަށް ބޯއަނބުރައި ބޮލުގައި ރިއްސާތީ. ކޮޓަރި ތަޅުލައިގެން ފަރޫމެން ތިއްބާ، ޖެހިގެން ހުރި ކޮޓަރީގައި ހުރި ފަރޫގެ ދޮށީ ފިރިހެން ކުއްޖާ ފަރޫގެ ކޮޓަރިޔަށް ދިޔައީ ފޯނު ނަގަންވެގެން، ހޮޓްސްޕޮޓް ބޭނުންވެގެން. ދެން އެ ކުއްޖާ ކައިރީވެސް ފަރޫ ބުނިކަމަށްވޭ ދަރިފުޅު ކޮޓަރީން ނިކުންނަ ނަމަ ތަޅުލާފަ ދައްޗޭ، އެއީ ކޮއްކޮ ހޭލާ ހުރީމައޭ. ދެ އެދެމެދުގައި ކަންތައް ވީގޮތް ސާފެއް ނޫން. ކިޔާން ނިކުތީ ކިހިނެއް ދޮރު ހުޅުވައިގެން ކަމެއް ނޭނގެ.." ހާދިސާ ހިނގި ގޮތް ކިޔައިދެމުން އާއިލާގެ މެންބަރު ބުންޏެވެ.
އޭނާ ބުނީ، އޭގެ 15 ވަރަކަށް މިނެޓު ފަހުން، ޖެހިގެން ހުރި ކޮޓަރީގައި އުޅޭ ފަރޫގެ ފަހަރި ކޮޓަރީން ނުކުތް ވަގުތު ފަރޫ އުޅޭ ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވިފައި ހުރިތަން ފެނުމުން، ވަރަށް ބާރަށް ކިޔާ އޭ ކިޔާފަ ގޮވައިލި ކަމަށާއި އެކަހަލަ އެއްވެސް ކަމެއް ފާހަގަވެއްޖެ ނަމަ އާއިލާގެ އެންމެންވެސް އެންމެ ފުރަތަމަ ބަލާނީ ކިޔާން ކޮބައިތޯ ކަމަށް އޭނާ ބުންޏެވެ.
"ހަމަ އެވަގުތު ފަރޫވެސް ހޭލައިފި. ފަރޫގެ ދޮށީ ފިރިހެން ދަރިފުޅު ވެސް ތިރިޔަށް ދުއްވައިގެންފި. ފަހަރި ވަގުތުން ގޮސް ގޮވީ ނިދިފައި އޮތް ފަރޫގެ ކޮއްކޮ އަށް. އެމީހުން ތިބޭ ކޮޓަރީގެ ބެލްކަނީން ގެސްޓްހައުސްގެ ކުރިމަތީން މޫދު ފެންނާނެ. އޭނަ ބެލި އިރު، ކިޔާން މޫދުތެރޭ ފެންނާން އޮތް. އެހެންވެ އޭނަ ދުވެފަ ދިޔަ ގޮތަށް ގޮސް ކިޔާން ނެގީ. އެއީ ފަރޫގެ އެއްބަނޑުއެއްބަވާ ފިރިހެން ކޮއްކޮ. ފަރޫއަށް ލޯ މެރުނު ވަގުތާ ކިޔާން މޫދަށް ގޮސް އެރި އެ ހާދިސާ ހިނގުމާ ދެމެދު ވާނީ ގިނަވެގެން ފަނަރަ ނުވަތަ ވިއްސަކަށް މިނެޓު." ވަން އަށް ކިޔައިދިން އާއިލާގެ މެންބަރު ބުންޏެވެ.
އޭނާ ބުނީ ކިޔާން ނެގި އިރު، އޮތީ ދެފެން ދޭތެރޭގައި ކަމަށާއި ސަލާމަތްވާން އެއްވެސް މަސައްކަތެއް ކުރި ނަމަ ކިޔާން އަމިއްލައަށް ވެސް އެތަނުގައި ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
"މޫދު ތެރެއިން ކިޔާން ނެގި ތަނުގައި ވަށައިގެން އޮންނާނީ ގާ. އެ ގަޑީގައި އޮތީ ފުދޭވަރަކަށް ދިޔަވަރުވެސް ހިކިކޮށް. ފަރޫގެ ކޮއްކޮގެ ކަކުލާ ހަމަޔަަށް ވެސް މޫދުގައި ދިޔައެއް ނެތް. ކިޔާންގެ އުނަގަނޑުފެން ވެސް ހީއެއް ނުވޭ ހުންނާނެހެނެއް. އެހާވެސް ދިޔަވަރު ހިކި. އެކަމަކު ބެލެވޭ ގޮތުގައި ސަލާމަތްވާ ކިޔާން އެއްވެސް އެޓެމްޕްޓެއް ކޮށްފަ ނެތީ. މޫދަށް ގޮސް ވެއްޓުނީމަ އެ އޮތް ގޮތަށް ހަރަކާތެއް ވެސް ނުކޮށް އޮތީހެން ހީވަނީ. އެތަނުގައި އަމިއްލައަށް ސަލާމަތްވާން މަސައްކަތެއް ކުރި ނަމަ ނުވަތަ ތެޅި ހެދި ނަމަ ގާތަކުގައި ކޭތި ކޮންމެވެސް ވަރަކަށް އަނިޔާވެސް ވީސް. އެފަދަ އެއްވެސް ކަމެއްވެސް ކިޔާންގެ ހަށިގަނޑުގައެއް ނެތް." އާއިލާގެ މެންބަރު ބުންޏެވެ.
ކިޔާން މޫދުން ނެގި ފަރޫގެ ކޮއްކޮ އަކީ ކުރީން ފުލުހުންގެ ތެރޭގައި ވެސް އުޅެފައިވާ މީހެއް ކަމުން، ކިޔާން ނެގުމަށް ފަހު އެންމެ ފުރަތަމަ ދޭން ޖެހޭ ފަރުވާ ވެސް ދެމުން ދިޔަ ކަމަށާއި ހަމަ އެމިނެޓުގައި އެތަނަށް ހުއްޓި ވޭނަކަށް އަރުވައިގެން ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި މޫދުން ނެގުމާއި ސިއްހީ މަރުކަޒަށް ގެންދިއުމާ ދެމެދު ފަސް މިނެޓު ވެސް ނުވާނެ ކަމަށް އާއިލާގެ މެންބަރު ބުންޏެވެ.
ހޮނިހިރު ދުވަހު މެންދުރު މި ހާދިސާ ހިނގި އިރު، ހުކުރު ދުވަހުގެ ރޭ ވެސް ކިޔާން މަގު ހުރަސްކޮށް މޫދަށް ދާން މަސައްކަތްކޮށްފައިވެ އެވެ. އެރޭ އެކަން ހިނގީ އެންމެން ވެސް ބަލަންތިއްބަ އެވެ. ހުރިހާ ކުދީން އެކުގައި ކުޅެން އުޅެފައި ކިޔާން ދުވެފައި ތިރިޔަށް ފޭބި ވަގުތު، ފަރޫގެ ފަހަރި ހުރީ ލޮބީގައި ހުރި މޭޒުކައިރީ އިށީނދެގެންނެވެ. އޭނާ ހުރީ ކިޔާން ހަދާ ގޮތެއް ބަލާށެވެ. ކިޔާން މިސްރާބު ޖެހީ ގެސްޓްހައުސް އިން ނުކުމެގެން އަތިރި މައްޗަށް އޮންނަ ފުޅާ މަގު ހުރަސްކޮށް ސީދާ މޫދަށެވެ. ބީޗު މަގު އޮންނާނީ ގެސްޓު ހައުސްގެ އިރުމަތީގައި 50 ވަރަކަށް ފޫޓުގެ ހުސް ދޮންވެލިގަނޑެއް ވެސް އޮތުމަށް ފަހު އެވެ. އެހެންކަމުން ވަކި ހިސާބަކަށް ދިޔުމުން ހިފެހެއްޓީ އެވެ.
"ރަނގަޅަށް ވާހަކައެއް ނުދެއްކޭނެ. ދެލަފުޒުގެ ބަސް ކިޔާނެ. މޫދު ފެންނަ އިރަަށް އަދި ގެސްޓް ހައުސްގައި އުޅޭ އިރުވެސް ކިޔާނީ "މަންމީ ބީޗް، މަންމީ ބީޗް. މޫދު ފެންނާން އޮވެއްޖެ ނަމަ ކަޅި ޖަހައިވެސް ނުލައި އިންނާނީ މޫދަށް ބަލަން." އާއިލާގެ މެންބަރު ކިޔައިދިނެވެ.
އެއީ ރަނގަޅު ވާހަކަ އެކެވެ. މާފުށީ ދަތުރުގައި، ކިޔާންއާ އެކު ނަގާފައި ހުރި ހުރިހާ ފޮޓޮއަކުން ވެސް އެކަން ފާހަގަވެ އެވެ. އުނދޯލީގައި ހުރި އިރު ވެސް ބަލަހައްޓައިގެން އިންނަނީ ސީދާ ކުރިމަތީގައި އޮތް މޫދަށެވެ. އެ މޫދާ ހާއްސަ ގުޅުމެއް އޮންނަ ކަހަލަ އެވެ.
މޫދުން ކިޔާން ނެގި ފަރޫގެ ކޮއްކޮ (ކިޔާންގެ ދޮންބެ ވެސް މިއަދު ވަނީ އަސަރު ގަދަ ޕޯސްޓެއް ފޭސްބުކްގައި ޝެއާކޮށްފަ އެވެ.
"ހާދިޔާގެ ކުރީ ރޭ ކޮއްކޮ ހަމަ އެ ސްޕޮޓަށް ދާން އުޅުނީމަ ދޮންބެ ދިޔަ ނުދިނީ. ދޮންބެގެ އަތުގައި ހިފައިގެން ހުރެ "ގުޑް ބައި" އޭ ބުނީ، އެންމެ ފަހަރަކު ނޫން ތިން ފަހަރު. އެކަމަކު އެއީ އެންމެ ފަހުގެ ގުޑްބައި ކަން ކުރީން އެނގުނު ނަމައޭ ދޮންބެގެ ހިތަށް އަރާ... ކޮއްކޮ ނެތްކަން އަދިވެސް ގަބޫލެއް ނުކުރެވޭ... " މުހައްމަދު ސައީދު މިއަދު ކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.
މީގެ އިރުކޮޅެއް ކުރީން ފަރޫގެ ފަހަރި، އާނާ ވެސް ވަނީ އަސަރު ގަދަ ޕޯސްޓެއް ކޮށްފަ އެވެ.
"ފަރޫ، އަހަރެމެންނަށް ވުރެ ބޮޑަށް އެއްވެސް ބަޔަކަށް ކޮއްކޮއެއް ނޭނގޭނެ. ކިޔާން ދެކެ ލޯބިވާ ވަރާއި އަޅައިލާ ވަރާއި ކިޔާންއަށް ކޮއްކޮ ހިމާޔަތްދޭ މިންވަރު އަހަރެމެންނަށް އެނގޭ. މީހުން ކޮންމެ އެއްޗެއް ކިޔަސް ފަރުވާލެއް ނެތް. ކޮންމެ ތާކަށް ދިޔަސް ކޮއްކޮ އަބަދުވެސް ކިޔާން ގެންގުޅެނީ ހަށިގަނޑުގެ ބައެއްހެން. ކިތަންމެ ވަރުބަލިވެފަ ހުއްޓަށް ކިޔާން އުރައިގެން ގެންގުޅެނީ. މި ދަތުރުގެ އެތައް ބައިވަރު ފޮޓޯއެއް އަހަރެންގެ ފޯނުގައި އެބަހުރި. އެކަމަކު ކިޔާން އާއި ކޮއްކޮ ވަކީން ހުރި އެންމެ ފޮޓޮއެއްވެސް ނެތް. މި ހާލަތުގައި ކޮއްކޮއަށް ވާނެ އުނދަގޫ ބަޔާންކުރާކަށް ނޭނގެ." އާނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ކިޔާންގެ މަންމަ، ފަރޫ ފޭސްބުކް ޕޯސްޓުގައި ބަންޑުންކޮށްލާފައިވާ އިހުސާސް ތަކަކީ މަންމައެއްގެ ވޭނެވެ. އޭނާ އަށް ދެވެން އޮތް ހުރިހާ ސަމާލު ކަމަކާއި އަޅައިލުމެއް ކިޔާން އަށް އައީ ދެމުންނެވެ. އެ ދަރިފުޅުގެ މުސްތަގުބަލު އުޖާލާކޮށް މުޖުތަމަށް ކުރިމަތިލެވޭ ފަދަ ގާބިލު ކުއްޖަކަށް ހެދުމަށް ޓަކައި ހުރިހާ ވަގުތެއް އެ ކުއްޖާއަށް ޓަކައި ހުސްކުރި އެވެ. ފަސް ކުދީން ތިބި ނަމަވެސް، އެ ސަމާލު ކަމާއި އަޅައިލުން ކިޔާންއަށް ދޭ މިންވަރު އިތުރުވާ ސަބަބަކީ އެއީ އިތުރު އެހީ ދޭން ޖެހޭ ކުއްޖަކަށް ވީތީ އެވެ. އޯޓިޒަމް ކުއްޖަކަށް ވީތީ އެވެ. ކުރީން އެ ސުވާލަށް ޖަވާބު ނުދިން ނަމަވެސް މިއަދު އޭނާ އެވަނީ އެ ސުވާލަށް ޖަވާބު ދީފަ އެވެ. ސަބަބު ކިޔައިދީފަ އެވެ.
ވަން މީޑިއާ އިން އެދެނީ ކިޔާން އަށް ހެޔޮ ރަހުމަތް ލެއްވުމެވެ. ފަރޫ އަދި އެ އާއިލައަށް ކެތްތެރިކަން މިންވަރުކުރެއްވުމެވެ. އަޅުގަނޑުމެން މުޖުތަމައުގެ އަފުރާދުން ދަސްކުރާން ޖެހޭ އެއް ކަމަކީ ފުރާނައެއް މިދުނިޔެއާ އަލްވަދާއު ކިޔާ ކޮންމެ ފަހަރަކީ، އޭގެ އިލްޒާމު ދިރިތިބީންގެ ބޮލުގައި އެޅުވުން ރަނގަޅު ކަމެއް ނޫން ކަމެވެ.