މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 18

އަބްދުﷲ ފާރޫގް ހަސަން

ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް

އިޤްތިޞާދީގޮތުން ބަލާއިރު މަލިކުގެ އިޤްތިޞާދަކީ މާފުޅާ ދާއިރާއަކަށް ފެތުރިފައިވާ އިޤްތިޞާދެކޭ ދެންނެވޭކަށެއް ނެތެވެ. މަލިކު މީހުންނަށް އާމްދަނީލިބޭ އެންމެ މުހިންމު ވަސީލަތްތަކަކީ މަސްވެރިކަމާއި ބޯޓުދަތުރުކުރުމާއި ކުފުރާ އުފެއްދުމެވެ. މީގެ އިތުރަށް ސްމޯލްސްކޭލް އިންޑަސްޓްރީޒާއި، ދަނޑުވެރިކަމާއި، ގެރިބަކަރިއާއި ކުކުޅު ގެންގުޅުން އޮވެއެވެ.

ރަށުގެ ވިޔަފާރީގެ ދާއިރާއަކީވެސް މާފުޅާ ދާއިރާއެއް ނޫނެވެ. ރަށުގައި ކޯޕަރޭޓިވް ސޮސައިޓީއެއް އޮވެއެވެ. އެތަނުން ރަށުގައި އުފައްދާ ހިކިމަހާއި ކުފުރާފަދަ ތަކެތި ގަނެއެވެ. މީހުންގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު ތަކެތި އެތަނަށް ގެނެސް ވިއްކައެވެ. އަމިއްލަ ވިޔަފާރިވެރީންވެސް އެބަތިއްބެވެ. ނަމަވެސް އެމީހުންގެ ވިޔަފާރީގެ ދާއިރާ މާތަނަވަހެއް ނޫނެވެ.

މަލިކުގެ މަޝްހޫރު ކޮއިލަމުގެ ގޮވެލިގަނޑު ބުނާގޮތުން މަލިކުމީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކަކީ:

1. ދަތުރުކުރުން
2. މަސްވެރިކަން
3. ވަޑާންކުރުން
4. ދަގަނޑުތެޅުން
5. އަތްކަންކުރުން
6. ފޭރާންވިޔުން
7. ރާވެރިކަން

މިމަސައްކަތްތަކެވެ. ނަމަވެސް މިހާރު މަލިކުގައި ފޭރާންކުރުމެއް ނެތެވެ. މަލިކުގައިވެސް ފޭރާންކޮށް އުޅުނީ ރާއްޖޭގައި ފޭރާންކޮށް އުޅުނު ދުވަސްވަރުއެވެ. ހަމައެފަދައިން ތިލޭރުންނެއްވެސް ނެތެވެ. ދަގަނޑުތެޅުމުގެ މަސައްކަތް ހިސާބަކަށް އޮވެއެވެ. މަލިކުގެ ވަޑީންނަކީ ރާއްޖޭގެ ވަޑީން ފަދައިން ޅިސްލައިގެން އޮޑިދޯނިފަހަރު ބަންނަ ބަޔެކެވެ. ކުޅަދާނަ ރަނގަޅު ވަޑީން މަލިކުގައި އެބަތިއްބެވެ.

ކޮންމެއަކަސް މަލިކުގައި މިހާރު އެންމެފުޅާ ދާއިރާއެއްގައި ކުރެވޭ މަސައްކަތްތަކަކީ މަސްވެރިކަމާއި، ބޯޓުދަތުރުކުރުމާއި، ކުފުރާ އުފެއްދުމެވެ. ތިރީގައިމިވަނީ މަލިކުގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތަކަށް ބަލައިލެވިފައިވާ އަވަސް ބަލައިލުމެކެވެ.

މަސްވެރިކަން

މަސްވެރިކަމުގައި ދިވެހީންނަށް ލިބިފައިވާ ހުނަރުވެރިކަން ދިވެހީންނާއެކު ޙިއްޞާކުރާ ބަޔަކަށް ދުނިޔޭގައިތިބީ މަލިކުމީހުންނެވެ. އެމީހުން މަސްވެރިކަންކުރަނީ ދިވެހީންނާ އެއްގޮތަކަށެވެ. އެންހިފުމާއި ލަބަރީގައި އެންރޯކުރުމާއި މަސްބޭނުމުގައި ދިވެހީންނާއި މަލިކުމީހުންނާ އެއްގޮތެވެ. ގެންގުޅެނީ އެއްހުނަރުތަކަކާއި އެއްއުޞޫލުތަކެކެވެ.

މަލިކުގެކެޔޮޅުންގެ ވެރިޔާ އަދި ރަށުގެ އާރުކާޓީ އެދުރުކާގޭ ޢަލިތަކުރު ބުނާގޮތުގައި މަލިކުގެ މަސްވެރިކަމުގެ ހުނަރަކީ ދިވެހީންގެ ފަރާތުން އާދެ، ދެބައިމީހުންމެ އެއްނަސްލަކުންއައި ފަދައިން އެއްއަޞްލަކުން ލިބިގަތް މަސައްކަތެކެވެ.

މަލިކުގައި އެންމެ މަސްވެރިކަން ރަނގަޅީ އިރުވައި މޫސުމުގައެވެ. ނޮވެމްބަރުން ފެށިގެން މެއިމަހުގެ ނިޔަލަށެވެ. މަލިކުގެ ކެޔޮޅުން ބުނާގޮތުގައި އޮއިވަރުގެ ގޮތުން ބަލާއިރު އެންމެ މަސްވެރިކަން ރަނގަޅީ "ބީރާނީއޮއި" (އުތުރުއޮއި) ގައެވެ. ބީރާނީއޮޔަކީ ރާއްޖެއިން މަލިކާ ދިމާޔަށް ދަމާ އޮއިވަރެވެ. ތަކަންދުގޯތި އިސްމާޢީލްކާކަ ބުނާގޮތުގައި "މަލިކަށް ރަޙުމަތާއި ބަރަކާތާއި އަލިކަން ލިބެނީ" މިކޮޅުންނެވެ. ބީރާނީއޮއިގައި މަލިކުމީހުން މަހަށްދަނީ ކަންތުނޑުދަށަށެވެ.

ދެން އޮންނަ އޮއިވަރަކީ "ދަށޮއި" އެވެ. އެއީ އުތުރުން ދެކުނަށް ދަމާ އޮޔެވެ. އެދުވަސްވަރު މަހަށްދަނީ ސާލުމަގާ ދިމާއަށެވެ. ތިންވަނަ އޮޔަށް ކިޔަނީ "ފޮނުދޮއި" އެވެ. އެއީ ހުޅަނގުން އިރުއުތުރަށް ދަމާ އޮޔެވެ. އެދުވަސްވަރު މަހަށްދަނީ ރަށްގަނޑުމައްޗަށެވެ.

ރާއްޖޭގެ މަސްވެރީންނާއި މަލިކުގެ މަސްވެރީންނާ ދެމެދު އަޅުގަނޑަށް ފާހަގަކުރެވުނު އެންމެބޮޑު ތަފާތަކީ މަލިކުމީހުން މަސްއައިނުން މަސްބާނާއިރު ހަތްދޮށިން އެއްފަހަރާ މަސްބާނާކަމެވެ. ހަތްދޮށި އެއްފަހަރާ އަޅާއިރު އެއްދޮށި ހުންނަނީ ހުންގާނު ބޮލުގައެވެ. އެދޮށްޓާ ޖެހިގެން ދެފަރާތަށް ހުންނަނީ ދެ އަންޖާ ދޮށްޓެވެ. ދެން ދެފަރާތުގެ ގުދުމަތީ ދެދޮށްޓެވެ. ދެން ދެފަރާތުގެ ދެބަނޑުދޮށްޓެވެ.

މަލިކުގައިވެސް ކޮންމެ އޮޑިޔަކުން (މިހާރު "ލާންޗި"ން) މަހަށްދަނީ ތިން ކެޔޮޅުންނެވެ. އެމީހުން މަސްބާނަނީ މަތީކިބައިގައެވެ. މަތިކިބާ އަންޖާދޮށީން މަސްބާނަނީ ކެޔޮޅުމީހާއެވެ. ގުދުމަތީ ދޮށިން ދެވަނަ ކެޔޮޅެވެ. ބަނޑުދޮށިން ތިންވަނަ ކެޔޮޅެވެ. ދަށްކިބައިގައި ދޮށިއަޅަނީ ލާންޗީގައި ދެންތިބޭ މަސްބާނަން އެންމެރަނގަޅު ބަޔެކެވެ.

މަލިކުމީހުން ރާއްޖޭގެ މީހުންނެކޭ އެއްފަދައިން ވަދުމަސްބާނަން ވަދާވެސް ދެއެވެ. ވަދާދަނީ ރަށާގާތަށް އޮއިވަރު ލަފައިލައިފައި އޮންނަ ދުވަސްވަރުއެވެ. ވަދާގޮސް އާންމުކޮށް ބާނަނީ ކަންނެއްޔާއި ކުރުމަހެވެ. މަލިކުމީހުން ކުރުމަހަށް ކިޔަނީ ދިގުމަހެވެ. ރާއްޖޭގެ އެންމެދެކުނުގެ ދެއަތޮޅުގައިވެސް ކުރުމަހަށް ކިޔަނީ ދިގުމަހެވެ.

ދިވެހީންނެކޭ އެއްގޮތަށް މަލިކުމީހުންވެސް ކުރުމަސް ބޭނުމަށް ހޭމަސް ފިރުއްކައެވެ. ވަދުމަސްވެރިކަމުގައި ބޭނުންކުރުމަށް ވަދުހަދައިއުޅެނީ ކުކުޅުފަތާއި ކަށިކެޔޮފަތާއި ކަށިވާލީގެ ހުޅުންނެވެ. އެކިއެކި ވަނިވަންޏަށް މިޔަރު ބާނަން ގޮސް އުޅެއެވެ. މަލިކުމީހުން މިޔަރުބާނާ ވަނިތަކަކީ ކަންތުނޑުދަށާއި، މުރަނބާއި، މުލިމައްޗާއި ވިލިނގިލިދޮށާއި ރަށްގަނޑުމައްޗެވެ. ދިވެހީންނެކޭ އެއްގޮތަށް މަލިކުމީހުންވެސް ފަރުކެޔޮޅުކަމު ދެއެވެ. ފަރުމަސްބާނަނީ ވެންބޮޅު ނަގައިގެންނެވެ.

މަލިކުމީހުން އިހުގައި މަސްބަހައިއުޅުނު ކަމަށް އެދުރުކާގޭ އަލިތަކުރު ބުނަނީ:

އޮޑިޔަށް: 6 މަސް
ކެޔޮޅަށް: 4 މަސް
ރިޔަލަށް: 2 މަސް
ބުޅިޔަށް: 2 މަސް
މަހަށްދާ ބޮޑެތިމީހުންނަށް: 2/1 1 މަސް
ކުޑަކުދީންނަށް: 1 މަސް
ބޯއްޖަށް ފީނާމީހާއަށް: 2 މަސް
ދަލަށް: 1 މަސް

މިނިސްބަތުންނެވެ. މަސްބަހާއިރު އަތިރިމަތީގައި ތިބޭ މީހުންނަށް "ފަންނުމަސް" ދެއެވެ. މަސްބާނައިގެން އައުމުން މަސްކަރުއަޅަނީ އަތިރިމަތީގައި ތިބޭ ކުޑަކުދީންނެވެ. މަސްކަރުއެޅުމަށް މަލިކުމީހުން ކިޔަނީ މަސްވީދުމެވެ. މަހުގެ ބަނޑުގައި ހުންނަ ދޮންބިހާއި، ކިރުބިހާއި، މެއާއި ލަގޮނޑި ގެންދާނީ މަސްކަރުއަޅާ ކުދީންނެވެ.

މިހާރު މަސްބަހަނީ:

އޮޑިޔަށް: 3/1 މުޅިޖުމްލައިގެ
ކެޔޮޅަށް: 2 ބައި
މަސްވެރީން: 1 ބައި
ދައު: 1 ބައި
ބުޅި: 1 ބައި
އެއްގަމު މީހުންނަށް: 2/1 ބައި
ތެލަށް: 1 ބައި
ބޯއްޖަށް ފީނާމީހާއަށް: 2 ބައި

މިގޮތަށެވެ. މަސްވެރީންގެ ތެރޭގައި އަދިވެސް ވަރަށް ރަނގަޅުބައެއް ލިބޭ މީހަކު ހުރެއެވެ. އެއީ "ވަތްދޮންނަކާ" އެވެ. އޭނާގެ މަސްއޫލިއްޔަތުގެ ތެރޭގައި މަހަށް ދާން ދޯނީގެ ނުވަތަ ލޯންޗުގެ މީހުންނަށް ގޮވުމާއި، މަހުން ލެފުމުން ލޯންޗުގެ ނުވަތަ ދޯނީގެވަތް ދޮވެ ސާފުކުރުމާއި، އޮޑިވަޅުކަހައި، ކަނދުއަޅައިހެދުން ހިމެނެއެވެ. މަލިކުގެ މަސްވެރިކަމާބެހޭ ތަފާސްހިސާބުތަކުގެ މައްޗަށް ބަލާލާއިރު އެންމެފަހުގެ ތަފާސްހިސާބުތައް (1989 ގެ) ދައްކާ ޢަދަދުތައް ތިރީގައި މިވަނީއެވެ.

ލާންޗް (އިންޖީނުއެޅިދޯނި): 33
ވޯކްޝޮޕް: 1
މަސްބަންދުކުރާ ކާރުޚާނާ: 2
އަހަރަކު ބަންދުކުރެވޭ ދަޅުގެ ޢަދަދު: 30,000
ބޭނޭމަހުގެ ޢަދަދު: (މެޓްރިކްޓަނުން) 1375
މަހަށްލިބޭ އަގު: (އިންޑިޔާ ރުފިޔާ – ލައްކައިން) 68.75

މަލިކުގައި މަސްބަންދުކުރާ ކާރުޚާނާއެއް ހުރިކަމުގައިވިޔަސް އެތަން ހިންގަނީ ޖެނުއަރީން ފެށިގެން މެއިމަހުގެ ނިޔަލަށެވެ. އޭގެ ތެރެއިންވެސް ރަނގަޅަށް ހިނގަނީ ތިންމަހެއްހައި ދުވަހުއެވެ. ކޭނިން ފެކްޓަރީއަށް މަސްގަންނަނީ ކިލޯއެއް ހަރުފިޔާގެ ރޭޓުންނެވެ. ފެކްޓަރީ ހިންގާ ދުވަސްވަރުވެސް މަލިކަށްބާނާ ހުރިހާ މަހެއް ފެކްޓަރީއަކަށް ނުގަނެވެއެވެ. ފެކްޓަރީއަށް ގަންނަނީ ލޯންޗަކުން ވިއްސަކަށް ތިރީހަކަށް މަހެވެ. އެޢަދަދަށް މަސް ގަންނަނީވެސް ހެނދުނު ދިހަޔަކާ ހަވީރު ފަހަކާ ދެމެދުގައެވެ. އޭގެފަހުން މަސްގަތުމެއް ނޯވެއެވެ.

މަލިކުމީހުން ބާނާމަހުގެ ތެރެއިން ފެކްޓަރީއަށް ނުގަނެ ބާކީހުންނަ މަސްތައް ކައްކައި ހިއްކަނީއެވެ. މަލިކުގައި މަސްކައްކަނީ އައްޑުއަތޮޅާއި ފުވައްމުލަކުގައި މަސްކައްކާގޮތަށް މޫދުލޮނު އަޅައިގެންނެވެ. ދުމަށްޓަށް މަސްލުހެނީ ދެފަހަރަށް ކެއްކުމަށް ފަހުގައެވެ. މަލިކުގައި ކައްކާ ރިހާކުރު، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގައި ކައްކާ ރިހާކުރަށްވުރެ މާލޮނުގަދައެވެ.

މަލިކުމީހުން ތައްޔާރުކުރާ ހިކިމަސް މަލިކުގެ ކޯޕަރޭޓިވް ސޮސައިޓީއަށް ގަނެއެވެ. ސޮސައިޓީން މަސްފޮނުވަނީ ބޭޕޫރުގައި އޮންނަ އެސޮސައިޓީގެ ފެޑެރޭޝަން މެދުވެރިކޮށް ސޫތުކުޅިޔަށެވެ. ބައެއްފަހަރު ކޯޕަރޭޓިވް ސޮސައިޓީ މެދުވެރިނުކޮށް މަލިކުގެ އޮޑިފަހަރުގައިވެސް ސޫތުކުޅިޔަށް މަސް ގެންދެއެވެ. ސޫތުކުޅިޔަށް މަސްވިއްކަނީ ކިލޯއެއް ތިރީސް ފަސްރުފިޔާއާއި ސާޅީސްރުފިޔާއާ ދެމެދުގެ އަގުތަކަށެވެ.

އިންޑިޔާ ސަރުކާރުން ލަކްޝަދީބުގެ މަސްވެރިކަން ތަރައްޤީ ކުރުމަށް ވަރަށް ޚާއްޞަ ގޮތެއްގައި މަސައްކަތް ކުރެއެވެ. މަލިކުގެ ކެޔޮޅުން ގެންގޮސްގެން ލަކްޝަދީބުގެ އަގައްތީއާއި، އައްމިނިއާއި، ކަވަރައްތީއާއި، ކަލްޕޭނީގެ މީހުންނަށް އެންހިފުމާއި ދޮށީގެ މަސްވެރިކަން ދަސްކޮށްދިނުމުގެ މަޝްރޫޢެއް ހިންގައި މިހާރުވަނީ ނިމިފައެވެ.

މަރުކަޒީ ސަރުކާރުގެ ފަރާތުން ހިންގާ، މަސްވެރިކަމާބެހޭ ތަޙުލީލުކުރާ މަރުކަޒެއް މަލިކުގައި ހުރެއެވެ. އެތާނގެ ނަމަކީ "ސެންޓްރަލް މެރިން ފިޝަރީޒް ރިސާރޗް އިންސްޓިޓިއުޝަން" އެވެ. އެތާނގެ އިންޗާޖަކަށް ހުންނަނީ ސައިންޓިސްޓެކެވެ. މިއިންސްޓިޓިއުޝަންގެ ގޮފިތައް އިންޑިޔާގެ ހުރިހާ ސަރަޙައްދީ ޒޯންތަކެއްގައި ހުރެއެވެ. އެތާނގެ އެންމެ ޚާއްޞަ މަސައްކަތަކީ ފަޅުތެރޭގައި ހުންނަ ކުދި މަސްމަހާމެއްސާ ބެހޭ މަޢުލޫމާތު އެއްކުރުމެވެ.

މަލިކުގައި އިންޑިއަން ނޭވީގެ ގޮތްޕެއް (ނޭވަލް ޑިޓާޗްމެންޓެއް) އޮވެއެވެ. އެތާނގެ ވެރިޔަކަށް 1990 ސެޕްޓެމްބަރުގައި ހުރީ ލެފްޓިނެންޓް ކޭ.ޕީ.އެސް. ޕިއްލޭ އެވެ. އިންޑިޔާގެ ނޭވީން މަލިކުގެ މަސްވެރިކަމާބެހޭ ސަރަޙައްދު ބަލަހައްޓައެވެ.

(ނުނިމޭ)